މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑަޔާނާ.

17 ސެޕްޓެމްބަރ 2021 - 07:12

ބަތަލާ ނުޝްރަތު ބަރޫޗާގެ ފުރަތަމަ ބިރުވެރި ފިލްމު "ޗޯރީ" ނޮވެމްބަރު މަހުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި އޭގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.

ވިޝާލް ފޫރިއާ ޑައިރެކްޓްކުރި ފިލްމު ގެނެސްދޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. "ޗޯރީ" އަކީ ވިޝާލް 2017 ގައި ގެނެސްދިން މަރާޓީ ފިލްމު "ލަޕަޗައްޕީ" ގެ ރިމޭކެކެވެ. އޭގެ ބޮޑު ކާމިޔާބީއާ އެކު ފިލްމުގެ ހިންދީ ރިމޭކް ބެލުންތެރިންނަށް ގެނެސްދޭ އިރު މީގެ ކާސްޓްގައި މިތާ ވަޝިސްތު، ރާޖޭޝް ޖައިސް، ޝަގޫން ޝަރުމާ އަދި ސޯރަބް ގޯޔަލް ހިމެނެ އެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމުތައް ކަމަށްވާ "ޕިޔާރު ކާ ޕަންޗްނާމާ" އާއި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ކުޅުނު ނުޝްރަތު ބުނެފައިވާ ގޮތުގައި "ޗޯރީ" އަކީ ބެލުންތެރިން ވަރަށް ހީނުކުރާ ކަހަލަ ރޯލަކުން އޭނާ ފެނިގެންދާނެ ފިލްމެކެވެ.

ނުޝްރަތުގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ކަރަން ޖޯހަރްގެ ދަރުމާ އިން ގެނެސްދިން ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "އަޖީބް ދާސްތާންސް" އެވެ.

އަޖޭގެ ސިގްނޭޗާ ސްޓަންޓްގައި އިޝްތިހާރެއް

އަޖޭ ދޭވްގަންގެ ފުރަތަމަ ފިލްމު 1991 ގެ "ޕޫލް އޯރް ކާންޓޭ" އިން އޭނާ ދައްކައިލި އިރު ދެ ސައިކަލެއްގެ މަތީގައި ކޮއްޅަށް ހުރެގެން ހެދި ސިގްނޭޗާ ސްޓަންޓާ އެކު އިޝްތިހާރެއް އާންމުކޮށްފި އެވެ.

މި އިޝްތިހާރަކީ އިންޑިއާގެ މަޝްހޫރު ކުންފުނި މަހިންދުރަގެ އާ ޓްރަކް/ބަސް އިޝްތިހާރެކެވެ. އޭގައި ފެންނަނީ ސައިކަލުތައް މަތީގައި ކޮއްޅަށް ހުރި ގޮތަށް އަޖޭ ދެ ޓްރަކުގެ މަތީގައި ކޮއްޅަށް ހުންނަ ތަނެވެ. މި ސިގްނޭޗާ ސްޓަންޓަކީ އަޖޭގެ ބައެއް އެހެން ފިލްމުތަކުން ވެސް ދައްކާފައިވާ ސްޓަންޓެކެވެ.

އަޖޭގެ އާ އީޝްތިހާރު ސޯޝަލް މީޑިއާގައި ދައްކައިލި އިރު، އޭނާ މި ވަގުތު ހުރީ ޑިސްކަވަރީ ނެޓްވޯކްގެ ޝޫޓިންއަކަށް ރާއްޖޭގަ އެވެ.

އިޝާންގެ "ޕިއްޕާ" ގެ ޝޫޓިން ފަށައިފި

ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރު ސޮއިކޮށްފައި އޮތް ވަތަނީ ފިލްމު "ޕިއްޕާ" ގެ ޝޫޓިން ފަށައި، އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކުރާ ފިލްމެކެވެ. ރާޖާ އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އަކްޝޭގެ 2016 ގެ ފިލްމު "އެއާލިފްޓް" ގެނެސްދިން ޑައިރެކްޓަރެވެ.

އޭނާގެ "ޕިއްޕާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އަސްކަރިއްޔާގެ 45 ވަނަ ކަވަލްރީ ޓޭންކް ސްކޮޑްރަންގައި މަސައްކަތްކުރި ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ހަނގުރާމަ ފިލްމެކެވެ.

މި ފިލްގެ ބަތަލާ އަކީ އިޝާންގެ ބޭބެގެ ކުރިއަށް އޮތް ފިލްމު "ޖާޒީ" ގެ ބަތަލާ މުރްނާލް ތާކޫރެވެ.

އަނަންޔާ އާއި ސިދާންތުގެ ދެވަނަ ފިލްމު އިއުލާންކޮށްފި

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ސިދާންތު ޗަތުރަވެދީ ދެވަނަ ފިލްމަކަށް ސޮއިކުރި ވާހަކަ މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށް އެ ފިލްމު އިއުލާންކޮށްފި އެވެ.

"ކޯ ގަޔޭ ހަމް ކަހާ" ގެ ކާސްޓްގައި ނެޓްފްލިކްސްގެ ފިލްމު "ދަ ވައިޓް ޓައިގާ" ގެ ރޯލެއް ކުޅުނު ގޯރަވް އާދާޝް ވެސް ހިމެނެ އެވެ. ޒުވާން ތިން ތަރިންގެ އާ ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑޮިއުސްކޮށް، އަރުޖުން ވަރައިން ސިންގް ޑައިރެކްޓްކުރާ އެއްޗެކެވެ.

ސިދާންތު ބޮލީވުޑަށް ނުކުތީ އެކްސެލްގެ 2019 ގެ "ގަލީ ބޯއި" އިންނެވެ. އެތަނުގެ އިތުރު ދެ ފިލްމެއް ވެސް އޭނާގެ އަތުގައި އެބައޮތެވެ. އެއީ "ފޯންބޫތު" އާއި "ޔުދުރާ" އެވެ.

ސިދާންތާއި އަނަންޔާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ޑައިރެކްޓްކޮށްފައިވާ ތުރިލާއަކުންނެވެ. ނަން އަދި އިއުލާން ނުކުރާ އެ ފިލްމުގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454