ނޭހާ.
21 ސެޕްޓެމްބަރ 2021 - 06:47
ބަލިވެއިނުމާ ގުޅިގެން ގިނަ ފިލްމުތަކެއް ގެއްލިފައިވާ ކަމަށް، މިހާރު ދެވަނަ ދަރިފުޅު ވިހަން ތައްޔާރުވެފައިވާ ބޮލީވުޑްގެ ބަތަނާ ނޭހާ ދޫޕީއާ ބުނެފި އެވެ.
އެކްޓަރު އަންގަދު ބޭދީއާ 2018 ގައި ކައިވެނިކުރި ކުރީގެ މިސް އިންޑިއާ ދި ކްއިންޓަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ބަތަލާއިންނާ ދޭތެރޭ އިންޑަސްޓްރީން އަދިވެސް ކަންތައް ކުރަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެކަން ދެވަނަ ދަރިފުޅަށް ބަލިވެއިނުމާ އެކު ވަރަށް ބޮޑަށް ތަޖުރިބާކުރަން ޖެހުނު ކަމަށް ބުންޏެވެ.
"އެތައް ޕްރޮޖެކްޓެއް އަހަންނަށް ގެއްލިފައިވޭ. ސޮއިކުރި ބައެއް ފިލްމުތަކުގެ ޕްރޮޑިއުސަރުންގެ އަހަރެންގެ އަތުން ފިލްމުމުތައް ނެގީ ބަލިވެއިނީމަ އެކަން އުޒުރަކަށް ހަދާފައި. ބައެއް ޕްރޮޑިއުސަރުން ބުނެފައި ވަނީ ނޭހާ ބަލިވެއިނީމަ ނެތޭ ތިމަންނާމެންނަކަށް އެކީގައި މަސައްކަތްކުރެވޭކަށް،" ލީޑް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތް ނަމަވެސް މި ފަހުން މުޅިން ވެސް ސަޕޯޓިން ރޯލުތަކެއް ކުޅޭ ނޭހާ ބުންޏެވެ. "އެފަދަ ބައެއް ހާލަތްތަކުގައި އެދިފައި ވެސް ވާނެ ދެވަނަ ފުރުސަތެއްދީ، ކުރިއަށް ދެވޭނެ އިތުރު ގޮތެއް ހޯދަން ވެސް. އެކަމަކު ގިނަ ޕްރޮޑިއުސަރުންގެ ޖަވާބަނީ ނޫނެކޭ."
ބަލިވެއިނުމާ ގުޅިގެން ގިނަ ފިލްމުތަކެއް ގެއްލުނަސް ބަނޑަށް އަށް މަހުގައި ވެސް ނޭހާ، 41، ވަނީ ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ނިންމައިލި "އަ ތާޒްޑޭ" އެވެ. ރޯނީ ސްކްރޫވާ ޕްރޮޑިއުސްކުރާ އެ ފިލްމަކީ ބެހެޒާދު ކަމްބާޓާގެ ޑައިރެކްޓްކޮށްފައިވާ ތުރިލާއެކެވެ. ޔާމީ ގޯތަމް މައިގަނޑު ރޯލުން ފެންނާނެ "އަ ތާޒްޑޭ" ގައި ނޭހާ ކުޅުނީ ކެތެރީން އަލްވަރޭޒް ކިޔާ މާބަނޑު ފުލުހެއްގެ ރޯލެވެ.
"އަހަރެން އުފާކުރަން ބަލިވެއިންދައި ވެސް ރޯލެއް ކުޅެން ބެހެޒާދު ދިނީތީ. އެއީ އަސްލު ވަރަށް ބޮޑު މޯޓިވޭޝަނެއް ލިބުނު ކަމެއް،" ނޭހާ ބުންޏެވެ. "އެކަމަކު އަދިވެސް މައްސަލަ އަކީ ބެހެޒާދު ކަހަލަ އޯޕަން މައިންޑެޑް މީހުން އަހަރެމެންގެ އިންޑަސްޓްރީގައި މަދުކަމުން."
ދެެހާސް ތިނެއްގެ "ގަޔާމަތު: ސިޓީ އަންޑަ ތުރެޓް" އިން ބޮލީވުޑަށް ނުކުތް ނޭހާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އެކްޝަން ތަރި ވިދުޔަތު ޖަމްވަލްގެ "ސަނަކް" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy