ދުނިޔެ / އެމެރިކާ

ހަތިޔާރު ބޭނުން ކުރާނީ އެނޫން ގޮތެއް ނެތިއްޔާ: ބައިޑެން

ސެޕްޓެމްބަރ 21، 2021؛ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަ ދައްކަވަނީ. --އޭއެފްޕީ

22 ސެޕްޓެމްބަރ 2021 - 14:51

3 comments

ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި އަސްކަރީ ހަތިޔާރުގެ ބޭނުން ކުރަންވާނީ، އެ ނޫން އެހެން ގޮތެއް ނެތިއްޔާ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށް ދާ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ޖަލްސާގައި ތަގުރީރު ކުރައްވަމުން ބައިޑެން ވަނީ، ކަންކަން ހައްލުކުރުމުގައި މާބޮޑަށް އަސްކަރީ ބާރަށް ބަރޯސާވާކަމަށް ވިދާޅުވެ، އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެމެރިކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އދ.ގައި ދެއްވި ފުރަތަމަ ތަގުރީރުގައި ބައިޑެން ވިދާޅުވި ގޮތުގައި، މިހާރު ފެތުރެމުންދާ ކޮވިޑް ވަބާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި އިންޓަނެޓްގެ ޒަރީއާ އިން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމުގައި، އެމެރިކާ އިން ދެން ބޭނުންކުރާނެ ވަސީލަތަކީ ބައިނަލްއަގުވާމީ ޑިޕްލޮމެސީ އެވެ.

ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑަށް ތިލަވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް، ބައިނަލްއަގުވާމީ މުޖްތަމައަށް ބައިޑެން ގޮވައިލެއްވި އެވެ. އަދި އެމެރިކާގެ ސިޔާސަތަކީ އެންމެންނާ ވެސް ގުޅިގެން ކަންކަން ހައްލު ކުރުން ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ބަހުސްތަކުގައި އަހަރެމެން މިތިބީ އެނބުރި މޭޒު ދޮށަށް އައިސް. އެންމެން ހިއްސާކުރަމުންދާ ގޮންޖެހުންތަކަށް ސަމާލުކަން ދިނުމަށާއި، އެގޮންޖެހުންތަކުން އަރައިގަތުމަށް، އދ. މަޖިލީހުގެ ތެރެއިން، ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތަށް ބާރުއަޅައިދިނުމުގެ ގޮތުން، އަހަރެމެން މިތިބީ މޭޒު ދޮށަށް އައިސް،" ބައިޑަން ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުގައި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން، ބައިނަލްއަގުވާމީ ބައެއް އިދާރާތަކާ ގުޅުން ކަނޑައިލި އެވެ. އެގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން އެމެރިކާ ވަނީ ވަކިވެފަ އެވެ.

ނަމަވެސް، ބައިޑެންގެ ސަރުކާރުން މިހާރު ބޭނުންވަނީ، އެފަދަ ޖަމާއަތްތަކާ އެކުގައި ގާތް ގުޅުމެއް ބާއްވައިގެން ކުރިއަށް ދާށެވެ. އެ ގޮތުން މި އަންނަ އަހަރުގެ ތެރޭގައި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ގޮނޑިއެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

އަފްގާނިސްތާނުގައި އެމެރިކާ އިން ކުރި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާގެ ހަކަތަ އާއި ވަސީލަތްތައް ދެން އަމާޒު ކުރާނީ ކުރިމަގަށެވެ.

"ވިހި އަހަރުގެ ތެރޭގައި، އެމެރިކާ އިން ހަނގުރާމައެއް ނުކުރާ ހާލަތުގައި، އެމެރިކާގެ ރައީސަކު މިތަނުގައި ހުއްޓި ހުންނަ މިއީ ފުރަތަމަ ފަހަރު."

އީރާންގެ ނިއުކްލިއާ އިންޖީނުގޭގައި އެ ގައުމުގެ ބައެއް ވެރިން. --އޭއެފްޕީ

ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާގެ އަމިއްލަ ނަފްސުގެ ދިފާއުގައި ވިޔަސް، އަސްކަރީ ބާރުގެ ބޭނުންކުރާނީ، ކޮންމެހެން އެކަން ކުރަން ޖެހިއްޖެ ނަމަ އެވެ. ހަތިޔާރުގެ ބޭނުންކުރަން ވާނީ، ކަންކަން ހައްލުކުރުމަށް އެނޫން ގޮތެއް ނެތުމުންކަން ފާހަގަކުރައްވައި ބައިޑެން ވިދާޅުވީ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަކީ ހަތިޔާރުން ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށެވެ.

"ބޮމާއި އުންޑަ ބޭނުންކޮށްގެން، ކޮވިޑް-19 ވަބާއިން ވެސް އަދި ކުރިމަގުގައި އުފެދޭ އެ ރޯގާގެ އެހެން ބާވަތްތަކުން ވެސް އަހަރެމެންނަށް ދިފާއެއް ނުވެވޭނެ. މި ވަބާއާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި، އަހަރެމެންނަށް ބޭނުންވަނީ ސައެންސްގެ ދާއިރާއިން ޖަމާއީ ގޮތެއްގައި އަޅާ ފިޔަވަޅުތަކާއި ސިޔާސީ އަޒުމް. މި ވަބާއިން އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި، އަހަރެމެންނަށް މި ވަގުތު ބޭނުމީ، ވީ އެންމެ އަވަހަކަށް އެންމެނަށް ވެކްސިން ޖެހުމާއި، ފަސޭހައިން އޮކްސިޖަން ލިބޭނެ ގޮތްވުމާއި، މިބައްޔަށް ޓެސްޓުކުރެވޭނެ ގޮތްވުމާއި، ފަރުވާ ކުރެވޭނެ ގޮތްވުން،" ބައިޑެން ވިދާޅުވި އެވެ.

މިހާރު ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް ވަބާއިން ރައްކާތެރިވުމަށްޓަކައި، މުޅި ދުނިޔޭގެ ސިއްހީ ރައްކާތެރިކަމަށް ހޭދަކުރެވޭނެ އާ އިންތިޒާމެއް ހަމަޖެއްސުން މުހިންމު ކަމަށް ބައިޑެން ވިދާޅުވި އެވެ. އޭގެ އިތުރުން، ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެމެރިކާ އިން މިހާރު ކުރަމުން އަންނަ ހޭދަ، ދެ ގުނަ އަށް އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާ އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އޯކަސް އިއްތިހާދާ ބެހޭ ގޮތުން ރައީސް ބައިޑެން ނޫސްވެރިންނާ ވާހަކަދައްކަވަނީ. --އޭއެފްޕީ

އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ގުޅިގެން ދާދި ފަހުން އެކުލަވައިލި އޯކަސް އިއްތިހާދާ ގުޅިގެން ޗައިނާއިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ވެސް ބައިޑެން ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ވާދަވެރި ގައުމުތަކާ އެކު ފިނި ހަނގުރާމައެއްގެ ތެރެއަށް ވަންނަން އެމެރިކާ މަސައްކަތް ނުކުރާ ކަމަށެވެ.

"ބައެއް ދާއިރާތަކުން އެކި ގައުމުތަކާއި އެމެރިކާއާ ދެމެދު ދެބަސްވުންތަކެއް ހުއްޓަސް، އަހަރެމެން އެންމެން ހިއްސާވާ ގޮންޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކޮންމެ ގައުމަކާ އެކުގައި މަސައްކަތް ކުރަން އެމެރިކާ އޮތީ ތައްޔާރަށް،" ބައިޑެން ވިދާޅުވި އެވެ.

"ކޮވިޑް-19 އާއި މޫސުމަށް އަންނަ ބަދަލުތަކާއި ނިއުކްލިއާ ހަތިޔާރު ފެތުރުން ފަދަ ނުރައްކާތަކާ ކުރިމަތިލުމުގައި، އަހަރެމެން އެއްގަލަކަށް ނާރައިފި ނަމަ، އަހަރެމެންގެ ނާކާމިޔާބީގެ ނަތީޖާތަކުގެ ވޭން އަހަރެމެން ތަހައްމަލް ކުރަން ޖެހޭނެ."

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ބައިޑެން ދުނިޔެއަށް ހަނދާންކޮށްދެއްވީ، އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯދިޔަނުދިނުމަށް އެމެރިކާ މަސައްކަތް ކުރާނެ ކަމެވެ. ތަރައްގީވެފައިވާ ގައުމުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއާ މުއާހަދާ އިން، އެމެރިކާ އަމިއްލަ އަށް ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅީ، 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމާ މި އަހަރުގެ ޖެނުއަރީގައި ބައިޑެން ހަވާލުވުމަށް ފަހު، އެ މުއާހަދާގައި އަލުން އެމެރިކާ ބައިވެރިވާން ނިންމެވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން ވިއެނާގައި އީރާނާ އެކު މަޝްވަރާތަކެއް ވެސް ފެށި އެވެ. ނަމަވެސް، އީރާންގެ ރިއާސީ ދައުރު ނިމެން ކައިރިވުމާ އެކު، މިދިޔަ ޖޫން މަހުގެ ތެރޭގައި، އީރާނުން ވަނީ އެ މަޝްވަރާތައް މެދުކަނޑާލައިފަ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަހުޔާ.

23 September 2021

ދެމޫނުގެ ވެރިން. މުނާފިގުން. ތިއަ ވައްތަރުގެ ވެރިން ދެން ތިބޭނީ ގަލްފުގެ ޢަރަބި ގައުމުތަކުގަ.

The name is already taken The name is available. Register?

ކާފިއު

22 September 2021

ދުނިޔޭގެ އަނެއްބިތުގެ ދިހަބާރަ ގައުމަށް ބޮންއަޅައަޅާތިބެ ތިކަހަލަ ވާހަކަ ތިދައްކަނީ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

22 September 2021

ބައިޑަން މޮޅުވާހަކަނުދައްކާ. މިހާރުވެސް ތިދަނީ އިރާނަށް ބިރުދައްކަމުން. އެކަމަކު އިރާނުން ކަލޭމެންނަށް ކޮންކަމެއް ކުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454