ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން މިއަދު މަޖިލީހަށް ހާޒިރުވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ--- ފޮޓޯ: މަޖިލިސް
27 ސެޕްޓެމްބަރ 2021 - 10:59
ޅ. ނައިފަރުގައި އައިސްޕްލާންޓެއް ބަހައްޓައި ދިނުމަށް އެ ރަށުގެ މަސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިފައި ނުވާ ކަމަށާއި އެ ކަން ކޮށްދެއްވާނެ ރައީސް ވެސް ވިދާޅުވެފައި ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ނައިފަރުގައި އައިސް ޕްލާންޓެއް ބަހައްޓައި ދިނުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ނައިފަރުގެ މަސްވެރިންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދެއް ކަމަށާއި މިހާތަނަށް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާތީ، އެކަމާ ބެހޭ ގޮތުން އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ނައިފަރަށް ވަޑައިގެން، އެ ރަށުގެ މަސްވެރިންނާ ބައްދަލު ކުރައްވައި، އައިސް ޕްލާންޓެއް ބަހައްޓައި ދޭނެ ކަަމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދަވަނީ ކީއްވެގެންތޯ ޝިޔާމް ސުވާލު ކުރެއްވުމުން، މަސްވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅުވީ، އެ ބައްދަލުވުމުގެ ރިކޯޑިން މިހާރު ވެސް އެބައޮތް ކަމަށާއިި މަސްވެރިން އެދުނީ ލުއި ގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި އެ ރެކޯޑިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަރުވާނެ ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ.
ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ، ނައިފަރުގައި އައިސް ޕްލާންޓެއް ބަހައްޓައިދޭނެ ކަމަށް އެއް ފަރަށް ވުރެ ގިނަ ފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ރަށުގައި މި ވަގުތު ވެސް މަހަށް ފުރާ 24 އުޅަނދެއް އޮތް އިރު، ރަނގަޅަށް މަސް ބާނާ ދުވަސްވަރެއް ނަމަ ފެލިވަރުން ލިބޭ އައިސް އިން ނުފުދޭނެ ކަން ޝިިޔާމް ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް، މަސްވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ހުސައިންއާ ސުވާލު ކުރައްވަނީ.---ފޮޓޯ: މަޖިލިސް
އެކަމަކު، ނައިފަރުގައި އައިސްޕްލާންޓެއް ބެހެއްޓުމުގެ ވައުދު ރައީސް ވެވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އޭނާ ވިދާޅުވީ، ލުއި ގޮތަކަށް އައިސް ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ނައިފަރުގެ މަސްވެރިން އެދިފައިވާތީ، އޭރު 1،060ރ. އަށް ގަންނަމުން ދިޔަ އައިސް ޓަނެއް 750ރ. އަށް ފެލިވަރުން ލިބޭނެ ގޮތް މި ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށެވެ.
"މި ބައްދަލުކުރެއްވުމުގައި [ނައިފަރުގެ މަސްވެރިންނާއެކު ރައީސް ބޭއްވި ބައްދަލުވުން] ނައިފަރުގެ މަސްވެރިން ރައީސްްގެ ކިބައިން އެދުނު ކަންކަމުގެ ތެރޭގައި ނައިފަރުގައި އައިސް ޕްލާންޓެއް ހަދައިދޭކަށް އެދިފައެއް ނެތް،" ޑރ. ހުސައިން ވިދާޅުވިި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ނައިފަރާ އެންމެ ތިން ކިލޯމީޓަރު ދުރުގައި އޮންނަ ފެލިވަރުން މިހާރު ވެސް 75 ޓަނުގެ އައިސް ދުވާލަކު ލިބެ އެވެ.
"ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ދުވާލަކު 200 ޓަނު މަސް ފިނިކުރާނެ ބްރައިން ފްރީޒިން އާއި ދުވާލަކު 80 ޓަނު ފިނިކުރާނެ ރެފްރަޖްރޭޓިވް ސީ ވޯޓާ ސިސްޓަމްސް އަދި ޖުމުލަ 280 ޓަނު މަސް ފިނިކޮށް ގަނޑުކުރުމުގެ ގާބިލުކަން ގާއިމު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާންނާތި ނައިފަރަށް ވޯޓުހޯދަން
27 September 2021
މިނިސްޓަރ ވަރަށްގިނަ ދޮގު ހަދައިފި. ފެލިވަރުން 750 ރުފިޔާއަށް އައިސްޓަނެއް އިބޫގެ ވެރިކަމުގައި ދިނީ ކޮންދުވަހަކުތޯ. ނައިފަރު މަސްވެރިންނަށް ވިއްކަން ދުވާލަކަށް އުފައްދާ 200 ޓަނުގެ އައިސްއިން ނައިފަރުގެ ދޯނުފަހަރަށްދެނީ އެއްކޮށި އައިސް . ޢެއީ ގާތްގަނޑަކަށް 800 ކިލޯވަރުު ޢެކަމަކު އައިސްޓަނެއްގެ ނަމުގައިވިއްކަނީ. ތިޔަ ޖަލްސާގެރެކޯޑިން ނައިފަރުގެ. މަސްވެރިން އަޑުއަހާލަންދީބަލަ. ޢިބޫ ނައިފަރު ރައްޔިތުންނަށް ވައުދެއްނުވޭ. މަސްވެރިންނަށް ވިއޭ ބުނަނީ.
ސަސި
27 September 2021
ވައުދުނުވެ ހުރި ކަންކަން ކަމުގެ ވާހަކަ ބާއްވާފަ ވައުދު ވެފަ ހުރި ކަންކަން ވޭތޯ ބަލަން އުޅެބަލަ.
ކަރީމުއްދީން ބާޝާ
27 September 2021
ވައުދުތައް އޮޅާލާ އެންމެން އުސްތިއުފާދޭންއުޅޭ.
ބޮޑުވަޒީރު
27 September 2021
ގިނަ ޕާލަމެންޓް މެމްބަރުން - ނުވަތަ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން - ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވިސްނަނީ ތަމްސީލު ކުރައްވާ ދާއިރާއަށް ޕްރޮޖެކްޓް ތަކާ އަމިއްލަ އަށް ފައިދާ ނެގިދާނެ ހަރަކާތްތަކެއް ސަރުކާރު ލައްވާކުރުވުން. ހެޔޮނުވާނެ ތިބޭފުޅުންގެ މަސައްކަތަކީ ދިވެހި ދައުލަތް - ރިޕަބްލިކް - ފުރިހަމައަށް ހިންގޭނޭ ޤާނޫނީ އޮނިގަނޑު ފައްކާކުރުން ކަމެއް އެއްވެސް ބޭފުޅެއްގެ ސިކުނޑިއެއްގަި ނުހުރޭ - އަޖައިބެއް ނުވަނެ! ސިޔާމް މޮނަނުވެބަލ!