މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކަށް މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރުންގެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހަދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް 56 ފަޅުވެރިއަކު އެ ކޯސް ފުރިހަމަކޮށްފި އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފަޅުވެރިން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ. މިނިސްޓްރީން ހިންގާ ޕްރޮގްރާމުގެ އެހީގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރަށްރަށުން ޑައިވަރުން ތަމްރީނުކުރި އަދަދުތައް:
- ގއ. ކޮލަމާފުށި 5
- ގއ. ވިލިނގިލި 14
- ގއ. ދެއްވަދޫ 7
- ގއ. ނިލަންދޫ 4
- ގއ. ދާންދޫ 7
- ގދ. މަޑަވެލި 8
- އައްޑޫ މަރަދޫ 11
ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ މަސްވެރިން މޫދަށް ފީނާއިރު ވަރަށް ގިނައިން ހިތާމަވެރި ހާދިސާތައް ހިނގާތީ އެ ހާދިސާތައް މަދުކުރުމަށް، ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޑައިވަރުން އުޅަނދުފަހަރުގައި ތިބުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ، ރައީސް ނިންމެވީ މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކާ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދާށެވެ.