ދުނިޔެ / މޫސުން

ތޫފާން ގުލާބު އިންޑިއާގެ އިރުމަތީ އައްސޭރިއަށް

ގުލާބު ތޫފާން، އިންޑިއާގެ އޮޑިއްސާ އަށް އަރަމުން ދަނީ

27 ސެޕްޓެމްބަރ 2021 - 09:16

ބޭ އޮފް ބެންގޯލްގައި އުފެދުނު ތޫފާން ގުލާބު، އިންޑިއާގެ އިރުމަތީ ފަރާތު އައްސޭރި އަށް އަރަން ފެށުމާ ގުޅިގެން، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުން ދާތީ، އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި އެވެ.

ގުލާބު ތޫފާން، އިންޑިއާގެ އިރުމަތީ އައްސޭރި ސަރަހައްދަށް، މިއަދު އަރަން ފަށާނެ ކަމަށް ލަފާކުރެވިފައިވާތީ، އިރުމަތީ ސަރަހައްދުގެ ތިން ސްޓޭޓެއްގެ އެތައް ހާސް ބަޔަކު މިހާރު ވަނީ ދުރު ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ. މި ތޫފާނުގެ ކޮޅިގަނޑުތައް މިހާރު ވަނީ އިރުމަތީގެ އޮޑިއްސާ އަށާއި އަންދްރަ ޕްރަދޭޝް އަށް ޖެހެން ފަށައިފަ އެވެ.

މީގެ ހަތަރު މަސް ކުރިން އައި ތޫފާނެއްގައި ވެސް އިންޑިއާގެ އިރުމަތީ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް، މިހާރު އުފެދިފައިވާ ތޫފާން ގުލާބު، އެ ސަރަހައްދުގެ އެއްގަމަށް އަރާއިރު، ވައިގެ ބާރުމިން ގަޑިއަކު 95 ކިލޯމީޓަރަށް ވުރެ ބާރުވާނެ ކަމަށް ލަފާކުރެވެ އެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، ތޫފާން ގުލާބު، އޮޑިއްސާ އާއި އަންދްރަ ޕްރަދޭޝްގެ ސަރަހައްދުތަކަށް އަރައިގެން އަންނަ އިރު، ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ.

އެހެންކަމުން ކޯރުތަކާއި ކުޅި ފަދަ ތަންތަނާ ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ސަރުކާރުން މިހާރު ވަނީ އަންގައިފަ އެވެ. އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު މިހާރު ވެސް ރައްކާތެރި ތަންތަނަށް ދަތުރުކޮށްފި އެވެ.

މިއަދަކީ އިރުމަތީ ސަރަހައްދަށް އެންމެ ބޮޑަށް ތޫފާންގެ އަސަރު ކުރާނެ ދުވަސް ކަމަށްވާތީ، އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ އެންމެން ވެސް، ތޫފާނުގައި މެދުވެރިވެދާނެ ހާދިސާތަކަށް ސަމާލުވެގެން ތިބުމަށް އިންޑިއާ ސަރުކާރުން ދަނީ އަންގަމުންނެވެ. އެ ގޮތުން ބާރު ވައިގެ ސަބަބުން ކަރަންޓު ހޮޅިދަނޑިތަކާއި ރުއްގަހާއި އިސްތިހާރު ބޯޑުތައް ފަދަ ތަކެތި ވެއްޓުމާއި ވިއްސައިގެން ދިއުން ފަދަ ކަންތައް މެދުވެރިވާނެ ކަމަށް އިންޒާރުކޮށްފައިވެ އެވެ.

މީގެ އިތުރުން ކޯރުތަކާއި ކުޅި ފަދަ ތަންތަން ކުއްލި ގޮތަކަށް ފުރިގެން ބަންޑުންވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ.

އޮޑިއްސާގެ ސްޕެޝަލް ރިލީފް ކޮމިޝަނަރު ޕީކޭ ޖެނާ ވިދާޅުވި ގޮތުގައި އެ ސްޓޭޓްގެ ހަތް ސަރަހައްދު މިހާރު ވެސް އޮތީ ފުރިހަމަ ތައްޔާރީ ހާލަތުގަ އެވެ. އަދި ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންދްރަ ޕްރަދޭޝްގެ ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް 85 ހާހަށް ވުރެ ގިނަ އާއިލާ، ރައްކާތެރި އުސް ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ ވެރިޔާ ސަތުޔާ ޕްރަދާން ވިދާޅުވި ގޮތުގައި ކުއްލި އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ މީހުން މިހާރު ވަނީ އަންދްރަ ޕްރަދޭޝް އަށް ފޮނުވައިފަ އެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާގެ އިރުމަތީ ސަރަހައްދަށް އެރި ޔާސް ތޫފާނުން ރައްކާތެރި ވުމުގެ ގޮތުން، މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވުނެވެ. އެ ތޫފާން އެއްގަމަށް އަރައިގެން އައި އިރު، ގަޑިއަކު 155 ކިލޯމީޓަރު ބާރުމިނުގައި ވައި ޖެހުނެވެ.

ބޭ އޮފް ބެންގޯލްގައި އާންމު ގޮތެއްގައި ތޫފާންތައް އުފެދެނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހާއި ނޮވެމްބަރު މަހާ ދެމެދުގަ އެވެ. އެ ސަރަހައްދުގައި އުފެދޭ ތޫފާންތަކުގެ ސަބަބުން އިންޑިއާގެ އިރުމަތީ ސަރަހައްދަށާއި ބަންގްލަދޭޝް އަށް ވެސް ކޮންމެ އަހަރަކު، އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބެ އެވެ. އަދި ބައެއް ތޫފާންތަކުގައި އެތައް ބަޔަކު މަރުވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454