އަރަބިކަނޑުގައި އޮތް ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ބާރުގަަދަވަމުން އަންނަ ކަމަށާއި އެ ތޫފާނުގެ މިސްރާބު ހުރީ އިންޑިއާގެ އުތުރު ސަރަހައްދަށް ކަަމަށް މޫސުން ލަފާކުރާ ބައިނަލްއަގުވާމީ ފަރާތްތަކުން ބުނެފި އެވެ.
މޫސުމާ ބެހޭ ހަބަރުތައް ގެނެސްދޭ ވެދަ ނިއުސް އިން ބުނީ އަރަބިކަނޑުގައި ހުރި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ބާރުގަދަވަމުން އަންނަ އިރު އެ ތޫފާން އަރާނެކަމަށް ލަފާކުރެވެނީ އިންޑިއާގެ ހުޅަނގު ސަަރަހައްދަށާއި ޕާކިސްތާނަށް ކަމަށެވެ.
އަަރަބިކަނޑުގައި "92އެ" ގެ ނަމުގައި ސައިންސްވެރިން ފާހަގަކޮށް ބަލަމުން އައި ކޮޅިގަނޑު ޓްރޮޕިކަލް ސައިކްލޯނަކަށް ބަދަލުވުމުން މިހާރު ދީފައިވާ ނަމަކީ "ޓްރޮޕިކަލް ސައިކްލޯން ވަން އޭ" އެވެ. އަދި ބާރުގަދަވެ، ސައިކްލޯން އެއްގެ ދަރަޖައަށް ދިއުމުން ކިޔާނީ ސައިކްލޯން ޓުކްޓޭ އެވެ.
ތޫފާން ހުރި ސަރަހައްދުގެ ހާލަތު މިހާރު ހުރިގޮތަށް ބަލައި ސައިންސްވެރިން ލަފާކުރަނީ އެއީ ކައިރި މާޒީއެއްގައި އިންޑިއާއަށާއި ޕާކިސްތާނަށް އަރާފައި ނުވާ ވަރުގެ ބާރުގަދަ ތޫފާނަކަށް ވާނެ ކަަމަށެވެ. އިންޑިއާގެ ކެރެލާ ސްޓޭޓާ ދިމާލުން ބޭރުގައި ހުރި އެ ތޫފާން ދަތުރުކުރާނެ ކަމަށް ލަފާ ކުރާ މަގުގައި އޮތީ އެ ގައުމުގެ ގުޖުރާތު ސްޓޭޓާއި ޕާކިސްތާނުގެ އިރުދެކުނު ސަަރަހައްދުތަކެވެ. ޕާކިސްތާނަށް އެ ތޫފާން އަރައިފި ނަމަ ވާނީ 1999 ވަނަ އަހަރުގެ ފަހުން އެގަައުމަށް އަރާ އެންމެ ބާރުގަދަ ތޫފާނަށެވެ.
ވެދަ ނިއުސް އިން ބުނި ގޮތުގައި ބާރުގަދަވަމުން ގުޖުރާތާ ދިމާލަށް ދަތުރުކުރަމުންދާއިރު އިންޑިއާގެ ދެކުނު ސަރަހައްދުގައިވާ ކެރެލާއާއި ކަރުނަޓާކާއަށް ވެސް ވައިގަދަވުމާއި ބޯކޮށް ވާރޭ ވެހުން އަދި އުދަ އެރުމުގެ ސަަބަބުން ބޮޑެތި ގެއްލުންތައް ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ތޫފާން އިންޑިއާގެ އެއްގަމަށް އަރާނެކަމަށް ލަފާކުރެވެނީ އާދީއްތަދުވަހު މެންދުރުފަހު ނުވަތަ ހޯމަދުވަހު އެވެ.
ތޫފާނުގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށް ވެސް މޫސުން ވަރަށް ގޯސްވާނެކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ތޫފާނުގެ ސަބަބުން މުޅި މިސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވެސް ދަނީ ގަދަވަޔާއެކު ވާރޭ ވެހެމުންނެވެ. ރާއްޖޭގެ ބައެއް ރަަށްތަކަށް މިއަދު އުދަވެސް އެރި އެވެ.
ރާއްޖޭގެ އުތުރު ސަަރަހަށްދަށް މިހާރު ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. މޫސުމާ ބެހޭ އިދާރާއިން މީގެ ކުޑައރުކޮޅެއް ކުރިން ނެރުނު އެލާަޓްގައި ބުނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް އާއްމުގޮތެއްގައި ގަޑިއަކު 34 މޭލާއި 42 މޭލާ ދެމެދުގެ ބާރުމިނެއްގައި އަދި ވިލާގަނޑުގައި 60 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ބޯކޮށް ވާރޭ ވެހުމުގެ އިތުރުން އެ ސަރަހައްދުގެ ރަށްތަކަށް ރާޅު އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުންޏެވެ.