10 އޮކްޓޯބަރ 2021 - 18:41
އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ އިސް ވެރިންނާއި އެމެރިކާ ސަރުކާރުގެ މަންދޫބުންނާ ދެމެދު، ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.
އަފްގާނިސްތާނުގެ ވަގުތީ ސަރުކާރުގެ ހާރިޖީ ވަޒީރު އަމީރް ޚާން މުއްތަގީ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ހުޅުވިގެން އެ ދިޔައީ މުޅިން އާ ސޮފުހާއެކެވެ. މިއީ އެމެރިކާ ސިފައިން 20 އަހަރަށް ފަހު، މިދިޔަ އޮގަސްޓް 30 ވަނަ ދުވަހު އަފްގާނިސްތާނުން ފައިބައިގެން ދިޔަ ފަހުން، ތާލިބާނުންނާ އެކު ރަސްމީ ސިފައެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
އަފްގާނިސްތާނުގެ ވަގުތީ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އިއްޔެގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރީ އަފްގާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ހޯދުމާ ގުޅޭ ގޮތުންނެވެ. އޭގެ އިތުރުން، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް މަގު ފަހިކުރުމުގެ ގޮތުން، މިދިޔަ އަހަރު އެމެރިކާ ސަރުކާރާއި ތާލިބާން ޖަމާއަތާ ދެމެދު ސޮއިކުރި އެއްބަސްވުން ތަންފީޒު ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.
ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، އެމެރިކާ އިން ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ފައިސާތައް ދޫކޮށްދިނުމަށް އެމެރިކާ މަންދޫބުންނަށް ހުށަހެޅި އެވެ. އަދި އެމެރިކާ އިން އަފްގާނިސްތާނަށް ކޮވިޑް ވެކްސިން ވެސް ދޭނެ ކަމަށް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
ތާލިބާންގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި އެމެރިކާގެ މަންދޫބުންނާ އެކު ކުރި މަޝްވަރާތަކަށް ފަހު، ވިލާތުގެ އިއްތިހާދުގެ އިސް އޮފިޝަލުންނާ އެކުގައި ވެސް، އިތުރު މަޝްވަރާތައް ކުރެވޭނެ އެވެ.
އަލް ޖަޒީރާ އިން ބުނާ ގޮތުގައި ތާލިބާނުންގެ އިސް ވަފުދެއް މި ވަގުތު ގަތަރަށް ވަޑައިގެން އުޅުއްވަނީ، އަފްގާނިސްތާނުގައި ތާލިބާނުން އުފައްދާފައި އޮތް ސަރުކާރަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ހޯދުމަށެވެ. ތާލިބާން ޖަމާއަތަކީ، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން ވެސް، ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ޖަމާއަތެކެވެ.
އެހެން ނަމަވެސް، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބީ، ތާލިބާން ޖަމާއަތާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ތާލިބާން ޖަމާއަތުން އެކަމަށް މަގު ފަހިކޮށްދީ އެހީތެރިވެދީގެންނެވެ. އޭގެ ބަދަލުގައި އެމެރިކާ އިން އެއްބަސްވެފައި އޮތީ، ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭ ތާލިބާންގެ އިސް ވެރިންގެ ނަންތައް އެ ލިސްޓުން އުނިކުރުމަށެވެ.
ތާލިބާނުން ވެރިކަމަށް އައި އިރު ވެސް، އަފްގާނިސްތާނުގެ އިގްތިސާދު އޮތީ ފުން ވަޅުގަނޑެއްގެ ތެރޭގަ އެވެ. އެހެންކަމުން ތާލިބާނުންގެ ވަފްދުން މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، އެ ގައުމުގެ އިގްތިސާދު ރަނގަޅުކުރުމުގައި ބޭރުގެ އެހީތެރިކަން ހޯދުމަށެވެ.
އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމަށް ބަލާއިރު، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެމެރިކާގައި ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ފައިސާތައް ދޫކޮށްލައިގެން ނޫނީ، އަފްގާނިސްތާނުގެ އިގްތިސާދަށް ހެޔޮ ބަދަލެއް ނުގެނެވޭނެ އެވެ.
އަފްގާނިސްތާނު ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނީ ވެސް، މަރުކަޒީ ބޭންކުގެ ފައިސާތައް އަނބުރާ ލިބިގެންނެވެ. އަދި އަފްގާނިސްތާނުގެ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ މުދާ އިމްޕޯޓްކުރެވޭނީ ވެސް އެފައިސާތައް ލިބިގެންނެވެ.
އެމެރިކާ ސަރުކާރުގެ މަންދޫބުންނާއި ތާލިބާންގެ އިސް ވެރިންނާ ދެމެދު އިއްޔެ ބޭއްވި މަޝްވަރާތަކާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ބައިނަލްއަގުވާމީ މީޑިއާތައް ބުނާ ގޮތުން، ދެ ފަރާތުގެ މެދުގައި މަޝްވަރާތަކެއް ކުރެވުނަސް، މިހާރުން މިހާރަށް މާބޮޑު ނަތީޖާއެއް ނެރެވޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ، ތާލިބާނުން ފުރިހަމަކުރަން އެމެރިކާ ބޭނުންވާ ކަންކަމާއި، އެމެރިކާ އިން ފުރިހަމަކުރަން ތާލިބާނުން ބޭނުންވާ ކަންތައް ގިނަވެފައި ފުށުއެރުންތައް ހުރުމުންނެވެ.
އެމެރިކާ އިން އެންމެ ބޮޑަށް ބާރުއަޅަމުން ދަނީ، އަފްގާނިސްތާނުގައި އިންސާނީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވިފައިވާ ކަން ސާބިތުކޮށްދިނުމެވެ. އޭގެ ތެރޭގައި ސްކޫލްތަކުގައި ކިޔެވުމާއި ވަޒީފާ އަދާކުރުމުގެ ފުރުސަތު އަންހެނުންނަށް ދިނުން ވެސް ހިމެނެ އެވެ. ނަމަވެސް އެކަމުގައި ތާލިބާނުންގެ ފަރާތުން މިހާތަނަށް އެދެވޭ އިޖާބައެއް ނުފެނެ އެވެ.
ގަތަރުގައި ބޭއްވި މަޝްވަރާތަކާ ގުޅޭ ގޮތުން އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އެ މަޝްވަރާތަކަކީ، ތާލިބާނުންނަކީ އަފްގާނިސްތާނުގެ ގާނޫނީ ވެރިކަމުގައި އެމެރިކާ އިން ގަބޫލުކުރުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ މަޝްވަރާތަކަކީ އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކެކެވެ.
އެގޮތުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އަފްގާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި ގައުމު ދޫކޮށް ދާން ބޭނުންވާ އަފްގާނު މީހުންނަށް ފަސޭހައިން އެ ގައުމުން ބޭރުވެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންދަހާރު.
10 October 2021
ވެރިކަމާ ބާރާއި ދުނިޔޭގެ ޢިއްޒަތް ހޯދަން ޔަހޫދީންނާއި ނަސާރާއިންގެ ކޯލިސަނުގާ ބައިވެރިވާން އޯކޭ. ތިއޮތީ ސުންނަތް ދިރުވާފަ. އީރާން ކަމުނުދަނީ ނުވަތަ ޝީޢީން ކާފަރު ވަނީ ތިއަ ކޯލިސަނުގާ ބައިވެރިވާން ބޭނުން ނުވާތީ.
ކޯލިޝާން
10 October 2021
ބަލަ ކީރިތި ރަސޫލާވެސް ޔާހުދީންނާއި ނަސޯރާއިންނާއި މަޝްވަރާ ކުރެއްވި. ދުނިޔެއާއި އެކަހެރިވެގެން ވާނެ ފައިދާއެއް ނެއް.