15 އޮކްޓޯބަރ 2021 - 06:01
އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ މަޝްހޫރު މީސްމީހުންނަށް ފޭސްބުކްގައި ޖިންސީ ފުރައްސާރަ ކުރެވޭ ކޮންޓެންޓްތަކާ ދެކޮޅަށް މަސައްކަތް ކުރަން ފޭސްބުކުން ނިންމައިފި އެވެ.
މިކަން ބުދަ ދުވަހު އިއުލާންކޮށް އެތަނުން ބުނީ ސެލެބްރިޓީންނާއި ސިޔާސީ މީހުންނާއި ނޫސްވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުން ފަދަ އާންމުންގެ ތެރޭގައި ގިނަ ބަޔަކު ދަންނަ މީސްމީހުންނަށް ޖިންސީ ގޮތުން ފުރައްސާރަ ކުރެވޭ ކަހަލަ ފޮޓޯތަކާއި ކުރެހުންތަކާއި އަދި އެ ނޫން ވެސް އެފަދަ އެއްވެސް އެއްޗެއް ހިމެނޭ ޕްރޮފައިލްތަކާއި ޕޭޖްތަކާއި ގްރޫޕްތަކާއ އެ ނޫން ވެސް ކޮންޓެންޓެއް ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމްގައި ދައުރު ނުކުރެވޭނެ ކަމަށެވެ.
މި ނިންމުމާ ބެހޭ ގޮތުން ފޭސްބުކްގެ ގްލޯބަލް ހެޑް އޮފް ސޭފްޓީ، އެންޓިޖޯން ޑޭވިސް ވިދާޅުވީ މިފަދަ ފިޔަވަޅެއް އަޅަން ނިންމީ އާންމުން ނަމޫނާއެއްގެ ގޮތުގައި ބަލާ މީސްމީހުންގެ އަބުރާއި އިއްޒަތަށް ހުތުރުވާ ގޮތަށް ފޭސްބުކާއި އިންސްޓަގްރާމްގައި ކޮންޓެންޓްތައް ދައުރުކުރާ މައްސަލަ ހުއްޓުވަން ކަމަށެވެ.
"މިފަދަ ކަންކަމާ ހެދި ޕަބްލިކް ފިގާއިންގެ ގޮތުގައި އާންމުން ދެކޭ މީސްމީހުންގެ މީހުންގެ އަގު ވެއްޓި އާންމުންގެ އަބުރަށް އަސަރުކުރާ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ. "ގިނަ ފަހަރަކަށް މިކަހަލަ ކަންކަން ހިނގަނީ އެފަދަ މީސްމީހުންނަށް ރޭކާ ވެސް ނުލައި. އެހެންވެ ވަކިން ހާއްސަކޮށް ޖިންސީ ގޮތުން މަޝްހޫރު މީސްމީހުންނަށް އަހަރެމެންގެ ޕްލެޓްފޯމްތަކުން ފުރައްސާރަ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން."
މި ފަހަކަށް އައިސް ފޭސްބުކާއި އިންސްޓަގްރާމުން އަންނަނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އަދި މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއްޗެހި ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy