ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާއެއްޗެހިތަކެއް: މި ހަފުތާގައި 100 ކިލޯގެ މަސްތުވާތަކެތީގެ ހޯދީ ފަޅު ރަށަކުން ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/މިހާރު
15 އޮކްޓޯބަރ 2021 - 14:52
މިދިޔަ ބުދަ ދުވަހު ފުލުހުން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތި ހޯދީ ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލައި އަދި ބާކީ ތިބި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަނާއި ފަޅު ރަށްތައް ފާސްކުރި ކަމަށެވެ. އަދި އެ މަސްތުވާތަކެތި ފެނުނީ ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެއީ ކޮން ރަށެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ އަށް ދިވެއްސަކާއި ދެ ބިދޭސީއެކެވެ. އެ މީހުންގެ އެއްވެސް މައުލޫމާތެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ 100 ކިލޯގެ މަސްތުވާތަކެތި ހޯދިއިރު، މީގެކުރިން ގދ. އަތޮޅުގެ ފަޅު ރަށެއްގައި 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ އަތުލައިިގަތެވެ. އެ މައްސަލާގައި ދައުލަތުން ފަސް މީހަކަށް ދައުވާ ކުރިޔަސް، ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުން އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްވެފަ އެވެ. އަދި ބާކީ ހުރި މީހާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަމަޓާ
16 October 2021
ހައްޔަރު ކުރީ ހައްޔަރު ކުރަންވާ ގޮތަކަށް ނޫނެކޭ ކިޔާފަ ދޫކޮށްލާ ދެން... ފުލުހުންނަށް މީހުން ހައްޔަރު ކުރަން ނޭނގިގެން މިފަހުންވެސް ބޮޑު ނެޓް ވޯކެއް ދޫވެ ދިޔައީ. ހައްޔރު ކުރެވުނިއްޔާ ދައުވާ ކޮށްފަ އޮންނާނީ ނުބައި ކަމަކަށް. ގާނޫނީ އިންޒާރު ދީފަ އޮންނާނި ނުބައިކޮށް... މިއޮތީ ވާ ފުލުހުންގެ މުވަސަސާއެއް... ކުޑަ ކުޑަ ގައުމެއްގަ ޑްރަގް ދައުރު ކުރުވުން ނުހުއްޓުވިގެން ކިތައް ކިތައް އަހަރު ވަނީމި.
ހަސްތަލަ
15 October 2021
އަދިކިރިޔާ މިއެނގުނީ ރަންވޭއަށް ވެލާ އަރަންޖެހުނު ސަބަބު.
ހަޖަމް
15 October 2021
ފުލުހުން ތިރަށް އެރީ ހުއްދަނަގައިގެންބާ، ކޮންމެވެސް ގޮތަަކުން ސަލާމަތްވާނެ ހައްޔަރީން
އިސްމާލް
15 October 2021
މިމައްސަލަތަކުގައި ބޮސްދޫކޮށްލައި މަސައްކަތުމީހުން ޖަލަށްލަނީ ހަނޑޫހަކުރަށް ވުރެފަސޭހައިން މަސްތުވާތަކެތި ލިބެނީ މިކަންކުރުމުގެ އަޑީގައި ސިޔާސީ ބޮޑެތިން އުޅޭތީ
ނާއްޓެ
15 October 2021
ފަޅުރައްތަކުގާވެސް ޕޮލިހުން ބައިތިއްބަންވީ. ހައްލަކީ މީ.
1828
15 October 2021
ހައްލަކީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން. މިޖީލް މިވަނީ ހަލާކުވެފައި. ދެން އޮތް ޖީލް ސަލާމަތް ކުރެވޭ ތޯ ހުރިހާ މައިންބަފައިން އެބަޖެހޭ މަސައްކަތް ކުރަން. އެޖީލް ވާންވާނީ ހިލޭ މަސްތުވާތަކެތި ބެހިކަމުގައިވީނަމަވެސް އޭގައި އަތްނުލާ އަދި ބޭނުން ނުކުރާ ބަޔަކަށް ހަދަން. އޭރުން ރާއްޖެއަކަށް މަސްތުވާތަކެތި އެތެރެއެއް ނުކުރާނެ.