އެމެރިކާގެ ނިއުކްލިއާ ސަބްމެރިންއަކުން މިސައިލެއް އުދުއްސައިލަނީ.
17 އޮކްޓޯބަރ 2021 - 12:38
އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއް ޗައިނާ އިން އަޖުމަ ބަލައިފިކަމަށް ހުޅަނގުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޗައިނާއިން މިހިންގި އަސްކަރީ ހަރަކާތުގެ މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ދުވަހު ނޫހުން ބުނި ގޮތުގައި ޗައިނާ އިން، މިސައިލް އަޖުމަބެލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އަދި އެއީ ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެއް ކަމަށްވެސް އެ ނޫހުން ބުނެ އެވެ.
އަޖުމަ ބެލުމުގެ ގޮތުން ޗައިނާ އިން އެ މިސައިލް ޖައްވުގެ ތެރެއަށް އުދުއްސައިލުމުން، ބިމުގެ ވައިގެ ފަށަލައިގެން ބޭރުވެ ތިރީ އޯބިޓްގައި ދުނިޔެ ވަށައި ބުރުޖެހި އެވެ. އެއަށް ފަހުގައި، އޭގެ އަމާޒަށް އަޑަށްވުރެ ބާރު ދުވެލީގައި ދަތުރުކުރި އެވެ.
ފައިނޭންޝަލް ޓައިމްސް އިން ބުނި ގޮތުގައި، އެ މިސައިލް އުދުއްސައިލިކަން އެމެރިކާއަކަށް ވެސް ނޭނގެ އެވެ. ނަމަވެސް މިސައިލް ޖައްވަށް އަރައިގެން ގޮސް، ތިރީ އޯބިޓެއްގައި ދުނިޔެ ވަށައި ބުރުޖަހަމުން ދަނިކޮށް، އެމެރިކާގެ ރާޑަރުތަކަށް އެ މިސައިލް ފާހަގަކުރެވުނެވެ.
އަޑަށް ވުރެ ބާރަށް ދަތުރުކުރާ މި މިސައިލް އަޖުމަބެލުމަށް ކުރި މަސައްކަތުގައި އެ މިސައިލް ވެއްޓުނީ، އެ މިސައިލް ވައްޓާލަން ކަނޑައެޅި އަމާޒަށް ވުރެ 20 ކިލޯމީޓަރު ދުރަށް ކަމަށް އެ ނޫހުން ބުނެ އެވެ. މިސައިލް އޭގެ އަސްލު އަމާޒަށް ވާސިލު ނުވި ކަމުގައި ވިޔަސް، މިމިސައިލުގެ ހަރަކާތްތަކުން އެނގެނީ، އެމެރިކާ އިން އަންދާޒާ ކުރި ވަރަށް ވުރެ ޗައިނާގެ އަސްކަރީ ގާބިލުކަން ކުރިއަރާފައިވާ ކަމެވެ.
ޗައިނާ އިން އަޖުމަބެލި މި މިސައިލާ ބެހޭ ގޮތުން ރަސްމީ ގޮތެއްގައި އެއްޗެއް ބުނަން، އެމެރިކާގެ ދިފާއީ ވުޒާރާ އިން ބޭނުމެއް ނުވެ އެވެ. އޭގެ ބަދަލުގައި އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނީ، ޗައިނާގެ އަސްކަރީ ހަރަކާތްތަކުންނާއި ހަތިޔާރު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ސަބަބުން، އެ ސަރަހައްދުގައި އިތުރު ހަމަނުޖެހުންތައް އުފެދުން ނޫން އެހެން ކަމެއް ނުވާ ކަމަށެވެ.
ޗައިނާ އާއި އެމެރިކާ އަދި ރަޝިޔާ ހިމެނޭ ގޮތުން، ޖުމްލަ ފަސް ގައުމަކުން މިހާރު ވެސް، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެ އެވެ. އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލްތަކަކީ އާންމު ގޮތެއްގައި އަޑަށް ވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗައޮޅާ
19 October 2021
ތިވާނީ އެހެން ބަޔަކުހެދިއެއްޗެއް ބަލައިގެންހެދި ފޭކް މިސައިލަކަށް. ޗައިނާއިން އޮރިޖިނަލް އެންމެ އެއްޗެއްހެދީ. އެއީ ކޮވިޑް. ދުނިޔެ މިއުޅެނީ އެމީހުންނާއިހެދި އެކަމުން ސަލާމަތް ނުވެވިގެން.
ރަދީފްއޮފިޝިއަލް
18 October 2021
ސާބަހޭ ޗައިނާ.
ކީކް
17 October 2021
އަޑަށްވުރެ ބާރަށް ދަތުރުކުރީމަ އެމެރިކާއަށްވެސް ނޭނގުނީ އެނގެންޖެހޭހާ އަވަހަށް. އޯކަސް ހަދައިގެން 24 ގަޑިއިރު ފާރަލައިގެން ތިބޭ ބަޔަަކަށް ވީވަރު އެއީ.
ނާޒުކުރމ
17 October 2021
އެމެރިކާ އަދި އިސްރާއީލުގެ ވާހަކަ ދައްކަބަލަ . ހަމަނުޖެހުން ހިންގަނީ އެހެން ތާލިބާނޭ ޗައިނާއޭ އެވެނިބަޔެކޭ ކިޔަނީ އެކަންކން އެމީހުން ކުރަމުން ދާހަލު
ލޯރެންޓު ކަބީލާ
17 October 2021
ޗައިނާ ދެން އަތެއްނުވާނެ.