23 އޮކްޓޯބަރ 2021 - 07:04
އަންނަ އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑްސްގެ ބޭރުގެ އެންމެ މޮޅު ފީޗާ ފިލްމު ކެޓަަގަރީ އަށް އިންޑިއާ އިން ހުށަހެޅުމުގެ ފުރުސަތު ބޮޑީ "ޝޭރްނީ" އާއި "ސަރުދާރު އުދަމް" ގެ ތެރެއިން ކޮންމެވެސް އެއް ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާ އިން އަބަދު ވެސް އޮސްކާ އަށް ފޮނުވާނެ ފިލްމެއް ހޮވަނީ އެ ގައުމުގައި އެކި ބަހުރުވަތަކުން ހަދާ ފިލްމުތަކަށް ހުޅުވާލައި އޭގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފިލްމުތަކެއްގެ ތެރެއިންނެވެ. މީޑިއާތަކުން ބުނި ގޮތުގައި އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބޭރުގެ ފީޗާ ފިލްމު ކެޓަގަރީ އަށް ފޮނުވާނެ ފިލްމަކަށް ފުރުސަތު ހުޅުވައިލުމުން 14 ފިލްމެއް މިހާރު ޝޯޓް ލިސްޓް ކޮށްފައިވެ އެވެ.
އޭގެ ތެރެއިން ހިންދީ ފިލްމުތަކަކަށް ޝޯޓްލިސްޓްކޮށްފައި ވަނީ "ޝޭރުނީ" އާއި "ސަރުދާރު އުދަމް" ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އޮސްކާ އަށް އިންޑިއާ އިން ފޮނުވުމުގެ ފުރުސަތު ބޮޑީ ވެސް މި ދެ ފިލްމުގެ ތެރެއިން ފިލްމެއް ކަމެއް ނޫސްތަކުން ބުނެ އެވެ.
އެންމެ ފަހުން ފަހުން ބޭއްވި އޮސްކާ އެވޯޑަށް އިންޑިއާ އިން ފޮނުވީ މަލަޔާޅަމް ފިލްމު "ޖަލިކައްޓޫ" އެވެ. އެކަމަކު އެ ފިލްމު ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ގަދަ 10 ގައި ވެސް ލައްވައެއް ނުލަ އެވެ.
މި ފަހަރު އޮސްކާ އަށް އިންޑިއާ އިން ފޮނުވާނެ ފިލްމަކަށް ބޮލީވުޑްގެ ދެ ފިލްމެއް ރޭހުގެ ކުރީކޮޅުގައި އުޅޭ ޖޫން މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޝޭރުނީ" އަކީ ވިދިޔާ ބަލަން ފޮރެސްޓް އޮފިސަރެއްގެ ރޯލު ކުޅުނު އެކްޝަން ތުރިލާއެކެވެ. އޭގެ ޑައިރެކްޓަރަކީ އިންޑިއާ އިން 2017 ގެ އޮސްކާ އަށް ފޮނުވި "ނިއުޓަން" ހެދި އަމިތު ވީ މަސޫރްކަރެވެ.
އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އަށް ފޮނުވާނެ ކަމަށް ދެން އެންމެ ބޮޑަށް ބެލެވޭ ވިކީ ކޯޝަލްގެ ބައޮގްރަފިކަލް ހިސްޓޮރިކަލް ޑްރާމާ "ސަރުދާރު އުދަމް" އަކީ މި މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ފިލްމެކެވެ. މި ބައޮގްރަފިކަލް ހިސްޓޮރިކަލް ޑްރާމާ އަކީ ޝޫޖިތު ސިރްކާ ޑައިރެކްޓްކުރި ފިލްމެކެވެ.
އިންޑިއާ އަށް އޮސްކާގެ އެންމެ މޮޅު ބޭރު ފިލްމުގެ ކެޓަގަރީ އަށް އެންމެ ފަހުން ނޮމިނޭޝަނެއް ލިބުނު ފިލްމަކީ 2001 ގައި ރިލީޒްކުރި އާމިރު ޚާންގެ "ލަގާން" އެވެ. އޭގެ އިތުރުން ދެން ނޮމިނޭޓްވި ފިލްމުތަކަކީ 1988 ގެ "ސަލާމް ބޮމްބޭ" އާއި 1957 ގެ "މަދަ އިންޑިއާ" އެވެ. އެކަމަކު މިހާތަނަށް އިންޑިއާގެ އެއްވެސް ފިލްމަކަށް އޮސްކާ ލިބިފައެއް ނުވެ އެވެ.
އަންނަ އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ މާޗް 27 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
23 October 2021
ދުނިޔޭގެ އެންމެ ބޮޑު ފިލްމް އިންޑަސްޓްރީ އޮތް ގައުމުން މިހާތަނަށް ފިލްމަކަށް އޮސްކާ ލިބިފަ ނެތީމަ ފިލްމްތަކުގެ ފެންވަރު ވަޒަން ކުރެވޭ.