ހަލަބު ސިޓީގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން ހިފި ސަރަހައްދުތަކުގައި ސަރުކާރު ސިފައިން ހަރަކާތްތެރި ވަނީ: ހަލަބުގެ ހަމަލާތައް ހުއްޓާލުމަށް ފާސް ކުރަން އުޅުނު ގަރާރަށް ޗައިނާ އާއި ރަޝިޔާ އިން ވަނީ ދެކޮޅު ހަދާފައި. --ފޮޓޯ:އޭޕީ
06 ޑިސެމްބަރ 2016 - 12:30
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 6) - ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާގެ ހަލަބު ސިޓީ އަށް ދޭ ހަމަލާތައް ހަތް ދުވަހަށް މެދު ކަނޑާލުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.
ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގެ ތެރޭން 70 ޕަސެންޓް މިހާރު ވަނީ ސަރުކާރުން އަނބުރާ ހިފައިފަ އެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހިސާބުތަކުގައި ލައްކައެއްހާ މީހުން ވަނީ ތާށިވެފަ އެވެ. އެ ސަރަހައްދުގައި އުޅޭ މީހުންނަށް ކާ އެއްޗެއް ނުލިބޭ އިރު ސިއްހީ ޚިދުމަތް ދޭ ތަނެއް ވެސް ނެތެވެ.
ރަޝިޔާ އިން ބުނެފައި ވަނީ ގަރާރާ މެދު ވިސްނުމަށް އެކަށީގެންވާ ވަގުތު ނެތް ކަމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ ރަޝިޔާ އިން ގަރާރާ ދެކޮޅު ހެދީ ސަރުކާރު ސިފައިންނަށް ލިބެމުންދާ ކާމިޔާބީ އަށް ހުރަސް އެޅިދާނެތީ ކަމަށެވެ.
މިސްރާއި ނިއު ޒީލެންޑް އަދި ސްޕޭން ގުޅިގެން ހުށަހެޅި ގަރާރަށް ޗައިނާ އާއި ރަޝިޔާގެ އިތުރުން ދެކޮޅު ހަދާފައި ވަނީ ވެނެޒުއެލާ އެވެ. އެންގޯލާ އިން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރޭން 11 ގައުމުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދީފަ އެވެ.
މިއީ ސީރިއާއާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރަކާ ދެކޮޅަށް ވޭތުވެދިޔަ ފަސް އަހަރު ތެރޭ ރަޝިޔާގެ ވީޓޯ ބާރު ބޭނުންކުރި ހަ ވަނަ ފަހަރެވެ. ރަޝިޔާ އަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރިވާ ގައުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރަޝިޔާ އިން ދަނީ ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިލްބާބު ހަބީބު
06 December 2016
ޗައިނާ އާއި ރަޝިޔާއިން ތިކުރީ ވަރަށް ރަނގަޅުކަމެއް. އަރަބި ރަސްކަލުންނާއި ހުޅަނގުން ސީރިޔާ ފަނާކޮށްލުމަށް ކުރަމުންދާ މަސައްކަތް ފަންފުލުން ދާންފެށުމުން ޓެރަރިސްޓުން ރިގްރޫޕް ކޮށްގެން ކޮންމެފަހަރަކުވެސް އެތައްބަޔަކު އެބަމަރާލާ ސުލްހަވެރި ދުވަސްކޮޅުގެ ތެރޭގައި. އެކަން ތަކުރާރު ނުކުރިކަމީ އުފާކުރަންޖެހޭ ކަމެއް.