"ނަސަންދުރަ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރީ އޭޖީގެ ލަފަޔަށް ފަހު. އެތަނާ މެދު އަމަލުކުރަނީ އެމްއެމްޕީއާރުސީން ދޫކުރި އެހެން ތަންތަނެކޭ އެއްގޮތަށް."
ނަސަންދުރަ އިމާރާތް: އެތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް ވަނީ އިތުރުކޮށްފައި. --ފޮޓޯ/މިހާރު
24 އޮކްޓޯބަރ 2021 - 12:08
ނަސަންދުރަ ޕެލަސް ހޮޓަލުގެ އެއްބަސްވުން އުވާލައި ކުރީގެ ސަރުކާރުން 50 އަހަރަަށް އިތުރު ބިމަކާ އެކު އެތަން ކުއްޔަށް ދޫކުރުމުގައި ބޮޑު ހިޔާނާތެއް ހިންގާފައި އޮތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ފެންނަން އޮތަސް މި ސަރުކާރުން ވެސް އެއްބަސްވުން އުވާނުލައި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފި އެވެ.
ނަސަންދުރަ 2010 އިން ފެށިގެން ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ [އަވަހާރަވެފައިވާ] ޅިޔަނު، އެއްލައިދޫ މުހަންމަދު މަނިކުގެ މަސްލަހަތު އޮންނަ ގެލެކްސީ އެންޓަޕްރައިޒަސް އިންނެވެ. އެ ބިން 2015 ގައި އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކޮށް ކުރީގެ އެއްބަސްވުން އުވާލީ އެވެ. ހަމަ އެ ދުވަހު މަނިކުގެ އެހެން ކުންފުންޏެއް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓާ އެތަން ހަވާލުކުރުމުގެ އެއްބަސްވުމެއް ހެދީ އެވެ.
ގާނޫނާ ހިލާފު މި އެއްބަސްވުމާ އެކު ހިންގި ހިޔާނާތް 86 މިލިއަނަށް އަރާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ނަސަންދުރައާ މެދު ގޮތެއް ނުނިމި ދިގުލައިގެން ދިއުމަށް ފަހު ކޮންސްޓަރަކްޝަން ޕީރިއަޑް އިތުރުކޮށް ހުއްދަ ދިނީ "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ޓޫރިޒަމުން އެދިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ދިން ލަފަޔަށް ފަހު އެވެ. އެ އޮފީހުން ލަފާ ދިނީ އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްތަކާއި ފަރުތަކާއި ފަޅުތަކާ މެދު އަމަލުކުރާ އުސޫލުން ނަސަންދުރައާ މެދު ވެސް ގޮތެއް ނިންމުން ކަން އެނގިފައިވެ އެވެ.
ނަސަންދުރަ ހަދާ ނިމުމުން ބޭރުން ފެންނަން ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.
އޭޖީ އޮފީހުގެ ލަފަޔަށް ފަހު، ދާދި ފަހުން ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްފައިވާ ކަން ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ.
އޭނާ ވެސް ވިދާޅުވި ގޮތުގައި ނަސަންދުރަ މައްސަލައިގައި އަމަލުކުރަނީ އެމްއެމްޕީއާރުސީން ދޫކުރި އެހެން ތަންތަނާ އެއްގޮތަށެވެ. އެތަން ވެސް ތަރައްގީކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.
މުއްދަތު އިތުރުކުރީ ނަސަންދުރަ ތަރައްގީކުރާ ކުންފުނިން ހުށަހަޅައިގެންނެވެ.
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމުގައި ހުރަހެއް ނެތް ނަމަވެސް ތަހުގީގީ އިދާރާތަކުން ބަލަމުން އަންނަ މައްސަލަތައް ނިމެންދެން އެތަންތަނުގެ މިލްކުވެރިކަން ބަދަލެއް ނުކުރެވޭނެ އެވެ.
ނަސަންދުރަ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން އޭޖީ އޮފީހުގެ ލަފަޔަކަށް އެދުނީ، ޓޫރިޒަމްގެ ގާނޫނާ ޚިލާފަށް ނަސަންދުރަ ކުއްޔަށް ދޫކުރި މައްސަލައިގައި ދައުލަތަށް ގެއްލުންވާތީ އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމަން އޮޑިޓަ ޖެނެެެރަލް ލަފާ ދެއްވާފައިވާތީ އެވެ. މުއާމަލާތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އޭސީސީން ވެސް ދައުވާކޮށްދޭން އެދުނެވެ.
މި މުއާމަލާތް އޭސީސީން ތަހުގީގުކޮށް، ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން "ދައުވާ ކުރެވެން ނެތް ކަމަށް" ބުނެ އަނބުރާ ފޮނުވާލީ އެވެ. އޭސީސީގެ ނިންމުމުގައިވާ ގޮތުން ނަސަންދުރާގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ނަސަންދުރައިގައި ތަރައްގީ ކުރާ ޕޫލްގެ ކުރެހުމެއް.
އެ މައްސަލަ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އަނބުރާ ފޮނުވާލެއްވީ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވާފައިވާތީ ކަމަށް ވިދާޅުވެ އެވެ.
ނަސަންދުރާގެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ބިލިއަނުން ޚިޔާނާތް ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ދެ ބޭޅުންނަށެވެ. އެއީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
ޕީޖީ އޮފީހުން ވެސް ބުނެފައިވާ ގޮތުގައި އަދީބުގެ މައްޗަށް ދައުވާނުކުރީ ނަސަންދުރާ އެންޕީއެޗަށް ދިނީ ޓޫރިޒަމް ގާނޫނާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުންނެވެ. ޒިޔަތުގެ މައްޗަށް ދައުވާކުރަން ފޮނުވި އިކުއިޒިޝަން ކޮސްޓުގެ މައްސަލައިގައި ދައުވާ ނުކުރީ، އިކުއިޒިޝަން ކޮސްޓު ނަގަން ޖެހޭ ކަމަށް އޭރު އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ސަބަބާ އެކު، ދައުވާނުކުރި ނަމަވެސް އެ މުއާމަލާތުން ޚިޔާނާތްވި ގޮތް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ އާއްމުކޮށްފަ އެވެ.
- އެއްބަސްވުން އުވާނުލައި މުއްދަތު އިތުރުކުރި ނަމަ ދައުލަތަށް 4،800،000 މިލިއަން ޑޮލަރު (74 މިލިއަން ރުފިޔާ) ލިބޭނެ.
- އެއްބަސްވުން ބާތިލްކުރި އިރު ސަރުކާރުގެ ވިސްނުމަކީ ނަސަންދުރާ ހުރި ބިމާއި 26 ނަމްބަރު ކޮށި ހިމެނޭ ގޮތަށް ކޮންވެންޝަން ފެސިލިޓީތަކާ އެކު ހޮޓަލެއް ތަރައްގީކުރުން.
- ނަސަންދުރަ 50 އަހަރަށް އެންޕީއެޗާ ހަވާލުކުރީ އިއުލާން ނުކޮށް. މިއީ ޓޫރިޒަމް ގާނޫނުން މަނާކަމެއް.
- އަނެއް ކަމަކަށް އޭސީސީން ފާހަގަކޮށްފައި އޮތީ، އިކުއިޒިޝަން ކޮސްޓް ނުނެގުން. މީގެ ސަބަބުން ދައުލަތަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ)ގެ ގެއްލުން ލިބުނު ކަމަށް އޭސީސީން ބުނޭ.
އެކުއިޒިޝަން ކޮސްޓުގެ ބަދަލުގައި އެންޕީއެޗާ އެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވެފައި އޮތީ ނަސަންދުރާ ހުރި ބިމުގައި އެ ކުންފުނިން އެންމެ މަދުވެގެން 100 ކޮޓަރި އާއި 100 އެޕާޓްމެންޓް އިމާރާތް ކުރުމަށެވެ. އަދި ހަފުލާތަކާއި ބައްދަލުވުންތައް ބާއްވާނެ ސެންޓަރަކާއި ބެންކުއެޓިން ހިދުމަތް ގާއިމްކޮށް އެތަންތަން ބޭނުން ކުރަން ސަރުކާރަށް ހާއްސަ ޑިސްކައުންޓް އަގެއްގައި ދޭން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި އޮވެ އެވެ. އެކަމަކު މިއީ އެކުއިޒިޝަން ކޮސްޓާ އަޅާބަލާއިރު އެކަށީގެންވާ ޚިދުމަތްތަކެއް ނޫނެވެ.
ނަސަންދުރައިގެ އެޕާޓްމަންޓެއް ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.
އޭސީސީން ބުނި ގޮތުގައި އެކުއިޒިޝަން ކޮސްޓް ނެގި ނަމަ ދައުލަތަށް މާ ބޮޑު ފައިދާއެއް ލިބޭނެ ކަން ތަހުގީގަށް ފާހަގަކުރެވެ އެވެ. އެކަމުގައި ދައުވާ ކުރަން ފޮނުވީ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮންސްޓްރަކްޝަން މުއްދަތު މި ސަރުކާރުން އިތުކޮށްދިން އިރު މި ހިޔާނާތާ ގުޅުވައި މި ސަރުކާރުގެ ވެރިން ގެންދެވީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިއީ ގޮތެއް ނިންމަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައި ވީނަމަވެސް ކޮންސްޓްރަކްޝަން ޕީރިއަށް އިތުރުކުރީ ދައުލަތުން ވީ އެއްބަސްވުމާ އެކު އެ ކުންފުނިން ވެސް ބޮޑެތި ހޭދަތަކެއް ކޮށްފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ޕާންޑަމަން
24 October 2021
ނުވަދިހަ ހާސް އަކަފޫޓުގެ އޭޑީކޭ ހޮސްޕިޓަލްހުރި ބިން ކުއްޔަށް ދީފައިވަނީ ދައުލަތަށާއި ރައްޔިތުންނަށް ބޮޑުތަނުން ގެއްލުންވާގޮތަށް، ރަމްޒީކުއްޔަކަށް މިމައްސަލަވެސް ބަލަންޖެހޭ، އަދިި ނުވިތާކަށް ރައްޔިތުން ފެލައިގެން އުޅެނީ
ރަދީފްއޮފިޝިއަލް
25 October 2021
ބިމު ކުލި ބޮޑުވާވަރަކަށް އެބައި ބަރުވަމުންދާނީ ރައްޔަތު މީހާގަ ޖީބަށް ދޯ!! މީގެ 10 ދުވަސްކުރިން އީއީޖީއެއް ހައްދަން ފައިސާ ދައްކަން ދިޔައީމަ ބުނީ 1245 ރުފިޔާ ޔޯ ، 975 ދައްކަން ޖެހޭނެ ޔޯ ، އާސަންދައިން ކަވަ ކުރަނީ 270 ރުފިޔާ ޔޯ.ދެރަ ދޯ މިމަގުން ކަން ހިނގީމަ.
ކޯޑިނޭޓަރ
24 October 2021
މުޅި ތި އިންވެސްޓްމަންޓަށް ބަލާ 86 މިލިއަން ރުފިޔާ އަކީ ކޯއްޗެއް.
ޓޫލް
24 October 2021
ޔާމީން ސަރުކާރުގަ ނުބައިވެގެން އުޅުނު ގިނަ ކަންކަމަކީ ވެރިކަމަށް އަންނަންވެގެން ބަޔަކު ބޭނުންކުރި ޓޫލްތަކެއް. އެ ޓޫލްތައް ކަމުނުދިޔައީ ހަމައެކަނި ޔާމީން ވެރިކަމުގަ ހުރީމަ. މިހާރު ރަގަޅުވާނެ އޭގެ ގިނަ ކަންކަން.
ފޫޙި
24 October 2021
ކެވުނުގޮތަކަށް ހަމަކާންވީ އެއީ މިގައުމުގެ ޒަމާންވީ ސަގާފަތެއް. ވެލާނާގޭ އެއީ މަގޭތަނެކޭ ބުނެ ކޯޓަށްވެސް ދާންވީ. ހުވާ ސަދޫމުވެސް މިއަށްވުރެ ރަނގަޅުވާނެ. ބަލަ ކޮރޮޕްޝަން ތެރޭން ދައުލަތުގެ ބިން ނުދެވޭނެ. ބަންޑާރަނައިބު އިސްތިއުފާދީ. ރައްޔިތުންގެ ހަޒާނާ ބަހަން މުޅިންވެސް ލަފާދީފަހުރީ.
ބޮޑުމީހާ
24 October 2021
މި ސަރުކާރަކަށް ނުވާނެ
ރަދީފްއޮފިޝިއަލް
24 October 2021
ސްޓްރަކްޗާ ނިންމާފަ ހުރި އިމާރާތެއް މާފަންނު ފުޑްކޯޓްތަކުގެ ދެކުނުން އަޅާނުލެވި ދޫކޮށްލާފަ ހުންނަތާ 4 އަހަރު.މި އިމާރާތުގެ ސަބަބުން އެސަރަހައްދުގެ މަލަމައްޗަށް ހުތުރު.މިއިމާރާތާއި މެދު ވެސް ގޮތެއް ނިންމައި އަވަހަށް ބޭނުންކުރަން ފެށިއްޖެނަމަ އެއީ މާލެއަށް ލިބޭނެ އިތުރު ފުރިހަމަކަމަކަށްވާނެ ކަން ކަށަވަރުވެ ޔަގީންވޭ.ވވ.ވެދުން
ލުތުފީ
24 October 2021
މިއީ ވެސް ރ.ޔާމީން މެދުވެރިވޗެގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް. އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހުރިހާ ކަރަޕްޝަނެއްގެ މުގުލުގަ ހުރީ ރ.ޔާމީން.
ވައިކަޓޯ
24 October 2021
ވަރަށް ރަގަޅުނިއްމުމެއް. އަވަހަށް ހައްލު ހޯދާދީ ތިތަންތަނުގެ ބޭނުން ހިފެން ޖެހޭ.
ބަޑިތަކުރު
24 October 2021
މަސައްކަތް ކުރިޔަށްގެންދަން ހުއްދަދޭނަމަ ދޭންވީ ޅިޔަނުގެ ކުންފުންޏަށް ފައިދާވާގޮތަށް އޮތުމުގެ ބަދަލުގައި ދައުލަތަށް އެވަރުގެ ބިމަކުން ލިބެންޖެހޭނެ ފައިދާ ލިބޭނެ ގޮތަކަށް އެއްބަސްވުން އިޞްލާޙުކުރަން އެއްބަސްވާނަމައެވެ. އެފަރާތުން ބޭނުންވާކަމެއް ކޮށްލަދޭގޮތަށް މާލޭގެ މޫނުމަތިން އެވަރުގެ ބިމެއް ދޫކޮށްލެވިގެން ނުވާނެއެވެ.
ހަސަނުު
24 October 2021
ތަންއ ނިންމީމައިވެސް ތިކަން ކުރެވިދާނެ. އެތަން ނިންމުވުން މިހާރު މުހިންމީ. ދޭން ހޯދަންވީ ބަދަލެއް ހޯދަންވީ އަދި އަތުލަންޏާ އަތުލަންވީ
ުކުޗީ
24 October 2021
ޒީރޯ ޓޮލަރެންސް ދަށުންތޯ .... ކެކެކެ....