ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު އަދި ޓޫރިޒަމް މިނިސްޓްރީގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.


އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ތިން ބޭފުޅުންގެ މައްޗަށް ދައުވާ ކުރަނީ ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުގެ ހިއްސާ އެކުލެވޭ ގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމަކާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. އެއީ އެ އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާ ނުލައި ދޫކޮށްލަން ލާޒިމުވާ ގޮތަށް ‘ޕުޓް-ރައިޓް އޮޕްޝަން’ ހިމަނާފައިވާ ކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްގައި ކަމަށް އޭސީސީން ބުންޏެވެ.

ޔާމީންގެ ސަރުކާރުގައި ފަހުން ނައިބު ރައީސްކަން ވެސް ކުރެއްވި ޖިހާދުގެ އިތުރުން މުނައްވަރާއި ލިރާރުގެ މައްޗަށް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އަދި ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގި ހުރެ، ގާނޫނުގައި ހުއްދަ ކޮށްފައި ނުވާކަ ކަމެއް ކޮށްފައިވާ ކަމުގެ ދައުވާ އެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން ތިމާ އަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައި ވެ އެވެ.

ޖިހާދާއި މުނައްވަރާއި ލިރާރުގެ މައްޗަށް އޭސީސީން ދައުވާކުރާ މައްސަލައިގައި ހިމެނޭ ހަތް ރަށަކީ ބ. ތިލަދޫ، ށ. ހުރަސްފަރު، ށ. ނާއިންފަރު، ރ. ފަސްމެންދޫ، ކ. އެނބޫދޫފިނޮޅު، ކ. ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ. ކޮއްދިއްޕަރުފަޅު (އަމީންގިރި) އެވެ.

އޭސީސީން ބުނީ، އެ ހަތް ރަށުގެ ތެރެއިން ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށެވެ. ތިލަދޫ ކުއްޔަށް ދޫކޮށްފައި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ފަހުން ކަމަށް އޭސީސީން ބުނެ އެވެ.

ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތިލަދޫ ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމަށް އޮކްޓޫބަރު 4، 2016 ގައި ފިނޭންސް މިނިސްޓްރީ އާއި އަމިއްލަ ކުންފުންޏަކާއެކު، ޖޮއިންޓު ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގައި "ޕުޓް-އޮޕްޝަން ރައިޓް" މާއްދާ ހިމެނި ނަމަވެސް، އެ މާއްދާ އިން އެއްބަސްވުމުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާ ނުލައި ވިއްކައިލުމުގެ އިހުތިޔާރު ދީފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ.

މުނައްވަރުގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހިއްސާ އެހެން ފަރާތަކަށް ބަދަލު ކުރެވޭ ގޮތަށް އޭނާ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވާތީ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނިގޮތުގައި، ތިލަދޫ ފިޔަވައި ބާކީ ހަ ރަށް ކުއްޔަށް ދޫކުރީ، ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތުގެ ދަށުން އިއުލާނު ކޮށްގެން ކުއްޔަށް ދިނުމުގެ ބަދަލުގައި، ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާ ޖޮއިންޓު ވެންޗާ އެގްރީމެންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓު ވެންޗާ ކުންފުނިތަކާއެކު ލީސް އެގްރީމެންޓް ހަދައިގެންނެވެ.

އޭސީސީން ބުނީ، އެ ރަށްތަކުގެ ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީ ނަމަވެސް، ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތަކީ، އެ ހާލަތުގައި ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާ ޖޮއިންޓް ވެންޗާގެ ދަށުން ޓޫރިސްޓު ރިސޯޓުތައް އޮޕަރޭޓް ކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުގާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި، އެނބޫދޫފިނޮޅާއި ނާއިންފަރާއި ހުރަސްފަރާއި ފަސްމެންދު އާއި ކޮއްދިއްޕަރުފަޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރިމެންޓުގެ ދަށުން ކުއްޔަށް ދޫކުރާ ރަށުގެ "ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް" ފުރިހަމަ ވުމުން، ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާ، ޖޮއިންޓް ވެންޗާ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާ ނުލައި ބަދަލުކުރޭވޭނެ ގޮތަށް "ޕުޓް-އޮޕްޝަން ރައިޓް" ހިމަނާފައިވާ ވެ އެވެ.

މި އެއްބަސްވުންތަކުގައި "ޕުޓް-އޮޕްޝަން ރައިޓް" މާއްދާ ހިމަނާފައި ވަނީ ބައެއް އިންވެސްޓަރުންނާ އެއްކޮށް ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް ކަން އިންވެސްޓަރުން ފޮނުވާފައިވާ ސިޓީތަކުން ހާމަވާ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނިގޮތުގައި، މި ހަ ރަށުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އޭރުގެ ފިނޭންސް މިނިސްޓަރު ޖިހާދު ކަމަށް ވާތީ، އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ލިރާރުގެ މައްޗަށް ދައުވާކުރަނީ ތިލަދު އާއި ހުރަސްފަރާއި ނާއިންފަރު، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، ހިންގުމަށް އެ މިނިސްޓްރީ އާއި އަމިއްލަ ކުންފުންޏަކާ ދެމެދު ވި ލީސް އެގްރީމެންޓުގައި އޭނާ ސޮއި ކުރައްވާފައިވާތީ ކަމަށް އޭސީސީގެ ބަޔާނުގައި ވެ އެވެ.