ދުޅަހެޔޮ އިގްތިސާދެއްގައި ރާއްޖެ އަށް އަހަރެއްގެ މައްޗަށް ލިބެނީ 3.7 ބިލިއަން ޑޮލަރު. އެކަމަކު ހަރަދު ހަތަރު ބިލިއަން ޑޮލަރަށް ވުރެ މަތި. ރާއްޖެ އޮތީ މި ޑެފިސިޓުން އަރައިގަންނަން ދަތިވެފައި!
ަޑޮލަރު ނަގަނީ. ޑޮލަރުގެ މައްސަލަ އަށް އަވަސް ހައްްލެއް ބޭނުންވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 އޮކްޓޯބަރ 2021 - 08:44
އިގްތިސާދީ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި ޑޮލަރަކީ ކޮންމެހެން އަތުގައި ބަހައްޓަން ޖެހޭ އެއްޗެއް ނޫން ކަމަށް ވެސް ދެކެވުނު ދުވަސްކޮޅެއް ވެސް ދިޔަ އެވެ. އޭރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 16.10ރ. އަށް ލިބެމުން ދިޔަ އެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުން ޑޮލަރު ނުވިކިގެން ދެކޮޅަށް ދުވަމުން ދިޔަ ތަން ވެސް ފެނުނެވެ.
"އޭރު އެކަން ކުރި ގޮތަކީ އެމްއެމްއޭ އިން ބެލީ އެންމެ ގިނައިން ޑޮލަރު ބޭނުންވާ ސަރުކާރުގެ ކުންފުނިތަކަކީ ކޮބައިތޯ. އެ ކުންފުނިތަކަށް ވަކިވަކިން ސިޓީ ފޮނުވާފައި މި ބުނީ ތިތަނުން ބޭނުންވާ ވަރު ބުނާށޭ. އެ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު އެމްއެމްއޭ އިން ފޯރުކޮށްދޭން ފެށީމަ ހަމަ ކުއްލިއަކަށް ޑޮލަރުގެ ޑިމާންޑް ވެއްޓިއްޖެ،" އެކަން ހިނގި ގޮތް ދެނެވަޑައިގެން ހުންނެވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.
"ޑޮލަރުގެ ޑިމާންޑް ކަޅު ބާޒާރުގައި މި އުފެދެނީ ސިގްނަލަކުން. އެސްޓީއޯ ކަހަލަ ކުންފުންޏަކުން ކަޅު ބާޒާރަށް ނުކުތީމަ އެ ލިބުނީ އެއްކަހަލަ ސިގްނަލް. މިސާލަކަށް އިހަކަށް ދުވަހު އެޗްޑީސީން އާންމުކޮށް އެ އިއުލާންކުރީ ޑޮލަރު ހޯދަން. ޔަގީނުން ވެސް ޑޮލަރުގެ އަގު އުފުލޭނެ އެހެން ވާ ކަމަށް ވަންޏާ."
އެމްއެމްއޭގެ 40 އަހަަރުވީ ތާރީހުގައި ވެސް، ޑޮލަރުގެ ކަޅު ބާޒާރެއް ނެތް ދުވަހެއް ނުދެ އެވެ. އެއީ އަބަދުވެސް އޮންނަ އެއްޗެކެވެ. މުޅި ތާރީހު ދިރާސާކޮށްލާ އިރު، ބައެއް ދުވަސްވަރު ރަސްމީ އަދި ނުރަސްމީ އަގުތަކެއް ވެސް ގެންގުޅެފައި އެބަހުއްޓެވެ. ޑޮލަރުގެ ކަޅު ބާޒާރަކީ، ޒަމާންވީ ބާޒާރެކެވެ. އެ ބާޒާރުގެ ޑިމާންޑް ދުއްވާނުލެވޭ މައިގަނޑު އޮތީ ދެ ސަބަބެކެވެ. އެކަން ހައްލުވާ ހިސާބުން، މި ޑްރާމާ ނިމުމަކަށް އައީ އެވެ.
ރާއްޖެއަށް ޑޮލަރު ވަންނަ ވަރު
2020- 1.78 ބިލިއަން ޑޮލަރު 2019- 3.74 ބިލިއަން ޑޮލަރު 2018- 3.58 ބިލިއަން ޑޮލަރު
ރާއްޖެއިން ޑޮލަރު ބޭރުވާ ވަރު
2020- 2.43 ބިލިއަން ރުފިޔާ 2019- 4.09 ބިލިއަން ޑޮލަރު 2018- 4.10 ބިލިއަން ޑޮލަރު
އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް، 15.42ރ. ގެ ރޭޓްގައި ޑޮލަރު ލިބުނު ހަނދާނެއް ވިޔަފާރިވެރިންގެ ނެތެވެ. ހަމަ އެގޮތަށް، އެ ރޭޓް ކަނޑައަޅާފައި އޮވެމެ، އެ ރޭޓްގައި ރާއްޖެ އަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދެވޭ ވަރުގެ އިގްތިސާދެއް ވެސް ރާއްޖެއަކު ނެތެވެ. އެހެންވެ، ރާއްޖޭގައި މި އޮންނަނީ، އެ ރޭޓަށް ފައިހަމަ ކުރަން އަބަދުވެސް ފަހަތުން ދުވުމުގެ ސިޔާސަތެކެވެ. މުޅި ރާއްޖޭގެ ޑޮލަރުގެ މާކެޓް މިހާރު އަމިއްލަ ފަރާތްތަކުން ކޮންޓްރޯލް ކުރާއިރު، އޭގެ އެންމެ އަޑީގައި އޮތް ހަގީގަތަކީ މި ވީހާ ދުވަހަކު އެމްއެމްއޭ އަށް ވެސް މާބޮޑު ކަމެއް ކުރެވިފައި ނެތް ކަމެވެ.
އެކަމަކު، ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ދެކެވަޑައިގަންނަވާ ގޮތުގައި، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަކީ "ރޮކެޓް ސައިންސް"އެއް ނޫނެވެ. ތަންފީޒު ކުރެވޭ ވަރުގެ ހަރުދަނާ ސިޔާސަތުތަކާ އެކު، ޑޮލަރުގެ މާކެޓް ކޮންޓްރޯލް ކުރުމަކީ ކުރެވޭ ވަރުގެ ކަމެއް ކަމަށް އޭނާ "މިހާރު" އަށް ވިދާޅުވި އެވެ.
ބާޒާރުމަތީގައި ބަޔަކު ޕިކަޕަކަށް މުދާ އަރުވަނީ: ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ތަހަންމަލް ކުރަނީ ވިޔަފާރިތައް -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
ވަރަށް ގިނަ ގޮންޖެހުންތައް ހުރެދާނެ ކަމަށް ގަބޫލުކޮށް، އެމްއެމްއޭ އިން މިހާރު އަންނަނީ އިގްތިސާދުގައި ޑޮލަރުގެ ޑިމާންޑް ދަށް ކުރުމަށާއި ރާއްޖެ އަށް ވަންނަ ޑޮލަރު ހިފެހެއްޓޭނެ ގޮތްތަކެއް ކަނޑައެޅުމުގެ އެންމެ ފަހު މަރުހަލާގެ ކަންކަން ނިންމަމުންނެވެ. އަންނަ އަހަރު ފަށާއިރު، މިކަމަަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެމްއެމްއޭ އިން ނިންމާފައިވާ އިރު، ބައެއް މީހުން ދެކެނީ "ފޫނެތް ފަޔަކަށް ފެންފުރުންް" ކަމަށެވެ. އެކަމަކު އިގްތިސާދީ ތަޖުރިބާކާރެއްގެ، އަދި ކުރިން އެމްއެމްއޭ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅެއްގެ ގޮތުން ނަސީރު ދެކެވަޑައިގަންނަވަނީ ޕޮޒިޓިވް ކޮށެވެ.
އެހެން ނަމަވެސް، އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، ވަކި ވަރެއްގައި ހިފަހައްޓާފައި ހުންނަ ރޭޓެއް ގެންގުޅޭ ނަމަ މަރުކަޒީ ބޭންކުން އެ ރޭޓުގައި ޑޮލަރު ފޯރުކޮށްދޭން ޖެހޭނެ އެވެ.
"ރާއްޖޭގައި ޑޮލަރަށް އޮންނަ މައިގަނޑު ޑިމާންޑަކީ އިމްޕޯޓަށާއި ދިވެހިން ބޭރަށް ދަތުރުފަތުރު ކުރާށާއި ރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ރަށަށް ފޮނުވަން އޮތް ޑިމާންޑް. އަނެއްކޮޅުން އަޅުގަނޑުމެންނަށް ޑޮލަރު މި ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުންނާއި މަސް އެކްސްޕޯޓުކޮށްގެން. މި ދެބައި ދިމާ ނުވާ ކަމުގައިވާ ނަމަ އަބަދުވެސް ޕްރެޝަރު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ނަސީރު ވިދާޅުވި ގޮތުގައި އެމްއެމްއޭ އިން އެކްސްޗޭންޖް ވަކި އަގެއްގައި ހިފަހައްޓައިފިއްޔާ އެ ރޭޓްގައި ޑޮލަރު ފޯރުކޮށްދޭން ޖެހެ އެވެ. އެ ރޭޓްގައި ފޯރުކޮށް ނުދެވޭ ނަމަ، އެ ރޭޓް މައްޗަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިއޮތް އެއް ޕްރެޝަރަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ދިއުން،" އޭނާ ވިދާޅުވި އެވެ.
މިހާރު ޑޮލަރަށް އޮތް އަނެއް ޕްރެޝަރަކީ، ނަސީރު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައި ދަނޑިވަޅު ހަރަދުތައް ހަމަޖެއްސުމަށް ހަ ބިލިއަން ރުފިޔާ އިތުރަށް ޗާޕު ކުރުމުން ދިމާވި ޕްރެޝަރެވެ. އޭގެ ސަބަބުން ވެސް، އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝާ ވަރަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީރު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުކުރަން މީގެ ކުރިން "ސީރިއަސް ލެވެލްއެއްގައި މަސައްކަތް ކުރެވިފައެއް ނުވެ" އެވެ. އެމްއެމްއޭ އިން މިހާރު ގެންނަން އުޅޭ ބަދަލުތަކާ އެކު ޑޮލަރަށް ހައްލެއް އައުމަކީ ވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ތަންފީޒު ނުވާނެ ގާނޫނުތަކެއް ކިތަންމެ ވަރަކަށް ހެދިޔަކަސް މިހާރު މިއޮތް މައްސަލަތަކެއް ހައްލެއް ނުވާނެ. މީގެ ތެރޭގައި މަސައްކަތް ކުރާނެ ކަންތައްތަކާއި ނުކުރާނެ ކަންކަން ވެސް އެބަހުރި. އިގްތިސާދީ ބިންގާ ރަނގަޅަށް ނެތި ގަދަ ބާރުން 15.42ރ. ގައި ރޭޓް ހިފަހައްޓަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެ."
ރާއްޖޭގައި ދިވެހި ރުފިޔާގެ އިތުރުން ޑޮލަރުން ވެސް ފައިސާގެ މުއާމަލާތްތައް ހިންގެ އެވެ. ރާއްޖޭގައި ވަޒީފާ އަދާ ކުރާ އެތައް ބަޔަކަށް ޑޮލަރުން މުސާރަ ދެ އެވެ. އަނެއްކޮޅުން ކަންމަތީީ ފިހާރަ އަށް ގޮސް ޑޮލަރު މާރުކޮށްލެވެ އެވެ. އާންމުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ޑޮލަރުގެ މުއާމަލާތްތައް ކުރަމުން ދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މިއީ މަނިޓަރީ ގަވައިދުގައި ކުރުން މަނާ ކަމެއް ނަމަވެސް މިއީ އެންމެން ވެސް ބަލައިގަނެ، ދިރިއުޅެމުންދާ ގޮތެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް އެ ނިޒާމު އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
"ޒަމާނުއްސުރެ ޕްރެކްޓިސް ކުރަމުން އަންނަ ގޮތް މިއީ. މުސާރަ ވެސް ދެނީ ޑޮލަރުން. އެކި ކަންކަން އެބަ ކުރެވޭ ޑޮލަރުން. ޑުއެލް ކަރެންސީ ނިޒާމެއް މި އޮންނަނީ. އޭގެ ސަބަބުން އުފެދިފައި ހުރި އިންއެފިޝަންސީތަކެއް މިއީ،" އޭނާ ވިދާޅުވި އެވެ.
ސަރުވަޝް ވިދާޅުވީ، މިކަން މިހެން އޮތް ނަމަވެސް، ގިނަ ބައެއްގެ އަތަށް ފަސޭހައިން ޑޮލަރު އަރާ ނަމަ ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ފަސޭހަވާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް
އެމްއެމްއޭ އިން ވެސް އަޅަން ނިންމާފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެތެރޭގެ މުއާމަލާތްތަކުގައި ޑޮލަރު މުޅިން ހުއްޓުވާލުމެވެ. އޭގެ ތެރެއިން އެއް ކަމަކީ، މުސާރަތައް ދިވެހި ފައިސާ އިން ދިނުމާއި ޓެކްސް ދެއްކުން ވެސް ދިވެހި ރުފިޔާ އަށް ބަދަލު ކުރުމެވެ. އެމްއެމްއޭ އިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެތެރޭގައި ޑޮލަރުން ކުރަން ޖެހޭ މުއާމަލާތެއް އޮވެގެން ނުވާނެ އެވެ.
"އެވެނި ކަމަކަށް ޑޮލަރު ހޯދަނީއޭ ބުނުން ހުއްޓާލަން އެބަ ޖެހޭ،" ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވި އެވެ.
ރާއްޖޭގައި ޑޮލަރުގެ އަގު އެހާ ބޮޑަށް އުފުލެނީ ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވުމުގެ ސަބަބުންނެވެ. މިކަން ހައްލު ކުރުމަށް ޑޮލަރު ވަންނާނެ އިތުރު ގޮތްތައް ހޯދަން ޖެހެ އެވެ. އިގްތިސާދީ ހަރަކާތްތައް އިތުރު ކުރަން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްތައް އިތުރުކުރަން ޖެހެ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން ދުރު ރާސްތާ ޕްލޭނެއް ވަރަށް މުހިއްމު ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުން މިއީ އެއް ދުވަހުން ފިޔަވަޅުތަކެއް އަޅައިގެން ވަގުތުން ހައްލުވާނެ ކަމެއް ނޫނެވެ.
"މުޅިއަކުން ހައްލެއް ނުކުރެވޭ. އެކަމަކު ދިގު މުއްދަތެއްގައި މިކަން ހައްލު ކުރެވޭނެ ރަނގަޅު ޕްލޭނެއް ހަދައިފި ނަމަ ކާމިޔާބުވާނެ،" އޭނާ ވިދާޅުވި އެވެ.
އަންޑޭ ވިދާޅުވީ، ޓޫރިޒަމުން އެކަނި ޑޮލަރު ހޯދުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކުން ވެސް ގައުމަށް ޑޮލަރު ވަންނާނެ ގޮތްތައް ބަލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ އަށް އެހެން އިންޑަސްޓްރީތައް ގެންނަން މިހާރަށް ވުރެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.
"މިސާލަކަށް ރާއްޖެއަކީ ޓޫރިޒަމްގައި ނަން މަޝްހޫރު ގައުމުތަކަށް ވާ އިރު ޓޫރިޒަމްގެ ތައުލީމަށް ވެސް މަޝްހޫރު ޑެސްޓިނޭޝަނަކަށް ރާއްޖެ ހެދިދާނެ. އޭރުން ރާއްޖެ އަށް ބޭރުން ވެސް ކުދިން އަންނާނެ ޓޫރިޒަމާ ގުޅޭ ތައުލީމު ހޯދަން،" އޭނާ ވިދާޅުވި އެވެ.
އަހުމަދު މުހަންމަދު (އަންޑޭ)
ދުނިޔޭގެ އެކި ގައުމުތަކުގައި އެކްސްޗޭންޖް ރޭޓްގެ ނިޒާމު އޮންނަނީ އެކި ގޮތްގޮތަށެވެ. ބައެއް ގައުމުތަކުގައި ފްލޯޓިން އެކްސްޗޭންޖް ރޭޓެއް އޮންނަ އިރު އަނެއްބައި ގައުމުތަކުގައި ޕެގް ނުވަތަ ވަކި ރޭޓެއްގައި ހިފެހެއްޓޭ ރޭޓެއް އޮވެ އެވެ. އަނެއްބައި ގައުމުތަކުން ގެންގުޅެނީ ފިކްސްޑް އެކްސްޗޭންޖް ރޭޓެކެވެ. ރާއްޖޭގައި 2011 ވަނަ އަހަރުން ފެށިގެން ކަނޑައަޅާފައި ވަނީ ޕެގް ރޭޓެކެވެ. މި ނިޒާމުގެ ތެރެއިން 10.28ރ. އާއި 15.42 އާ ދެމެދުގެ އެކްސްޗޭންޖް ރޭޓެއް ވަނީ ކަނޑައަޅައިފަ އެވެ.
ސަރުވަޝް ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުޑަ އިގްތިސާދަކަށް މިއީ އެންމެ ރަނގަޅު ނިޒާމެވެ. މި ނިޒާމުގެ ތެރެއިން ޑޮލަރުގެ އަގު ބޮއްސުންލައިގެން ނުގޮސް، ވަކި ވަރެއްގައި ހިފެހެއްޓޭނެ އެވެ.
މިކަމުގައި އަންޑޭގެ ހިޔާލު ކޮންމެވެސް ވަރަކަށް ތަފާތެވެ. އޭނާ ވެސް ގަބޫލުކުރައްވާ އެއް ކަމަކީ އެޗްސްޗޭންޖް ރޭޓަށް ބަދަލުތަކެއް ނުގެނެސް ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ގަދަބާރުން އެއްޗެއް ކޮންޓްރޯލް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް އެއްޗެއް ބަންދުކޮށްގެން ގެންގުޅުން ކަމަކު ނުދާނެ. ޑޮލަރުގެ ޑިމާންޑާ ސަޕްލައިއެއް މީޓެއް ނުވޭ. އެބަ ޖެހޭ އެކަން ދޫކޮށްލައިގެން. ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ފްލެކްސިބަލް ކޮށްގެން ދުރު މުސްތަގްބަލްގައި ލިބޭނެ ފައިދާ ބޮޑު،" އޭނާ ވިދާޅުވި އެވެ.
ދާދި ފަހުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ޑޮލަރުގެ ރޭޓް 15.42ރ. ގައި ޕެގް ކޮށްފައި ބަހައްޓަން ބޭނުން ނަމަ މިހާރު ގެންގުޅޭ މަނިޓަރީ ޕޮލިސީ ހަރުކަށިކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. މަނިޓަރީ އުސޫލު ޒަމާނީ ކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަޅާ ފިޔަވަޅުތައް ބަލައިގަތް ނަމަވެސް ޑޮލަރުގެ ރޭޓް އެއްވަރެއްގައި ހިފެހެއްޓުމަށް އުސޫލުތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ.
ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ ތަޖުރިބާކާރު، އާތިފް ޝަކޫރު ވިދާޅުވީ ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށެވެ. އޭނާ ދެކިލައްވާ ގޮތުގައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރެވިއްޖެ ނަމަ މިކަން ވަރަށް ފަސޭހައިން ކުރެވޭނެ އެވެ.
އިބްރާހިމް އާތިފް ޝަކޫރު
"ބޭނުންވަނީ އެ ޕޮލިޓިކަލް ވިލް. އޭރުން މިކަން ހައްލުވާނެ،" އޭނާ ވިދާޅުވި އެވެ.
އާތިފް ދެކިވަޑައިގަންނަވާ ގޮތުގައި ޑޮލަރުގެ ރޭޓް ދަށް ކުރުމަކީ އެއްވެސް ވަރަކަށް ހައްލެއް ނޫނެވެ.
"ރާއްޖޭގެ އިގްތިސާދު މި އަންނަނީ ރިކަވާ ވަމުން. މި ހާލަތުގައި އެކްސްޗޭންޖް ރޭޓާ ކުޅުމަކީ ކުރަންވާ ވަރު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާގެ ނަޒަރުގައި އެކްސްޗޭންޖް ރޭޭޓަށް ބަދަލު ގެނެސްފި ނަމަ، އިގްތިސާދީ އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ އެވެ.
ޑޮލަރުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ރާއްޖޭގެ އިގްތިސާދުގައި ބެހެއްޓުމެވެ. ރާއްޖޭގެ ޓޫރިޒަމުން ލިބޭ އާމްދަނީގެ ބޮޑު ބައެއް މިހާރު ވެސް ދަނީ ބޭރަށެވެ. މި އިންޑަސްޓްރީން ލިބޭ ޑޮލަރުގެ އާމްދަނީން ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭ ވަރު އިތުރުކޮށްފި ނަމަ ޑޮލަރުގެ ޑިމާންޑް ކޮންޓްރޯލް ވާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ކަންކަން ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގާނޫނީ ނިޒާމެއް ބޭނުންވާ ކަމަށް އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ އިތުރުން އިގްތިސާދީ މާހިރުން ފާހަގަކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމޭއްތަ
28 October 2021
ހައްލަކީ ރާއްޖެ އަންނަ ޓޫރިސްޓުން ބުކިންގް ހަދަން ޕޭ ކުރަންޖެހޭނީ ރާއްޖޭގައި ހުޅުވާފައި ހުރި ބޭންކެއްގައި ހުރި އެކައުންޓަކަށް ކަމަށް ހަމަޖެއްސުން. އޭރުން އަބަދުވެސް ބޭންކް ތަކުގައި ޑޮލަރު ރޯލްވާނެ. އަދި ރޫމްތައް ވިއްކާ އަގުވެސް ދެނެގަނެވޭނެ. އެކަމު އެކަން ކުރާކަށް ނުކެރޭނެ. ގަވަރުނަރު އޮންނަނީ މުއްސަދި ވިޔަފާރިވެރިންގެ ޖީބުގައި.