މާލޭގެ މިސްކިތެއްގައި އިއްޔެ މީހަކު ގުރުއާން ކިޔަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
01 ނޮވެމްބަރ 2021 - 21:40
ކޮލެޖް/ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ގުރުއާނުގެ އިލްމުގެ ދާއިރާގެ ކޯސްތަކުގައި ހުންނަން ޖެހޭ މިނިމަން ސްޓޭންޑަޑެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަނޑައަޅައިފި އެވެ.
އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާނު ވަހީދު ސޮއިކުރައްވައި، މިދިޔަ ހަފުތާގައި ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމުގައި ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ މަތީ ތައުލީމު ދޭ ތަންތަނުން ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ވާއިރު، އެ އޮތޯރީޓިން ހިންގުމުގެ ހުއްދަ ދޭ ގުރުއާނުގެ އިލްމުގެ ދާއިރާގެ ކޯސްތަކުގައި ހުންނަން ޖެހޭ "މިނިމަން ސްޓޭންޑަޑެއް" މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އެ ނިންމުން ފާސްކޮށްފައި ވަނީ އެ އޮތޯރިޓީގެ އެންމެ ފަހުން ބޭއްވި އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމުގަ އެވެ.
1. އާންމުންނާއި ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ދަރިވަރުންގެ މެދުގައި ފެންވަރާ މެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުޑަކުރުން.
2. މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް އެއްގޮތް ކުރުން.
3. މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުއްދަތު އެއްވަރު ކުރުން.
4. ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުން.
ގުރުއާނުގެ ދާއިރާގެ ކޮލިފިކޭޝަންތައް ކަމުގައި ބަލާނީ ޤާރީ/ޤިރާއަތު ކޯހާއި ގުރުއާން ޓީޗިން ކޯހާއި އަދި އިމާމް ކޯހެވެ. އަދި މި މިނިމަން ސްޓޭންޑަޑް ކަނޑައަޅާފައި ވަނީ ހަ ބަޔަކަށެވެ. އެއީ ކޯ-މޮޑިއުލްތަކާއި ކޯ-މޮޑިއުލްތަކުގެ މުގައްރަރާއި މުއްދާތައި ކްރެޑިޓް ޕޮއިންޓް ދޭނެ އަދަދާއި ޓީޗަރުންގެ ޝަރުތުތަކާއި އަދި ޕްރޮގްރާމްތަކަށް ވަދެވޭނެ ޝަރުތުތަކާ އެކު އެވެ.
އެމްކިއުއޭ އިން ބުނީ ގުރުއާނުގެ އިލްމުގެ ދާއިރާއިން ދެން އަލަށް ފަށާ ކޯސްތަކުގެ ބެޗުތަކާއި އަލަށް ހުއްދަ ހޯދަން އެ އޮތޯރިޓީ އަށް ހުށަހަޅާ ކޯސްތައް ހުންނަން ވާނީ މި ސްޓޭންޑަޑަށް ފެތޭ ގޮތަށް ކަމަށެވެ. ނަމަވެސް، މިހާރު ފަށައިގެން ކުރިއަށް ގެންދާ ބެޗުތައް ކުރިން ވެސް އޮތް ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު އެ ބެޗުތަކަށް ވެސް މި ސްޓޭންޑާޑަށް ފައްތައިގެން ކޯސް ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްކާޑު
02 November 2021
ވަރަށް ރަނގަޅު ނިންމުމެއް. ކޯސްތަކުގެ ފެންވަރު ދައްވަމުން ދާ ދިއުމަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަން
ނޫރު
02 November 2021
ހެޔޮނުވާނެ އާ ޤުރުއާނާބޭ މަރުކަޒެއް އަޅާބަލަ.
ފުރަތަމަ
02 November 2021
ތިމާއަށް ނޭނގޭ ނުދަންނަ ކޮންމެ އެއްޗަކީ އެއްޗެއްނޫން ކަމަށް ހީވާ މީހުން ފުރަތަމަ ނަފްސާނީ ހާލަތަށް ފަރުވާކުރަންވީ.
މަގޭ ގައުމު އަކީ މެދުއިރުމަތީ ގައުމެއް ނޫން.
02 November 2021
މިއީކީ ތައުލީމެއް ނޫން. މިއީ ރައިވަރު ކިޔުން. އެޑިއުކޭޝަން އާއި އިންޑޮކްޓްރިނޭޝަން ވަރައް ތަފާތު.