ސިނގިރެޓުން ނަގާ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސް ހޫނުވެ، އެއް ޕާޓީން އަނެއް ޕާޓީއަށް ވައްކަމުގެ ތުހުމަތުތައް ކޮށްފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ސިނގިރެޓްގެ ޑިއުޓީ 2024 ވަނަ އަހަރު އަށް ރުފިޔާއަށް ބޮޑުކުރުމުގެ ކުރިން ހުރީ 3.30ރ. ގަ އެވެ. ނަމަވެސް ދާދިފަހުން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލުގައި އޮތީ ކޮންމެ ސިނގިރެޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ ސިނގިރެޓްގެ ޑިއުޓީ ސަރުކާރުން އޭރު ބޮޑުކުރީ ވޭޕް މަނާކުރުމާ އެކު ގިނަ ބަޔަކު ސިނގިރެޓަށް ބަދަލުކޮށްފާނެތީ ކަމަށެވެ. ނަމަވެސް އެހެން އެކަން ނުވާކަން ދިރާސާތަކުން އެނގިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ސިނގިރެޓްގެ ޑިއުޓީ ބޮޑު ކުރުމަށާއި ކުޑަކުރުމަށް ޕީއެންސީގެ މެންބަރުން ދައްކާ ވާހަަކަ ދިމާނުވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވުމުން ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީއެންސީގެ މެންބަރުން ކުރިން ވެސް އަދި މިހާރު ވެސް ވާހަަކަ ދައްކަވަމުން ގެންދަވަނީ ޑިއުޓީ އަށް ބަދަލު ގެންނަން ޖެހުނު ސަބަބާ ބެހޭގޮތުން ކަމަށެވެ.
"އެއީ ވޭޕުން މި ލިބެމުންދާ [ގެއްލުން]، ޖީލެއް ހަލާކުރަމުން މިދާ ދިއުން، ބޭންކޮށްފައި އަޅުގަޑުމެން އޭރު ވިސްނުމަކަށް އައީ ވޭޕް ބޭންކުރީމާ އެ ކޮމިއުނިޓީ ދުންފަތަށް ހިޖުރަކޮށްފާނެތީ އައި ކަންބޮޑުވުން. އެއީ އަޅުގަނޑުމެން މިއަދު ވެސް އޮތް ކަންބޮޑުވުމެއް،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކަންބޮޑުވުން މިއަދު ވެސް އެބަ އޮތް ކަމަށާއި އެހެން ނަމަވެސް އެކަން ދިރާސާކުރި އިރު، ވޭޕް ބޭނުންކުރަމުން އައި މީހުން އެ ބާވަތް މަނާކުރުމުން ދުންފަތަށް ހިޖުރަ ނުކުރާކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިނގިރެޓްގެ ޑިއުޓީ އަށް މިހާރު ބަދަލު ގެންނަން ޖެހިފައި މިހާރު އޮތީ އިލްމީ ދިރާސާތަކުގެ އަލީގައި "ޖުމްލަ ރިކޮމެންޑޭޝަން"އާ އެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިނގިރެޓުގެ ޑިއުޓީ ކުޑަކުރާ ބިލަށް ފާޑު ވިދާޅުވެ، ޝުޖާއުއަށާއި ޕީއެންސީގެ ގެ އެހެން މެންބަރުންނަށް ރައްދު ދެއްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތު ކުރެއްވީ ސިނގިރެޓް އަގު ބޮޑުކުރީ އުނދަގޫވެގެނެއް ނޫން ކަމަށެވެ.
"އަގު ބޮޑުކޮށްފައި ވައްކަމުގެ މާކެޓެއް އުފެއްދީ. ސާޅީސް ފޫޓުގެ 50 ކޮންޓެއިނާ ވަގަށް، މިގައުމަށް އެތެރެވެއްޖެ އިއްޒަތްތެރި ރައީސް. އެއީ ސިނގިރެޓް [ގެ ޑިއުޓީ] ބޮޑުކުރުމުގެ ބޭނުމަކީ،" އެމްޑީޕީއަށް ނިސްބަތްވާ ޣަފޫރު ވިދާޅުވި އެވެ.
ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަށް ލިބެން އޮތް އާމްދަނީގެ ތެރެއިން ދެ ބިލިޔަން ރުފިޔާ ނުލިބި ގެއްލިފައިވާ ކަމަށް ވިދާޅުވެ، އެެއީ ސަރުކާރު ބައިވެރިވެގެން ކުރި "ވައްކަން" ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވީ ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރަން ގާނޫނަށް ކުރިން ގެނައި ބަދަލުތަކަކީ އެކަމުގެ މަގުސަދު ހާސިލުނުވާ ގޮތަށް ގެނައި ބަދަލުތަކެއް ކަމަށް އެ ބަދަލު ގެނައިއިރު ވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ކަސްޓަމްސް މެދުވެރިކޮށް، ސައްހަ ގޮތުގައި އެތެރެކުރި ސިނގިރެޓަށް ވުރެ ގިނަ ސިނގިރެޓް އެތެރެކުރީ ރަސްމީ ނިޒާމުގެ ބޭރުން އެހެން ގޮތް ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެކަހަލަ ދޮރެއް ހުޅުވޭނެ ވާހަކަ އަޅުގަނޑުމެން ބަހުސްގައި އެދުވަހު ދެއްކިން،" ޝަމްހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވަމުން، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ 20 ވަނަ މަޖިލިސް އައިފަހުން ފާސްކުރި އާ ގާނޫނުތަކާއި ގާނޫނުތަކަށް ގެނައި ބަދަލުތަކަކީ ރާއްޖެއަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ބިނާކޮށް ގެނައި ބަދަލުތަކެއް ކަމަށެވެ.
ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރީ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ގޮތަށް، ސަރުކާރަށް އާމްދަނީއެއް ހޯދަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް އެއްވެސް ގޮތަކުން ގެއްލުންވާނެ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ސަރުކާރަށް އޭނާ ބޮޑެތި ތުހުމަތުތައް ވެސް ކުރެއްވި އެވެ.
"ވައްކަމުގެ ވާހަކަ އެމްޑީޕީން ދައްކާ އިރުގައި، އިއްޒަތްތެރި ރައީސް، މި ދިވެހި ރައްޔިތުން، މި ގައުމުގެ ރައްޔިތުން ހަނދާނަކުން ނުފިލާނެ، އިއްޔެއޭ މި ބުނަނީ ނިމިގެން ދިޔަ އެމްޑީޕީ ވެރިކަމުގައި މިގައުމުގައި ކޮށްފައި ހުރި ވައްކަންތަކުގެ ކަންތައް،" ފަލާހު ވިދާޅުވި އެވެ.