ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 13 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލީ އަލަށް އިންތިހާބުވި މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް މަޖިލީހުގެ "ރަނގަޅު ކޮމިޓީއަކުން" ޖާގަ ދިނުމާ މެދު އަމަލުކުރަމުންދާ ގޮތުން ކުރި އިހުތިޖާޖަކާ ގުޅިގެން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އެހުމުގެ ކުރިން ހިނގި އަރައިރުމަކަށް ފަހު، އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރުނެވެ. އެއީ ކޮން ކަމަކާ ހެދި ހިނގި އަރައިރުމެއް ކަން މަޖިލީހުން ލައިވްކުރި މަންޒަރުތަކުން ސާފެއް ނުވެ އެވެ.
އޭގެ ފަހުން މަޖިލީހުގެ ބޭރުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން މިއަދު ފާޅުކުރި ކަންބޮޑުވުމަކީ މިއަދު އެކަނި ހިނގައި ދިޔަ ކަމެއް ނޫން ކަމަށެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި އެ ދާއިރާގެ މެމްބަރުކަމުގެ ހުވާ ސޯބެ ކުރެއްވި ދުވަހުން ފެށިގެން އޮތް ކަންބޮޑުވުމެކެވެ. މަޖިލީހުގެ ކޮމިޓީއެއްގައި ސޯބެ ހިމަނަން ފުރަތަމަ ދުވަހުން ފެށިގެން މަަސައްކަތް ކުރައްވަމުން ގެންދަވާފައި ވާނެ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
"ފުރަތަމަ ދުވަހު އަޅުގަނޑަށް ލިބުނު ޖަވާބަކީ ސޯބެއަށް ރަނގަޅު ކޮމިޓީތަކެއް ދެވޭނީ ސޯބެ މަޖިލީހުގައި ޕާފޯމްކުރާ ގޮތަކުންނޭ،" ނާޒިލް ވިދާޅުވި އެވެ.
މަޖިލީހުގެ އުސޫލުގައި ރޭޝިއޯ އޮންނަ ގޮތުން އެމްޑީޕީ އަށް ދެ ކޮމިޓީން ޖާގަދޭން ޖެހޭ ކަމަށާއި މަޖިލީހުގެ ކޮންމެ ކޮމިޓިއަކުން އެއް ޖާގަ އެމްޑީޕީއަށް އޮންނަ ޖެހޭ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. އެހެން އެކަން އޮތުމުން ދެ ޖާގަ އިތުރަށް ދޭން އެދިފައި ވާނެ ކަމަށާއި އެކަމުގައި ގޮތް ނިންމަން ޖެހޭނީ ޕީއެންސީގެ ޕާލަމެންޓްރީ ލީޑަރު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މަޖިލީހުގެ އިދާރާއިން ކޮށްދެވެން އޮތް ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑުމެން މި ވާހަކަ ދެއްކިން އެސްޖީއާ. އަޅުަގަނޑު މިވާހަކަ މަޖިލީހުގެ ރައީސާ ހިއްސާ ކުރިން،" ނާޒިލް ވިދާޅުިވި އެވެ.
މަޖިލީހުގައި ކުރާ އެންމެ ބޮޑު ކަމަކީ ކޮމިޓީތަކުގައި ކުރާ މަސައްކަތްތަކަށް ވާއިރު މަޖިލީހުން އަމަލުކުރަމުން ގެންދަނީ ސޯބެ އަށް އެ މަސައްކަތް ނުކުރެވޭ ގޮތަށް ކަަމަށާއި ޖާގަ ދޭން އެއްބަސްވަނީ މަޖިލީހުގައި އެންމެ މަދުން މަސައްކަތް ކުރާ ކޮމިޓީތަކުން ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. ސޯބެއަށް ޖާގަ ދޭން މަޖިލީހުން އެއްބަސްވަނީ ނާޒިލް ވިދާޅުވި ގޮތުގައި މަޖިލީހުގައި އެންމެ މަދުން މަސައްކަތްކުރާ ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ ފަދަ ކޮމިޓީތަކުންނެވެ.
ނަމަވެސް މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީގެ މެމްބަރުންނަށް ބޭނުންވަނީ ވީހާ ވެސް ބޮޑަށް މަސައްކަތްކުރެވޭނެ ކޮމިޓީތަކުގެ ޖާގަ ކަމަށާއި އެކަމުގައި މެޖޯރިޓީ ޕާަޓީ (ޕީއެންސީ) އަށް ވާނެ ގެއްލުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާއްމުކޮށް ކޮމިޓީއެއްގައި މި އޮންނަނީ 11 ޖާގަ. އަޅުގަނޑުމެންނަށް އެންމެ ގިނަ ވިޔަސް މި ދެވެނީ ދެ ކޮމިޓީން ދެ ޖާގަ. މި ބޭފުޅުންނަށް ނުވައެއް އެބަ ވޭ. ކޮން ކަމަކާ ތޯ މި ބޭފުޅުން ބިރުން އުޅެންވީ؟" ނާޒިލް ވިދާޅުވި އެވެ.
ރަނގަޅު ދެ ކޮމިޓީއަކުން އެމްޑީޕިއަށް ދެ ޖާގަ ދޭން ޕީއެންސީން އެއްބަސްނުވަނީ ނާޒިލު ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ޖެއްސުން ކުރުމުގެ ގޮތުންނެވެ.
ހިތަދޫ އުތުރު ދާއިރާ އަަށް ސޯބެ އިންތިހާބުވީ އެ ދާއިރާގައި ކުރިން ހުންނެވި ޕީއެެންސީގެ މެންބަރު މުހައްމަަދު ސިނާންގެ މެމްބަރުކަމުގެ މަގާމު ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަންގަ އެވެ. އެ އިންތިހާބުގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.