އަތް އުފުލައިގެން ވޯޓުލުމަކީ ޕީއެންސީގެ އަސާސީ ގަވާއިދުގައި ކުރިއްސުރެ ހިމަނާފައިވާ އުސޫލެއް ކަމަށާއި އަންނަ މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް އަށް ހާއްސަކޮށް ވަކި ހާއްސަ އުސޫލެއް ހަދާފައި ނުވާނެ ކަމަށް ޕީއެންސީން ރޭ ބުނެފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، އަންނަ މަހުގެ 15-18 އަށް ބާއްވާ ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލާން އެ ޕާޓީގެ ވަކި ކޮމިޓީއަކުން ފާސްކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދައްކާ ވާހަކަތަކަށް ދިން ރައްދެއްގަ އެވެ.
ޕީއެންސީން ބުނީ، އެ ޕާޓީގެ ކޮންގްރެސް ނުވަތަ "މަތީ މަޖިލިހުގެ" ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ގޮތް އަސާސީ ގަވާއިދުގެ ޗެޕްޓަރު ހަތެއްގައި ތަފުސީލްކޮށް ބަޔާކޮށްފައިވާނެ ކަަމަށެވެ.
"ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެމްބަރުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ނެގޭނީ ހާމަވޯޓެއް ކަމަށެވެ،" ޕީއެންސީގެ ބަޔާނުގައި ވެ އެވެ.
އެ މާއްދާއާ ހަވާލާދީ، އެ ޕާޓީން ބުނީ ކޮންގްރެސްގައި ނައިބު ރައީސުންނާއި ކޮންގްރެސް އަށް މެމްބަރުން އިންތިހާބު ކުރުމަށް ހާމަ ވޯޓު ނެގުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް ނިންމީ ކޮންގްރެސްގެ ކަންކަން ވިލަރެސްކުރާ ކޮމިޓީން ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
"އެއީ ޕާޓީގެ އަސާސީ ގަވާއިދުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމެއް ކަން ފާހަގަކުރަމެވެ. މަތީމަޖިލީހުގައި ވޯޓު ނެގުމުގައި އަމަލު ކުރާނީ ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތަށް، މިހާތަނަށް މި ޕާޓީގެ މަތީމަޖިލީހުގެ ބައްދަލުވުންތަކުގައި އަމަލުކުރަމުން އައިސްފައިވާ ގޮތަށެވެ،" ޕީއެންސީން ބުންޏެވެ.
ޕީއެންސީން ފާހަގަކުރި ގޮތުގައި އެ ޕާޓީގެ އަސާސީ ގަވާއިދަކީ ވެބްސައިޓުގައި ޝާއިއުކޮށް، އެންމެންނަށް ފެންނަން އޮތް ލިޔުމެކެވެ.
ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސުންނަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކުރަންޖެހެނީ ހަ ބޭފުޅުންނެވެ. އެ ހަ ބޭފުޅުންގެ އިތުރުން ޕީއެންސީ ވެރިކަމުގައި އޮންނަ ދުވަސްވަރެއް ނަމަ އެ ވަގުތު ގައުމުގެ ނައިބު ރައީސް ވެސް އޮޓަމެޓިކުން އެ ޕާޓީގެ ނައިބު ރައީސަކަށް ވާނެ އެވެ. އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ ވެސް އެ ޕާޓީގެ ނައިބު ރައީސްގެ ގޮނޑި އަށް އޮޓަމެޓިކުން ހޮވޭ ބޭފުޅެކެވެ.