ޕާސަނަލް ކޮމްޕިއުޓާސް އާއި އުރީދޫ އިން ޕާޓްނާޝިޕް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށް ސައިބަ ބުލީއާ ދެކޮޅަށް ކެމްޕޭނެއް ފަށައިފި އެވެ.
ޕާސަނަލް ކޮމްޕިއުޓާސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާމީ އަބްދުލް ގަފޫރެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. މި ޕާޓްނާޝިޕްގެ ދަށުން އުރީދޫގެ ހިދުމަތްތައް ޕާސަނަލް ކޮމްޕިއުޓާސްގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ޕާސަނަލް ކޮމްޕިއުޓާސް އާއި އުރީދޫ ގުޅިގެން ވަނީ "މޮޑާން ޗެލެންޖަސް، މޮޑާން ސޮލިއުޝަންސް"ގެ ނަމުގައި ސައިބަ ބުލީއާ ދެކޮޅަށް ކެމްޕޭނެއް ފަށައިފަ އެވެ. މި ކެމްޕޭނުގެ ދަށުން "ނެޓް ނޭނީ" ވަނީ ރާއްޖެއަށް ތައާރަފު ކޮށްފަ އެވެ.
ނެޓް ނޭނީ އަކީ ކުޑަ ކުދިން އިންޓަނެޓު ބޭނުން ކުރާ ގޮތް ބަލައި އެ ކުދިންގެ އެކްޓިވިޓީތައް ކޮންޓްރޯލް ކުރުމުގެ ބާރު ބެލެނެވެޔާއަށް ލިބޭ ސޮފްޓުވެއާ އެކެވެ. މި ސޮފްޓްވެއާއަކީ ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވަ މޮޅު ސޮފްޓުވެއާއެކެވެ.
ޕާސަނަލް ކޮމްޕިއުޓާސް އިން ބުނީ މި ސޮލިއުޝަންއާ އެކު، ކުޑަކުދިން އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރިކަމާއެކު ކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. އެގޮތުން، ކުޑަކުދިންނާ ނުގުޅޭ ވެބްސައިޓުތައް ބްލޮކް ކުރުމާއި ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓު ބްލޮކް ކުރުމުގެ އިތުރުން ކުއްޖާ އިންޓަނެޓުގައި ހޭދަކުރާ ވަގުތުގެ ދުވަހުގެ ރިޕޯޓު ބެލެނެވެރިޔާއަށް ލިބޭނެ އެވެ. އެހެންވެ ކުއްޖާއަށް ބުލީކުރާ ނަމަ ނުވަތަ މީހަކު ނާޖާއިޒު ފައިދާ ނަގާ ނަމަ އެކަން ބެލެނެވެރިޔާއަށް ހުއްޓުވުމަށް ފަސޭހަވާނެ އެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒު ވިދާޅުވީ މިއީ އިންޓަނެޓާ ނުލައި ނޫޅެވޭ ޒަމާނަކަށް ވާއިރު ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ޕާސަނަލް ކޮމްޕިއުޓާސް އާ ގުޅިގެން މިފަދަ ހިދުމަތެއް ތައާރަފު ކުރެވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައިބާ ބުލީއާ ދެކޮޅަށް ފެށި މި ކެމްޕޭނުގައި އާކް އާއި ޖެންޑާ މިނިސްޓްރީން ވެސް ޕާސަނަލް ކޮމްޕިއުޓާސްއާ ގުޅިގެން މަސައްކަތް ކުރާނެ އެވެ.
އުރީދޫން ވަނީ ޕާސަނަލް ކޮމްޕިއުޓާސް އިން ލެޕްޓޮޕާއި ކޮމްޕިއުޓަރު ގަންނަ ކަސްޓަމަރުންނަށް ހިލޭ މައިފައި އާއި ޑޭޓާ ދޭން ވެސް ނިންމައިފަ އެވެ. އެގޮތުން، މަހަކު 20ޖީބީ ލިބޭގޮތަށް ޖުމްލަ 240ޖީބީ ލިބޭނެ އެވެ.
މީގެ އިތުރުން ނެޓްނޭނީގެ އެކްސްޓެންޑެޑް ޓްރަޔަލް ޕީރިއަޑެއް ވެސް ޕާސަނަލް ކޮމްޕިއުޓާސްގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ. އެ ކުންފުނީގެ ވެބްސައިޓުން މި ސޮލިއުޝަން ރިޑީމް ކުރެވޭއިރު ޓްރަޔަލް ޕީރިއަޑް ނިމުމުން މަހަކު 40ރ. ދައްކަން ޖެހޭނެ އެވެ.