ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

އެ މައްސަލާގައި ޖަލަށް ލާފައި ވަނީ ނ. މިލަދޫ، އަލަމާގެ އަހުމަދު އަބްދުލްހާދީ އެވެ. އުމުރުން 43 އަހަރުގެ އެމީހާ 25 އަހަރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ. 

އޭނާއާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައަކީ މާޗު 4، 2022 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެ އަހަރުގެ އޭޕްރީލް 11 ގަ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ވެސް އެ އިދާރާ އިން އަންނަނީ ކުރަމުންނެވެ. 

މަސްތުވާތަކެތީގެ ބައެއް މައްސަލަތަކުގައި މަރުގެ އަދަބު ވެސް ދެވޭ ގޮތަށް މި ފަހުން ވަނީ ގާނޫނަށް ބަދަލު ގެނެސްފަ އެވެ.