މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން ހޯދަނިކޮށް ކަމަށެވެ.
މިކަން އެނގުމާ އެކު އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނީ އެ ފުލުސް މީހާ މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.
"... އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފް އެވެ.
ހާދިސާ ހިނގި ގޮތާ ބެހޭ މައުލޫމާތު އެނގޭ މީހަކު "މިހާރު"އަށް ބުނީ އާސިފް ގެއްލިގެން ހޯދަން ފެށީ ފާހާނާއަކަށް ދިޔަ ގޮތަށް ޚަބަރެއް ނުވުމުން ކަމަށެވެ.
އާސިފަކީ އއ. އަތޮޅުގައި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެކެވެ. އޭނާ މާލޭގައި ޑްރަގް އެންފޯސްމަންޓު ޔުނިޓުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ މި ހިތާމަވެރި ވަގުތު، ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.