ހުޅުމާލޭގެ އަމާން އުދަރެސް އެޕާޓްމަންޓެއްގެ ކުޑަދޮރުން ވެއްޓުނު 16 އަހަރުގެ އަންހެން ކުއްޖާގެ ބޭސްފަރުވާއަށް އާންމުންގެ އެހީއަށް އާއިލާ އިން އެދިއްޖެ އެވެ.
ޑޮކްޓަރަށް ދައްކަން މާލެ އައިސް އުޅެނިކޮށް އަމާން އުދަރެސް ޓަވަރެއްގެ ތިން ވަނަ ބުރިން ވެއްޓި އެ ކުއްޖާ ފައިގެ ކަށިތައް ބިނދި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
އާއިލާ އިން ބުނީ އިއްޔެ ފެށި އޯ ލެވެލް އަށް ތައްޔާރުވަމުން ދިޔަ ކުއްޖާ ވެއްޓުނީ ފަރުވާ ފުރިހަމަކޮށްގެން ރަށަށް ފުރަން އޮތް ދުވަހުގެ ހެނދުނު ކަމަށެވެ. އެ ހާދިސާ ހިނގި ގޮތް މުޅިން ސާފު ނުވިޔަސް އެ ކުއްޖާ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް ވެ އެވެ.
އެކުގައި ކިޔަވާ ދަރިވަރުންތަކެއްގެ ބުލީގެ ޝިކާރައަކަށް އެ ކުއްޖާ ވެފައިވާ ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ. އިމާރާތުން އެ ކުއްޖާ ވެއްޓުނު ދުވަހު އޭނާގެ ފޮޓޯތަކެއް ހަދައިގެން އިންސްޓަގްރާމަށް ލައި ބުލީކޮށްފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
އާއިލާ އިން ވާހަކަ ދެއްކި ދައްތައަކު "މިހާރު"އަށް ބުނީ އިމާރާތުން ވެއްޓުނު ހާދިސާގައި އެ ކުއްޖާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އޭނާ މިހާރު ވަނީ ފަރުވާއަށް ބޭރަށް ގެންގޮސްފަ އެވެ.
އެ ހާދިސާއާ ގުޅިގެން އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގަ އެވެ. އެ ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ދެއްކީ އޭނާގެ މައިބަދައަށާއި ކަށިތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނި ގޮތުގައި މައިބަދައިގެ އެލް1 އަދި އެލް2 ބައިން ކަށިގަނޑު ފުނޑުފުނޑުވެ، ނާރުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި އުނަގަނޑާއި ފޫކޮޅާ ގުޅޭ ކަށިތަކުގައި ރެނދުލައި، ވާތްފަރާތު އުނަގަނޑުގެ ހުޅަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
"ވާތު ފައިގެ ކުޑަކަޅުވާ އިން ކަށިގަނޑާއި ފައިތިލައިގެ އެކި ކަށިތައް ބިންދައިގެން ގޮސް، ހަންގަނޑު މަށައިގެން ގޮސް ފުން ޒަހަމްތަކެއް ހުރި. ވާތު އުޅަނބޮށީގެ ކަށިގަނޑަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި. މައިބަދަ، ކަށީގެ ބަލިތައް، އުނަގަނޑުގެ އޮޕަރޭޝަން އަދި ކުއްލި އަނިޔާތަކާ ގުޅޭ ހާއްސަ ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުން ފަރުވާދޭން ޖެހޭ ފަދަ ނުރައްކާތެރި އަނިޔާތަކެއް،" ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
މައިބަދައަށް ލިބިފައިވާ އަނިޔާގެ ނުރައްކާތެރިކަމާއި ނާރުތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ މި މަހު އެއްވަނަ ދުވަހު ވަނީ ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އެއީ މައިބަދައިގެ ދެ ޑިސްކު ގުޅުވައިދިނުމާއި މައިބަދައިގެ ކަށިގަނޑުން ބައެއް ނެގުމުގެ އޮޕަރޭޝަނެކެވެ.
އާއިލާ އިން ބުނީ ހަށިގަނޑުގެ އެހެން ތަންތަނުން ބިނދިފައިވާ ކަށިތަކަށް ފަރުވާދިނުމަށް، އޭނާގެ ހާލަތު އިތުރަށް ރަނގަޅުވުމުން އޮޕަރޭޝަންތަކެއް ކުރަން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ.
"ނަމަވެސް، މައިބަދައިގެ އޮޕަރޭޝަނަށް ފަހު ހަތަރުވަނައަށްވީ ދުވަހު، ރާއްޖޭގައި އިތުރު ބޮޑެތި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ނުރައްކާ ބޮޑު ކަމެއްކަން ހޮސްޕިޓަލުން އާއިލާއަށް އެންގި. އެހެންވެ އެޑްވާންސް ޓްރޯމާ، މައިބަދަ އަދި އުކުޅުވަޅުގެ އޮޕަރޭޝަންތަކަށް ހާއްސަ މާހިރުން ހިމެނޭ ޓީމެއްގެ ބެލުމުގެ ދަށުން ފަރުވާ ހޯދުމަށް އިންޑިއާ ގެނައީ،" އޭނާ ބުންޏެވެ.
ފަރުވާ އަށް އެ ކުއްޖާ އިންޑިއާގެ ކޮއިންބަތޫރުގައި ހުންނަ ގަންގާ ހޮސްޕިޓަލަށް ގެންދިޔައީ މި މަހުގެ 11 ގަ އެވެ.
އާއިލާ އިން ބުނީ އިންޑިއާއަށް ދިޔުމަށް ފަހު އިތުރު ސީރިއަސް މައްސަލަތަކެއް ފާހަގަވި ކަމަށާއި ވާތު ފައިގެ ކަށިގަނޑުން ބޭރަށް ފެންނަން އޮތް ޒަހަމްގައި ބޮޑު އިންފެކްޝަނެއް އުފެދި އެ އިންފެކްޝަންގެ އަސަރު ކަށިގަނޑަށް ފޯރާފައިވާ ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނި ގޮތުގައި ހަލާކުވެފައި ހުރި ތަނުގެ ތެރޭގައި ހިލަ އާއި ދޮންވެލީގެ ކުދި އެތިކޮޅުތައް ހަރުލާފައި ހުރުމުން އިންފެކްޝަން އުފެދި އެ ސަރަހައްދުން ގާތްގަނޑަކަށް 20 މިލިލީޓަރުގެ ދޮސް ބޭރުކޮށްފައިވެ އެވެ.
އިންފެކްޝަންގެ އަސަރުކޮށް، މަރުވެފައިވާ މަސްތައް ނެގުމަށް މިހާރު ވަނީ އިތުރު ސާޖަރީއެއް ވެސް ކޮށްފަ އެވެ.
"ޑޮކްޓަރުން ބުނަނީ އިންފެކްޝަނަކީ ފަރުވާގެ ކުރިއަށް އޮތް މަރުހަލާތަކަށް ކުރިމަތިވެފައިވާ ބޮޑު ހުރަހެއް ކަމަށް. އިންފެކްޝަން ރަނގަޅު ނުވަނީސް، ފައިގެ މައިގަނޑު އޮޕަރޭޝަން ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންދެވޭނެއޭ. މިވަގުތު އެންމެ އިސްކަމެއް ދެނީ އިންފެކްޝަން ކޮންޓްރޯލް ކުރުމަށާއި، ގެއްލުންވެފައިވާ މަސްތަކާއި ހަންގަނޑު އަލުން އިއާދަކުރުމުގެ ފަރުވާ، ބޭނުންވާ ހާލަތްތަކުގައި ޕްލާސްޓިކް ސާޖަރީ ހިމެނޭހެން ކުރިއަށް ގެންދިޔުމަށް،" އެ ކުއްޖާގެ ދައްތަ ކިޔައިދިނެވެ.
ފައިގެ ކަށިގަނޑު ގުޅުވުމުގެ އޮޕަރޭޝަނާއި އެހެނިހެން ފަރުވާތައް ކުރިއަށް ގެންދެވޭނީ ހަލާކުވެފައި ތަން އެއްކޮށް ރަނގަޅުވެ، އިންފެކްޝަން ވެސް އެއްކޮށް ރަނގަޅުވުމުން ކަމަށް ޑޮކްޓަރުންނާ ހާވާލާދީ ދައްތަ ބުންޏެވެ.
"މައިބަދައަށާއި އުނަގަނޑުގެ ކަށިގަނޑަށާއި އަތާއި ފަޔަށް ލިބިފައިވާ އަނިޔާތަކުގެ އިތުރުން ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ތަނުގައި އިންފެކްޝަން އުފެދުމުގެ ސަބަބުން ފަރުވާ އިތުރަށް ކޮމްޕްލިކޭޓްވެފައިވާތީ، މަލްޓި-ޑިސިޕްލިނަރީ ފަރުވާ ލިބޭނެ ޓާޝަރީ ހޮސްޕިޓަލެއްގެ އެހީތެރިކަން ބޭނުންވާކަމަށް އާއިލާއިން ގަބޫލުކުރަނީ. އެހެންވެ ކޮޗިންގެ ރާޖަގިރި ހޮސްޕިޓަލަށް ބަދަލުކުރުމުގެ ހުއްދައަށް އާސަންދަ މެދުވެރިކޮށް އެދިފައިވަނީ،" އޭނާ ބުންޏެވެ.
މިހާރު އޮތް ހޮސްޕިޓަލުގައި ފަރުވާދޭން އާސަންދަ ހަމަޖައްސައިދީފައި ވިޔަސް ރާޖަގިރި ހޮސްޕިޓަލަށް ބަދަލުކުރަން އަދި އާސަންދަ ހަމަނުޖެހޭ ކަމަށް އާއިލާ އިން ބުންޏެވެ.
ބޭސްފަރުވާގެ މުއްދަތު ދިގުލައިގެންދާތީ މާލީ ހާލަތު ދަށަށް ގޮސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
އާއިލާ އިން ބުނީ އިންޑިއާގައި ކޮޓަރި ކުއްޔަށް ހިފުމާއި ކެއިންބުއިމާއި ދަތުރުފަތުރާއި އާސަންދައިން ނުލިބޭ ބޭސްތަކާއި ޓެސްޓުތަކަށް ކޮންމެ ދުވަހަކު ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށެވެ. އެކަަމަކު ފަރުވާއަށް މިވީ މުއްދަތުގައި ބޮޑު ހޭދައެއް ހިނގައި އަތުގައި ހުރި ފައިސާ ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
އެ ކުއްޖާ އަށް ފަރުވާދެމުން އަންނަ ކޮޓަރިއަށް ދުވާލަކަށް 4500 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 725 ރުފިޔާ) ދައްކަން ޖެހެ އެވެ. އިންޑިއާގައި ހޭދަވާނެ މުއްދަތު އަދި ނޭނގުނު ނަމަވެސް ގާތްގަނޑަކަށް ހަތަރު މަސް ހޭދަވާނެ ކަމަށް ޑޮކްޓަރުން ލަފާކުރާ ކަމަށް އާއިލާ އިން ބުންޏެވެ.
"މި ދަތި އުނދަގޫ ވަގުތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި ހެޔޮ ދުއާއަށް އިޚްލާސްތެރިކަމާއެކު އެދެން،" ދައްތަ ބުންޏެވެ.
އާއިލާ އިން ބުނި ގޮތުގައި ދެން ކުރަން ހުރި އޮޕަރޭޝަންތަކަށް ފަހު އަލުން ހިނގާބިނގާވެ އުޅެން ދިގު މުއްދަތަކަށް ފިޒިއޯތެރަޕީ އާއި ރީހެބިލިޓޭޝަން ވެސް ބޭނުންވާނެ އެވެ. އެހީއަށް އެދުނީ އެ ފަރުވާތައް މެދުނުކެނޑި ކުރިއަށް ގެންދަން ކަމަށް އާއިލާ އިން ބުންޏެވެ.
އެހީތެރިކަން ފޯރުކޮށްދެއްވުމަށް:
7770000137554 MVR
7730000865976 USD
SHAZRATH MOHAMED