ފުވައްމުލަކުގައި، 18 އަހަރު ނުފުރޭ ދެ ކުއްޖަކު ދުއްވި ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ފަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ އެ ދެކުދިންނަށް ކަމަށާއި އެ ދެކުދިންނަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ފުވައްމުލަކު މާލެގަން އަވަށުގައި ހިނގި އެ އެކްސިޑެންޓްގެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން ޖެހުނީ އެ ސައިކަލްގެ ކަނާތްފަޅިން އައި އެހެން ސައިކަލެއް، ވައަތްފަރާތަށް އަރަން އުޅެފައި މަޑުކޮށްލި ވަގުތު އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ޖެހުނީ މަޑުކޮށްފައި އޮތް ސައިކަލްގެ ކުރީ ފުރޮޅުގަ އެވެ. ބާރަށްް އައި ސައިކަލް އެވަގުތު ވެއްޓި، ދުއްވަން އިން ކުއްޖާ ވިއްސައިގެންދާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
ފުލުހުން ބުނީ ގޮތުގައި އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރުފަހު 1:30 އެހާކަށް ހާއިރު އެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓްގެ މައްސަލަ ބަލަމުންނެވެ.