ޏ. ފުވައްމުލަކުގައި ރޭ ހިނގި ލޯންޗު އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
އެ ހާދިސާ ހިނގީ އެ ރަށު ބޮޑުފަންނާ ދިމާލު ކަނޑުމަތީގަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ޑިންގީގައި ތިން މީހުން ތިބި ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގުމާ އެކު، ޑިންގީގައި ތިބި މީހުން ލޯންޗަށް ނަގައިގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު "މިހާރު" އަށް ވިދާޅުވީ ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު މާލެއަށް ފުރުވާލުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު ފަރުވާއަށް ގެންނަ މީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް އިތުރު އަނިޔާތައް ވެފައިވާ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ހާދިސާ ހިނގީ "ސަދަން ސްޕޯޓްސް ފިޝިން" ނަމަކަށް ކިޔާ ލޯންޗު ދުއްވާފައި ދަނިކޮށް، ބޮޑުފަންނު ކައިރީގައި މަޑުކޮށްގެން އޮތް ޑިންގީގައި ޖެހިގެންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ ޑިންގީގެ ދިރުނބާކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަނެވެ. އެކްސިޑެންޓުވި ލޯންޗަށް ވެސް ގެއްލުންތަކެއް ލިބުނެެވެ.