އިއްޔެ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ލޯންޗު ޖެހުނު ސަޕްލައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިއްޔެ ހެނދުނު އެކްސިޑެންޓުވީ، ދެ މީހުންނާ އެކު ދަތުރުކުރަމުން އައި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެކެވެ.

ލޯންޗުގައި ޖެހުމުން އެ ދޯނި ވަނީ މަޑުނުކޮށް ގޮސްފަ އެވެ. ފުލުހުން އިއްޔެ ވަނީ އެ އެކްސިޑެންޓަށް ފަހު، އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެކްސިޑެންޓުވި ލޯންޗަށް ގެއްލުންވެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކްސިޑެންޓުވި ލޯންޗަށް ގެއްލުންވެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުލުހުން މިއަދު ބުނީ އެ ދޯނި ދުއްވި ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އެ ހާދިސާގެ މަދަނީ އަދި ޖިނާއީ ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް ބުންޏެވެ.

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިންނެވެ. އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންދެމުންނެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

އެ ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުންގެ ތަހުގީގުގެ ތެރެއިން ކުރަމުން އަންނައިރު، އެ އެކްސިޑެންޓުގައި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން އެ ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ "ފުނޑުފުނޑުވެފަ" އެވެ. ދޯންޏަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.