ފުލުހުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން ނިންމުމަށް ފަހު ވެސް ކުރީގެ މުސާރަ ދެމުން އަންނާތީ އެކަން ބަލައިދިނުމަށް އެދިވަޑައިގެން، ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މިދިޔަ މަހުން ފެށިގެން ފުލުހުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން ނިންމައި، ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ނަމަވެސް އެ މިނިސްޓްރީން އެންގީ މުސާރަ ބޮޑުކުރެވޭނީ ކަމާބެހޭ އިދާރާތަކުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެހެންވެ މިދިޔަ މަހު ވެސް ފުލުހުންނަށް ޖަމާކުރީ ކުރީގެ އޮނިގަނޑުގެ ދަށުން އޮންނަ މުސާރަ އެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާނަށް ރިޔާޒް ފޮނުއްވި ސިޓީގައިވަނީ މުސާރަ ބޮޑުކުރަން ނިންމުމަށް ފަހު އެކަން ހަމަޖައްސާފައި ނުވާތީ އާއި މިކަމުގައި ވާގޮތެއް މިހާތަނަށް ވެސް ނޭނގޭތީ ފުލުހުން ތިބޭ މާޔޫސްކަމެއްގައި ކަމަށެވެ. އެކަން ބަލައި، ބޮޑުކުރި މުސާރަ ހޯދައި ދިނުމުގައި އެ ކޮމެޓީއަށް ކުރެވެން އޮތް ކަމެއް ކޮށް ދިނުމަށް ރިޔާޒްގެސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓް ފާސް ކުރިއިރު ވެސް ފުލުހުންގެ ބަޖެޓަށް ވަނީ 230 މިލިއަނަށް ވުރެ ބޮޑު އަދަދެއް އިތުރުކޮށްފަ އެވެ. ބޮޑުކުރި މުސާރައިގެ އޮނިގަނޑު އޮތީ އެންމެ އާދައިގެ ފުލުހެއްގެ މުސާރަ އަށް ވެސް 4،000 އެއްހާ ރުފިޔާ އިތުރުވާ ގޮތަށެވެ.