ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައެއް، މަޖިލީހުގެ ގަވައިދަށް ނުފެތޭ ކަމަށް ވިދާޅުވެ، ރިޔާސަތުން އެ މައްސަލަ ބޭރުކޮށްލުމާ އެކު، އެކަމާ އިހުތިޖާޖްކުރައްވަން ފެށުމުން އޭނާގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.
މީކާއީލްގެ ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަން ފުރުސަތު ނުދެއްވީ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އެއީ ހަގީގަތާ އެއްގޮތް މައްސަލައަކަށް ނުވާތީ އެވެ.
އެގޮތަށް ނިންމަވައި އެޖެންޑާއާ އެއްގޮތަށް ޖަލްސާ ކުރިއަށް ގެންދަވަން ފެއްޓެވުމުން، އެކަމާ ދެކޮޅު ހައްދަވައި މީކާއީލް ވިދާޅުވަމުން ގެންދެވީ މަޖިލިސް ކުރިއަށް ދަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެން ވިދާޅުވެ، އަޑުގަދަކުރައްވާތީ، ގަވައިދާ އެއްގޮތަށް އަމަލުކުރަން ނަސޭހަތް ދެއްވުމަށް ފަހު، ރިޔާސަތުން މީކާއިލްގެ ނަން އިއްވި އެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި މީކާއިލް ހުށަހެޅުއްވި ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލާފައި ވާތީ އެކަމުގެ ކަންބޮޑުވުމެވެ.
އަދަދުގެ ނޫސްވެރިން ބަންދުކުރި ކުރުމަކީ މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި ނޫސްވެރިންނަށް ކުރިމަތިވާ ބިރުވެރިކަމާއި ހުރަސްތައް އިތުރުވަމުންދާ ހާމަވާ ކަމެކެވެ.
"ގާނޫނުއަސާސީގެ 28 ވަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނޫސްވެރިންނަށް އެކި ގޮތްގޮތުން ހުރަސްތަކާއި ނުފޫޒުތައް ކުރިމަތިވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ (ހ)ގެ ދަށުން މިކުއްލި މައްސަލަ ހުށަހަޅަން،" މީކާއިލް ވިދާޅުވި އެވެ.