ރައްޔިތުންގެ މަޖިލީހުގައި ސިއްރު އިންގިލާބެއް ހިނގާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ އެކު، ޕީއެންސީގެ އިސް މެންބަރުން އެކަމަށް ރައްދު ދެއްވައިފި އެވެ. 

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މަޖިލިސް އޮތީ ސާބިތުކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ވަރަށް ގަދަކޮށް ކަމަށެވެ. 

"ތިގޮތަށް ވާހަކައިން 20 ވަނަ މަޖިލީސް ރޫޅަނިކޮށް ދައުރު މިއޮއް ނިމެނީ،" ފަލާހު ވިދާޅުވި އެވެ. 

ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މަޖިލިސް ތެރޭ، ޔާމީން ވިދާޅުވާ ފަދަ ކަމެއް ނުހިނގާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެމްބަރުންގެ ހިތްނުތަނަވަސްކަން އޮތްކަން އެމީހުންގެ ވާހަކަތަކުން ހާމަވާ ކަމަށް ވިދާޅުވި އެވެ.

"ހާލަތު ބަދަލު ވުމަށް ކީއްކުރަން ކުރާ އުންމީދެއްތޯ؟ ހިތްޕުޅު ގޯސްވާނޭ ކަމެއް ނެތް އަޅުގަނޑުމެން މިތިބީ ރައީސް މުއިއްޒާއެކު ގަދަކޮށް. ހަމަ ވަރަަށް ގަދަކޮށް އިނގޭތޯ،" ޝުޖާއު ވިދާޅުވި އެވެ. 

ޔާމީންގެ ޕާޓީ، ޕީއެންއެފުން ބޭއްވި ޖަލްސާގައި ވަހަކަ ދައްކަވަމުން ރޭ ޔާމީން ވިދާޅުވީ ރައީސް މުއިއްޒުއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ މެންބަރުންތަކެއް ޕީއެންސީގައި އެބަތިބި ކަމަށާއި ޕީއެންސީގެ ހުރިހާ މެންބަރުން ތިބީ ސަރުކާރާ އެކު ނޫން ކަމަށެވެ. 

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ: މަޖިލީހުގެ ތެރޭގައި ހިމޭން އިންގިލާބެއް ހިނގާ ކަމަށް ވިދާޅުވި
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ: މަޖިލީހުގެ ތެރޭގައި ހިމޭން އިންގިލާބެއް ހިނގާ ކަމަށް ވިދާޅުވި

"ހުރިހާ އެންމެން ތިބީ ރައީސް މުއިއްޒާ އެކު ގަދަކޮށެއް ނޫން. އެތަނުގައި ވަރަށް ރުޅި އައިސްފައި ތިބި ބަޔަކު އެބަ ތިބި،" ޔާމީން ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މަޖިލިސް ތެރޭ ހިނގަނީ ވަރަށް ހިމޭން އިންގިލާބެއް ކަމަށާއި އިރާދަކުރައްވިއްޔާ ވަރަށް އަވަހަށް ހާލަތު ބަދަލުވެގެންދާ ތަން ފެންނާނެ ކަމަށެވެ. 

ގިނަ މެންބަރުންތަކެއް ހިތްހަމަނުޖެހިފައި ތިބީ ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި ޑޮލަރުގެ މައްސަލައާ ގުޅިގެންނެވެ. އޭގެ ތެރޭގައި ކަޅު ބާޒަރުން ވިޔަފާރިކުރާ ބޭފުޅުންނާއި ސަފާރީ ދުއްވައިގެން ޑޮލަރު ހޯދާ މެންބަރުން އެބަތިބިކަން ޔާމީން ފާހަގަކުރެއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު 74 މެންބަރުންނަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. މީގެކުރިން ވެސް، ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން   ސަރުކާރާ ފެޔަށް ޖެހެން އުޅޭ ކަމުގެ އަޑުތައް އަރާފައިވެ އެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ އިދިކޮޅާ ގުޅެން މެންބަރުންތަކެއް ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފަ އެވެ. އެ މެންބަރުން ތިއްބެވީ ކުރީގެ ތިން ރައީސުންގެ އިޝާރާތަކަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

އޭގެކުރިން، ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވަނިކޮށް، އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. 

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅިދާނެ އެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ.