މޮރިޝަސްްއާ ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީސް (އިޓްލޮސް) އިން ނިންމާފައިވީ ނަމަވެސް ކުރިން ވެސް އޮތްގޮތަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެ ސަރަހައްދު ބަލަހައްޓާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން 2022 ވަނަ އަހަރު އިޓްލޮސްއިން ވަނީ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގެން، އެ ގައުމާ ރާއްޖެެއާ ދެމެދު ކަނޑުގެ ސަރަހައްދު އަލުން ކަނޑައަޅައިފަ އެވެ.

ރާއްޖޭގެ ދެކުނުން ރާއްޖެ އާއި މޮރިޝަސްއަށް 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ނުލިބޭތީ އުފެދުނު އެ މައްސަލާގައި އިޓްލޮސްއިން އެ ސަރަހައްދު ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. 

އޭގެ ކުރިން ފޯޅަވައްސަކީ އިނގިރޭސީންގެ ތަނެއްގެ ގޮތުގައި ބަލަމުން އައިސްފައިވާތީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބަހާކަށް ނުޖެހެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޗާގޯސްގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ސިޓީ އަނބުރާ ގެންނަން ދިވެހި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ގޮތަށް ކަމަށެވެ. އަދި ރައީސް ވިދާޅުވީ ކަނޑުގެ ސަރަަހައްދުތަކާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތްކޮށް ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް އެގޮތަށް އިއުލާން ކުރައްވާފައިވާތީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް، ބަލަހައްޓަން ދިވެހި ސިފައިންގެ ގާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ބަޔާުނުގައި ބުންޏެވެ.

".ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހި ކަނޑުތަކުގައި ގާނޫނީ ހަމަތަކުގެ މަތިން އިގުތިސާދީ އަދި އިޖުތިމާއީ ނަފާއައި މަންފާ ހާސިލުކުރުމަށް ފަހި، އަމާން އަދި ރައްކާތެރި ވެއްޓެއް ގާއިމްކޮށްދިނުަމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންކަން ދިވެހި އަސްކަރިއްޔާއިން ކުރަމުން ގެންދާނެ" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމާ ބެހޭގޮތުން ރާއްޖެއިން މިހާތަނަށް ސޮއިކުރީ ރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ނުލިބޭ ގައުމުތަކާއެކު ކަނޑުގެ ސަރަހައްދު ބެހުމަށް 1976 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން އެކަންޏެވެ. އަދި އެފަދަ އިތުރު އެއްބަސްވުމެއްގައި އެހެން ފަރާތަކާއެކު ރާއްޖެއިން ސޮއިކޮށްފައި ނުވާތީ، އެ ނޫން ހުރިހާ ސަރަހައްދުތަކުން ރާއްޖެއަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.