ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސިޔާސަތުތައް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ތައާރަފްކުރެއްވި 'މަދާނީ ފްރޭމްވޯކް' އާ އެއްގޮތް ކަމަށް ވިދާޅުވެ، އެ ޕާަޓީގެ ކޮންގްރެސް އަށް ހާއްސަ މެސެޖެއް ފޮނުއްވައިފި އެވެ.

ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ފަހު އިއްޔެ ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސަށް ފޮނުއްވި އެ މެސެޖް، ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްްމިއްޔާތުގައި ރައީސް ރޭ އިއްވެވި އެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އަންވަރު ބޭނުންފުޅުވީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގައި މަޑުކުރައްވާށެވެ. 

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ އިސްބޭފުޅުންނާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ އިސްބޭފުޅުންނާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"އެހެން ނަމަވެސް މާދަމާ މެލޭޝިއާގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަންވަން ޖެހިވަޑައިގަންނަވާތީ ވަޑައިގެންނެވީ،" ރައީސް ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، ރައީސް އެ މެސެޖް އިއްވެވީ އަންވަރު ފޮނުއްވާފައިވާ ގޮތަށް އިނގިރޭސިބަހުންނެވެ. އަންވަރު އިބްރާހީމަކީ މެލޭޝިއާގެ ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ ޕީޕަލްސް ޖަސްޓިސް ޕާޓީ (ޕީކޭއާރް) ގެ ރައީސެވެ.

މެސެޖްގައި އަންވަރު ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން މެލޭޝިއާ ހޯދާފައިވާ ތަޖުރިބާ، އިތުބާރު ހުރި ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖެއާ ހިއްސާކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. މެލޭޝިއާއިން ރާއްޖެއާ ތަޖުރިބާ ހިއްސާކުރާނެ ހާއްސަ ދާއިރާތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ސެމީކޮންޑަކްޓަރު އުފެއްދުމާއި އާޓިފިޝަލް އިންޓެލިޖެންސާއި ހަލާލް އިކޮނޮމީ އާއި އިސްލާމިކް ފައިނޭންސެވެ.

"ގައުމުގެ އެންމެ އިސް ސިޔާސީ މުއައްސަސާގެ ހައިސިއްޔަތުން ޑިމޮކްރަސީގެ އުސޫލުތަކާއި އިޖުތިމާއީ އަދާލަތާއި އިސްލާމީ ރޫހާ އެއްގޮތަށް ގައުމު ބިނާކުރަން ކުރާ މަސައްކަތް އަޅުގަނޑުމެންގެ މެލޭޝިއާ މަދާނީ ފްރޭމްވޯކާ އެއްގޮތް،" މެސެޖްގައި އަންވަރު ވިދާޅުވި އެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ޕާޓީގެ އިސް ވެރިންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ޕާޓީގެ އިސް ވެރިންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މެދުމިނުގެ އުސޫލުތަކާއި އެންމެންގެ ބައިވެރިވުން ބޭއްވުމާއި އިންސާފު ދަމަހައްޓައި ރައްޔިތުން ބާރުވެރިކުރުވަން ވަރުބަލިކަމެއް ނެތި ޕީއެންސީން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެސެޖް ކޮންގްރެސް އަށް އިއްވެވުމަށް ފަހު ޕީއެންސީގެ ހުރިހާ މެންބަރުންގެ ނަމުގައި އަންވަރަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މެލޭޝިއާ މަދާނީ އަކީ ސިޔާސަތުތައް ކަނޑައެޅުމާއި ހިދުމަތްތައް ދިނުމުގައި ދަމަހައްޓަން ރިއާޔަތްކުރަން ޖެހޭނެ ގިނަ އުސޫލުތަކަކާ އެކު 2023 ވަނަ އަހަރު އަންވަރު ތައާރަފްކުރެއްވި ފްރޭމްވޯކެކެވެ. އެ ފްރޯމްވޯކްގައިވާ ގޮތުން މެލޭޝިއާގައި މަޝްރޫއުތައް ހިންގުމާއި ހިދުމަތްތައް ދިނުމުަގައި މެލޭަޝިއާގައި ހަ ކަމަކަަށް ރިއާޔަތް ކުރަން ޖެހޭނެ އެވެ. އެ ގޮތުން ރިއާޔަތްކުރަން ޖެހޭނެ ކަންތައްތަަކީ ދެމެހެއްޓެނިވި ގޮތްތައް ބޭނުންކުރުމާއި ކުރިއެރުމަށް ރިއާޔަތްކުރުމާއި އީޖާދީ ވިސްނުމާއި އިހުތިރާމާއި އިތުބާރާއި އޯގާތެރިކަމެވެ.