އަންނަ މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. 

ޖޫން 12 އަށް ތާވަލްކޮށްފައިވާ ޗެއާޕާސަން އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް އިންތިހާބާ ބެހޭ ކޮމެޓީން ބެލުމަށް ފަހު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓް ނަންބަރާ އެކު މިއަދު ވަނީ އާންމުކޮށްފަ އެވެ. 

އިންތިހާބަށް އިއުލާނުކުރި އިރު ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ވެސް ވަނީ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ވާދަ ނުކުރައްވަން ނިންމަވައިފަ އެވެ. 

އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުން: 

  • ކެންޑިޑޭޓް ނަމްބަރު 1 - މުހައްމަދު ނަޝީދު ، ގ. ކެނެރީގެ ކ. މާލެ
  • ކެންޑިޑޭޓް ނަމްބަރު 2 - އިބްރާހިމް މުހައްމަދު، (ވާޑު) ހުދުވިލާގެ ލ. ފޮނަދޫ
  • ކެންޑިޑޭޓް ނަމްބަރު 3 - މީކާއިލް އަހުމަދު ނަސީމް، ގ. ބަރޯސާ، ކ. މާލެ

އޭގެ ތެރެއިން ވާދަވެރި ކެމްޕެއިނެއް ކުރިއަށް ދަނީ އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލްއާ ދެމެދުގަ އެވެ. އެމްޑީޕީ ތެރޭ އުފެދިފައިވާ ދެ ފެކްޝަންގެ މި ދެ ކެންޑިޑޭޓުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ދެން ޗެއާޕާސަން ކަމަށް ކުރިމަތިލެއްވި އިބްރާހިމް މުހައްމަދަކީ ނަޝީދު ފެކްޝަނުގެ ބޭފުޅެކެވެ. 

ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރި އިރު، ޗެއާޕާސަން ހޮވާ އިންތިހާބާއި ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވަން ފައިސާ ނެތް ކަމަށާއި އެ ދެ އިންތިހާބު މިހާރު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ ރިޔާސީ ޕްރައިމަރީގެ ފަހަށް، އެ ދެ އިންތިހާބު ތާވަލުކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ހުށަހަޅުއްވައިފަ އެވެ. 

ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި މިގޮތަށް ހުށަހެޅުއްވުމާ ގުޅިގެން ވެސް ވަނީ އެމްޑީ ތެރޭގައިވާ މައްސަލަތައް އިތުރަށް ހޫނުވެފަ އެވެ.  ކުރީގެ ރައީސް ނަޝީދާއި މީކާއިލް ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅު ހައްދަވައިފަ އެވެ. 

ޣަފޫރުގެ ހުށަހެޅުއްވުމާ އެއްގޮތަށް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި ނަމަ، އެއީ އެ އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެ އެވެ. އެ އިންތިހާބު ފަސްކުރަން މިދިޔަ ޑިސެމްބަރު މަހު އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ ލޯކަލް ކައުންސިލް އިންތިހާބަށް ވުރެ ފަހުން ބޭއްވުމުގެ ބޭނުމުގަ އެވެ.

ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ގޮތަށް ފާސްކުރީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުއްވުން އެ ޖަލްސާ އަށް ހާޒިރުވި 69 މެމްބަރުންގެ ތެރެއިން 58 ވޯޓާ އެކު ފާސްކުރުމުންނެވެ.

ޗެއާޕާސަން އިންތިހާބު މިފަހަރު އިއުލާންކުރީ އޭރު ނިންމި ނިންމުމާ އެއްގޮތަށެވެ.