ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމްސްކޫލިން ނުވަތަ ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމާ އެކު، އޯލްވެލް އިމްތިހާނުގައި ބައިވެރިވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައި ވެސް އަދުލުވެރިކަން ގާއިމްކުރުން ކަމަށެވެ.
އެގޮތުން، ހުރިހާ ދަރިވަރުން ޝާމިލް ކޮށްގެން ކިޔަވައިދޭ، އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު އޭގެ އެންމެ ފުޅާ ގޮތުގައި ތަންފީޒު ކުރުމުގެ ހާއްސަ މަޝްރޫއުއެއް މި އަހަރު ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހާ ސްކޫލްތަކެއް ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަވާ ގޮތަށް ހެދުމާއި ވަސީލަތްތައް ގާއިމްކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި އެފަދަ ދަރިވަރުންނަށް އޯލެވެލް އިމްތިހާނު ހެދޭނެ ގޮތް ވެސް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެ ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުވުމަށް ހާއްސަ މަސައްކަތްތަކެއް ރާވައި ތަންފީޒު ކުރުމަށް މި އަހަރު ފަށާނަން. މީގެ އިތުރުން ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފުސާނީ ހާލަތު ހުރި މިންވަރަށް ބަލައި، ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ގަވައިދަކާ އެއްގޮތަށް އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ގާނޫނަށް އިސްލާހު ގެންނަން މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ހުށަހަޅާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނުކުޅެދޭ ދަރިވަރުންނަށް ސްކޫލުތަކުގައި އަޅާ ތަންތަން:
- ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ހާއްސަ ކްލާސްރޫމްތައް
- އެ ކުދިންގެ ހާލަތަށް ރިއާޔަތްކޮށް، ޕްރައިވެސީ ލިބޭ ގޮތަށް ހާއްސަ ފާހާނާތައް ހެދުން
- އެ ކުދިންނަށް ހާއްސަ އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް އެޅުން
- ކިޔެވުމާއި ކިޔަވައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓްތަކާއި ޑިވައިސްތައް ހޯދުން
- ހުރިހާ ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ހޯދުން
- އެ ކުދިންނަށް ހާއްސް ފޮތްތައް ތައްޔާރުކުރުން
ރައީސް ވަނީ މި އަހަރު ހުރިހާ ސްކޫލުތަކަކަށް އެ ހުރިހާ ވަސީލަތެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީން ދެއްވައިފަ އެވެ.
"ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރި ކަމަކުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމް ވެގެން ނުވާނެ. އެގޮތުން ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުން،"
އޭގެ އިތުރުން ރައީސް ވިދާޅުވީ އެފަދަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާގައި އުޅޭ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް، ވޯކް ފްރޮމް ހޯމް ގޮތަށް އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ސެން ޓީޗަރުން ނުލިބޭ މައްސަލައަކީ އެފަދަ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެފަދަ ޓީޗަރުން ތަމްރީނު ކުރުމަށް ހާއްސަ ޕްރޮގްރާމެއް މިދިޔަ އަހަރު ފަށާފައި ވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.