ރައްޔިތުންގެ އަޑުއަހައިގެން ސަރުކާރު ހިންގުމުގެ ބޭނުމުގައި ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި 24 ގަޑި އިރު ހިދުމަތް ދޭ އޮފީހެއް ރައީސް އޮފީހުގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މިއަދު ވިދާޅުވި ގޮތުގައި ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި 24 ގަޑިއިރު ހިދްމަތްދޭ އޮފީހެއް ގާއިމް ކުރަން ނިންމީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީހާ ވެސް ގާތުން ހައްލު ހޯދުމަށެވެ. 

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ރައީސް ވިދާޅުވި ގޮތުގައި ސިޓީ އާއި އީމެއިލް އާއި ޖެމްސް މެސެޖިން ޕްލެޓްފޯމާއި ފޯނާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ފަދަ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.

"އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން. މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖުކުރާނެ. އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް- އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސަރުކާރަށް ހުށަހަޅާ ހުރިހާ ޝަކުވާތައް އެ ސިސްޓަމްގެ ތެރޭގައި ރެކޯޑްކޮށް، ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށް ދާގޮތް ސިސްޓަމް މެދުވެރިކޮށް ޓްރެކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ. 

އެ ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ "ކޯލް ސެންޓާ"އެއް ގާއިމުކުރަން ވެސް ވަނީ ނިންމައިފަ އެވެ. 

ހަމަ އެއާއެކު ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހަޅާ ޝަކުވާތައް މެނޭޖުކޮށް، އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް ސަރުކާރުގެ ވަކިވަކި އިދާރާތަކުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާގޮތަށް ހަމަޖައްސާފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. 

ސަރުކާރުގެ ހުރިހާ އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް "ވަން ސިންގަލް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް މެކޭނިޒަމް"ގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާ މެދު އިދާރާތަކުން އަމަލުކޮށް ޖަވާބުދެމުންދާ ގޮތް މޮނިޓާކޮށް، އެ އިދާރާތައް ޒިންމާދާރު ކުރުވައި އޯވާއާޗިން އިދާރާއެއްގެ ގޮތުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހަރަކާތްތެރިވާނެ،" ރައީސް ވިދާޅުވި އެވެ. 

ބިއުރޯގައި މަސައްކަތް ކުރާނޭ މުވައްޒަފުން ހޯދުމުގައި އިތުރު ގިނަ މުވައްޒަފުންތަކެއް ހޯދުމުގެ ބަދަލުގައި ރައީސް އޮފީހާއި ސަރުކާރުގެ އެކި އިދާރާތަކުގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ކަމަށް އެކަށީގެންވާ މުވައްޒަފުން ބަދަލުކޮށްގެން ކަމާގުޅޭ ތަމްރީނުދީ މަސައްކަތަށް ފުރިހަމައަށް ތައްޔާރުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"މި އިދާރާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ގާއިމްކޮށް ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނަން،" ރައީސް ވިދާޅުވި އެވެ.