އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމަނިކުފާނު ޗާލްސްއާ ބައްދަލު ކުރެއްވީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28)ގެ ހަވާސާގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް(3)އާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް(3)އާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ހިއްސާކުރައްވައިފަ އެވެ.

ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ރަސްގެފާނު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.