މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީގެ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހާރިސް މުހައްމަދު ހަމަޖައްސައިފި އެވެ.
ޕީސީބީން މިރޭ ބުނީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އޭނާ މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
އެމްޓީޑީސީގެ އާ އެމްޑީއަކަށް ހާރިސް މި އައްޔަން ކުރެއްވީ މިހާރުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަސްކޮޅުން ފެށިގެން އެ މަގާމު ފުރުއްވި އަހުމަދު ނިޔާޒް މީގެ ފަސް ދުވަސް ކުރިން ވަކިކުރުމަށް ފަހު އެވެ.
ހާރިސްއަކީ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމާއި މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ.
ހާރިސް ވަނީ 2015-2018 އަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އަދި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރުކަމާއި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
އޭގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި ކްލިކް ކޮމްޕިއުޓާސް އާއި ހިޒް ކޮމްޕެނީ އާއި ހަރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.
ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ.