ރ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.

އިންނަމާދޫގައި ބޭއްވި ރަސްްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމާއި މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު އަދި އިންނަމާދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒުމީން އެވެ. މި ރަސްމިއްޔާތުގައި ރ. އަތޮޅު ކައުންސިލާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެންގޮސްފަ އެވެ. އަދި މިހާރު ކުރަމުން އަންނަނީ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށާއި ފެން ޕްލާންޓު އިމާރާތުގެ ޑިޒައިންގެ މަސައްކަތް ވެސް ނިމުމަކާ ގާތްވެއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައިވަނީ 50.77 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން 8.33 ކިލޯމީޓަރުގެ ފެންހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް އާރްއޯ ފެސިލިޓީ އިމާރާތެއް ހަދައި، ދެ އާރުއޯ ޕްލާންޓް ބަހައްޓާނެ އެވެ. އަދި ފެން ރައްކާކުރަން ތިން ތާނގި ބަހައްޓައި އެ ރަށުގެ ގެތަކުގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެ އެވެ.

މީގެ އިތުރުން ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.