ލޯކަލް ކައުންސިލްތައް ބާރުވެރިކޮށް، އެ ތަންތަނަށް ދޭ މާލީ އެހީ އިތުރު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މި އަތޮޅު ކިނޮޅަހަށް ވަޑައިގެން ރައީސް ވިދާޅުވީ ލާމަރުކަޒީކޮށް، ބާރުތައް ދޫކޮށް ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ކޮންމެ ކަމެއްގައި ގޮތް ނިންމަން ރައީސް އޮފީހަށް ސިޓީ ފޮނުވަން ވެއްޖެ ނަމަ ފަސް އަހަރުގެ ތެރޭގައި ކުރަން ހުރި ކަންތައްތަކެއް ނުކުރެވި، ހެޔޮ ވެރިކަމެއް ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ބައެއް ފަހަރު ބާރުތައް ދޫކޮށްގެން މަސައްކަތް ކުރަން އުނދަގޫވިޔަސް، ޖުމްލަކޮށް ރާއްޖެ އަށް ގެންނަ ތަރައްގީގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ލާމަރުކަޒީކޮށް، ބާރުތައް ދޫކުރުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"އަދި ވެސް އެ ބާރުތައް ދޫކޮށްލެވޭނެ، އަދި ވެސް ދޫކޮށްލެވޭނެ. ސިޔާސަތުތައް ކަނޑައަޅާފައި ކަން ކުރަންވީ ގޮތް ނިންމާފައި، ދޫކޮށްލަންވީ ކައުންސިލްތަކަށް. ބަޖެޓު ވެސް ދޫކޮށްލަންވީ ކައުންސިލްތަކަށް. ކުރިއަށް އޮތް ދައުރުގައި ހެޔޮވެރިކަމުގެ ސިޔާސަތުގައި ކައުންސިލްތައް ބާރުވެރިކުރުވައި ފައިސާ، ބަޖެޓު މިހާރަށް ވުރެ ބޮޑުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކަށް ދޭ އެހީ އިތުރުކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ. އޭގައި ވާ ގޮތުން، ސިޓީއާއި ރަށްތަކުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމާއި ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ކައުންސިލްތަކުން މާލީ އިދާރާތަކާ ގުޅިގެން ލޯނު ނެގުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށެވެ.
އޭގެ އިތުރުން، އަތޮޅާއި ސިޓީ އާއި ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި، ކައުންސިލްތަކުން ސަރަހައްދީ ކޮމިއުނިޓީ ބޭންކް ގާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް މެނިފެސްޓޯގައި ވެ އެވެ.
ރައީސް ވަނީ، ދެ ވަނަ ދައުރަކަށް ހޮވައިފި ނަމަ މި ރަށަށް ކޮށްދޭނެ ކަންތައްތައް އިއުލާނުކުރައްވައިފަ އެވެ. އޭގެ ތެރޭގައި؛
- ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން.
- ކައުންސިލާއި ސްކޫލާއި ހެލްތު ސެންޓަރުގެ އިމާރާތް އިތުރުކުރުން.
- އިންޑޯ ސްޕޯޓްސް ހޯލެއް އަޅައިދިނުން.