ރުޅިއަކީ އިންސާނާ އަށް ކުރިމަތިވާ ބައެއް ކަންކަމުގެ ސަބަބުން ބަދަލު ހިފަން ނުވަތަ އިންތިގާމުކުރަން ނަފްސުގައި އުފެދޭ ބާރުގަދަ ޖަޒުބާތެކެވެ. އިސްލާމީ ނަޒަރުން ބަލާއިރު، އެ ޖަޒުބާތަކީ ބައެއް ހާލަތްތަކުގައި ވަކި ދަރަޖައަކަށް ހުރުން އެދެވިގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ވަކި ދަރަޖައަކަށް ވުރެ މަތިވުމާއި އަދި އަނެއްބައި ހާލަތްތަކުގައި އެއްވެސް ދަރަޖައަކަށް ހުރުން އެދެވިގެން ނުވާ ކަމެކެވެ.

ވަކި ދަރަޖައަކަށް ރުޅި އަންނަން ޖެހޭ ހާލަތްތަކާއި އެފަދަ ރުޅީގެ ފައިދާ

އިންސާނާގެ ނަފްސާއި މުދަލާއި ދީނާއި އަބުރާއި އިއްޒަތް އަދި އާންމު އެހެން ހައްގުތައް ދިފާއު ކުރުމަށްޓަކައި ނުވަތަ އަނިޔާއެއް ލިބެމުންދާ ހިނދު އެ އިން ސަލާމަތްވުމަށްޓަކައި ރުޅި އައުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ސަބަބަކީ މާތް ﷲ އިންސާނުން މި ބިމުގެ ހަލީފާ އިން ކަމުގައި ލައްވައި އެ ވަޒީފާ ފުރިހަމަ އަށް އަދާކުރުމަށްޓަކައި އިންސާނާ އަށް ދެއްވާފައިވާ ކަންކަމާއި ބާރުތަކުގެ ތެރޭގައި ރުޅީގެ ބާރު ހިމެނުމެވެ.

ރުޅީގެ ބާރަކީ އިންސާނާ އަށް ގެއްލުން ދެނިވި ކަންކަމުން ދިފާއު ކޮށްދޭ ބާރެކެވެ. ރުޅީގެ ބާރާ އެއް ހަމައިން އަނެއް ކޮޅުން މާތް ﷲ އިންސާނާ އަށް ޝަހުވަތުގެ ބާރު ދެއްވާފައިވެ އެވެ. އެއީ އިންސާނާ އަށް ބޭނުންވާ ފައިދާ ހުރި ކަންކަން ހޯދައިގަތުމަށް އޮންނަ ބާރެކެވެ. އެ ދެ ބާރު ކޮންޓްރޯލް ކުރުމަށްޓަކައި މާތް ﷲ އިންސާނާ އަށް ބުއްދީގެ ބާރު ވެސް ދެއްވި އެވެ. އެއީ ޝަހުވަތާއި ރުޅީގެ ބާރު ކޮންޓްރޯލް ކުރުމަށްޓަކައި ނަސޭހަތްތެރި ވެދޭ ބާރެއްގެ ގޮތުންނެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ބުއްދީގެ ބާރު މި ދެންނެވި ދައުރު ފުރިހަމަ ގޮތުގައި އަދާނުކުރެވި ދެ އެވެ. އެހެންވެ، އެހީއެއްގެ ގޮތުން އިންސާނާ ތަބާވާން ޖެހޭ ފުރިހަމަ މަންހަޖެއް އާދެ، ޝަރީއަތެއް މާތް ﷲ ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައި އިންސާނާއާ ހަމައަށް ފޮނުއްވައިފަ އެވެ. އެ މަންހަޖުގައި އިންސާނާ ދެމިހުރެއްޖެ ނަމަ މިދެންނެވި އެންމެހައި ބާރުތައް އެއްވެސް އަތަކަށް ކައްސާލިޔަ ނުދީ، މެދުމިނުގައި ހިފަހައްޓައިދެ އެވެ. ނުވަތަ އެ ބާރުތަކުގެ ހަގީގީ ފައިދާ ހޯދައިގަނެވެ އެވެ.

ރުޅީގެ ފައިދާއަކީ ނުވަތަ ބޭނުމަކީ ހުރުމަތްތެރި ވެގެންވާ ކަންކަމާއި ހައްގުތައް އަދުލުވެރި ގޮތުގައި ދިފާއު ކުރުމެވެ. އެހެންވެ، ކީރިތި ރަސޫލާ ﷺ އާއި އަސްހާބުން އެކަކު އަނެކަކުގެ މައްޗަށް އޯގާވެ، ހަރުބީ ކާފިރުންގެ މައްޗަށް ގަދަފަދަ ވެގެން ވާތީވެ، އެ ކަމަށް މާތް ﷲ ތައުރީފު ކުރައްވާފައިވެ އެވެ. (އަލްފަތުހު 29) އަދި ކާފިރުންނާއި މުނާފިގުންނާ ހަނގުރާމަކޮށް، އެބައިމީހުންނަށް ހަރުކަށިކަން ދެއްކުމަށް އަންގަވާފައިވެ އެވެ. (އައްތައުބާ 73) ހަރުކަށިކަން ދެއްކޭނީ ރުޅިވެރިކަން އޮވެގެންނެވެ.

އިންސާނާގެ ނަފްސާއި މުދަލާއި ދީނާއި އަބުރާއި އިއްޒަތް އަދި އާންމު އެހެން ހައްގުތައް ދިފާއު ކުރުމަށްޓަކައި ނުވަތަ އަނިޔާއެއް ލިބެމުންދާ ހިނދު އެ އިން ސަލާމަތްވުމަށްޓަކައި ރުޅި އައުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ސަބަބަކީ މާތް ﷲ އިންސާނުން މި ބިމުގެ ހަލީފާ އިން ކަމުގައި ލައްވައި އެ ވަޒީފާ ފުރިހަމަ އަށް އަދާކުރުމަށްޓަކައި އިންސާނާ އަށް ދެއްވާފައިވާ ކަންކަމާއި ބާރުތަކުގެ ތެރޭގައި ރުޅީގެ ބާރު ހިމެނުމެވެ.

ކީރިތި ރަސޫލާ ވެސް މާތް ﷲގެ ހުރުމަތަކަށް މީހަކު އަރައިގަންނަ ނަމަ އެކަމަށް އިންތިގާމު ކުރައްވާ ކަމަށް ރިވާ ވެގެންވެ އެވެ. (އަލް ބުހާރީ) އިމާމް ޝާފިއީގެފާނު ވިދާޅުވެފައި ވަނީ "ރުޅި އަންނަން ޖެހޭ ދަނޑިވަޅެއްގައި ރުޅި ނާންނަ މީހަކީ ހިމާރެއް ފަދަ މީހެކެވެ."

ރުޅި ކޮންޓްރޯލް ކުރަންޖެހޭ ހާލަތްތައް

ކުރިން މި ބަޔާން ކުރެވުނީ ރުޅީގެ ރަނގަޅު ވައްތަރެވެ. އެއީ ވަކި ހާލަތްތަކެއްގައި ވަކި ދަރަޖައަކަށް އަންނަ ރުޅި އެވެ. މިއާ މުޅިން ހިލާފަށް ރުޅި އައުން އެކަށީގެން ނުވާ ދަނޑިވަޅުތަކުގައި އަދި ރުޅި އަންނަން ޖެހޭ ދަނޑިވަޅުތަކުގައި ވެސް ހިސާބަށް ވުރެ ގަދަ އަށް ރުޅި އައުމަކީ ފާފައެކެވެ. ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުގައި އެ ބާވަތުގެ ރުޅިން އިންސާނާ ސަލާމަތް ވުމަށް ވަރަށް ބޮޑަށް ބާރު އަޅާފައި ވެ އެވެ. ރަސޫލާ ﷺ ހަދީސް ކުރައްވަނީ “ގަދަފަދަ މީހަކީ އެކަކު އަނެކަކާ ހިފައިގެން ގަދަވާ މީހާއެއް ނޫނެވެ. އެކަމަކު ރުޅީގެ މައްޗަށް ގަދަވެ ގަންނަ މީހާ އެވެ.” (އަލް ބުހާރީ) އަބޫހުރައިރާ ރިވާ ކުރައްވާ ގޮތުގައި އެއްފަހަރަކު މީހަކު ކީރިތި ރަސޫލާގެ އަރިހުން ހެޔޮ ނަސޭހަތަކަށް އެދުމުން އެކަލޭގެފާނު އެތައް ފަހަރަކު ތަކުރާރު ކުރައްވައި ހަދީސް ކުރެއްވީ "ތިބާ ރުޅި ނާންނާށެވެ!" އެވެ.

މާތް ﷲގެ ކޯފާ އިން ސަލާމަތް ވެވޭނީ ކިހިނަކުންތޯ އަބްދުﷲ ބިން އަމްރޫ ކީރިތި ރަސޫލާ ﷺ ގެ އަރިހުން ދެންނެވުމުން ހަދީސް ކުރެއްވީ ވެސް "ތިބާ ރުޅި ނާންނާށެވެ!" އެވެ. ހަމަ އެފަދައިން އަބުއްދަރުދާއު، ސުވަރުގެ ވަނުމަށް ކުރާނެ ހެޔޮ އަމަލެއް ވިދާޅުވެ ދެއްވުމަށް އެކަލޭގެފާނުގެ އަރިހުން ދެންނެވީމާ ވެސް ދެއްވީ ހަމަ އެ ޖަވާބެވެ. ކީރިތި ޤުރުއާނުގައި ތަގުވާވެރިން ސިފަ ކުރައްވާއިރު، އެ މީހުންގެ ސިފަތަކުގެ ތެރޭގައި ރުޅި ކޮންޓްރޯލްކޮށް، އެހެން މީހުންނަށް މާފު ކުރުން ހިމެނެ އެވެ.

ރުޅީގެ ތަފާތު ދަރަޖަތައް

ރުޅިއާ މެދު އިސްލާމްދީން މި ދެ ނަޒަރުން ބަލާއިރު، ރުޅީގެ ތަފާތު ދަރަޖަތަކެއް ވާކަން ފާހަގަވެ އެވެ.

އެއް ދަރަޖައަކީ މެދުމިނުގެ ދަރަޖަ އެވެ. އެއީ ނަފްސާއި ދީނާއި މުދަލާއި އެ ނޫން ވެސް އެހެން ހައްގުތައް ދިފާއު ކުރުމަށްޓަކައި ވަކި އަތަކަށް ނުޖެހި މެދުވަރަކަށް އަންނަ ރުޅި އެވެ. އެ ހާލަތްތަކުގައި އެ ވަރަށް ރުޅި ނާންނަ ނަމަ ބިން ފަސާދަވާނެ އެވެ. އެ މީހެއްގެ ނަފްސާ މެދު ރުޅި ނާންނަ މީހަކީ ފަނާވުމަށް މަގު ހުޅުވާލައިފި މީހެކެވެ. ނުވަތަ އެހެން މީހުން ހައިވާނެއް ފަދައިން ތިމާ ބޭނުން ކުރަން އެހީތެރިވެދޭ މީހެކެވެ.

ދީނަށްޓަކައި ރުޅި ނާންނަ ނަމަ ހައްގުން އެއްކިބާވެ ބާތިލު ދީންތަކަށް ތަބާވުން އޮންނާނީ ވަރަށް ކައިރީގަ އެވެ. އަބުރާއި އިއްޒަތަށްޓަކައި ރުޅި ނާންނަ ނަމަ ނަސަބާއި ދަރިފަސްކޮޅު އޮޅި، ފާހިޝް އަމަލުތައް ގިނަވާނެ އެވެ. މުދަލަށްޓައި ރުޅި ނާންނަ މީހެއްގެ މުދަލަކީ އެހެން މީހުން ބޭނުން ގޮތަކަށް އެ ބޭނުން ކުރުމަށް ފުރުސަތު ދެވިފައިވާ އެއްޗަކަށް ވާނެ އެވެ. ވީމާ މި ދެންނެވި ސަބަބުތަކަށްޓަކައި މެދުވަރަށް އަންނަ ރުޅިއަކީ އެ އަށް ތައުރީފު ލިބިގެންވާ ރަނގަޅު ސިފައެކެވެ.

ރުޅީގެ ދެވަނަ ދަރަޖައަކީ އިސްވެ ދެންނެވުނު ސަބަބުތަކަށްޓަކައި އެއްވެސް ވަރަކަށް ރުޅި ނައުމުގެ ދަރަޖަ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު އަދި ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް މިއީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އޭގެ ސަބަބުން އެންމެ ފުރަތަމަ އެ މީހެއްގެ ހައްގުތައް ރައްކާތެރި ނުވެ، މުޖުތަމައަށް އޭގެ ނުރައްކާތެރިކަން ފޯރާނެ ކަމަކަށް ވާތީ އެވެ. ހަމަނުޖެހުމާއި އަދުލު އިންސާފު ގެއްލިގެން ދާނެ ކަމަކަށް ވާތީ އެވެ.

ރަސޫލާ ﷺ ހަދީސް ކުރައްވަނީ ގަދަފަދަ މީހަކީ އެކަކު އަނެކަކާ ހިފައިގެން ގަދަވާ މީހާއެއް ނޫނެވެ. އެކަމަކު ރުޅީގެ މައްޗަށް ގަދަވެ ގަންނަ މީހާ އެވެ.

ރުޅީގެ ތިންވަނަ ދަރަޖައަކީ ރުޅި އަންނަން ޖެހޭ ސަބަބެއް ނެތި ރުޅިއައުމާއި އިސްވެ ދެންނެވި ފަދަ ސަބަބުތަކަށްޓަކައި ރުޅި އައުމުގައި ހައްދު ފަހަނަޅައި ދިއުމެވެ. އެ ހާލަތުގައި އިންސާނާ ބުއްދީގެ ބާރުގެ މައްޗަށް ގަދަވެގަނެ، ދީނަށް އެއްވެސް ހުރުމަތްތެރިކަމެއް ނުދެ އެވެ. އިންސާނާ ހީނުކުރާހާ ގޮތްގޮތުން ހަލާކުގެ ތެރެއަށް ހުށަހެޅުމަކީ އެ ދަރަޖައިގައި ވަރަށް ގާތް ކަމެކެވެ. ބޮޑެތި ކުށްތަކާއި ޖަރީމާތަކަށް އަރައިގަނެ، ތަނުގައި ފަސާދަ އާއި ހަމަނުޖެހުން އަދި ތަޅާފޮޅުންތައް އުފައްދަނީ ވެސް އެ ދަރަޖައިގައި އަންނަ ރުޅީގެ ސަބަބުންނެވެ. ފަހުން އެކަމާ ދެރަވެ، ހިތާމަކޮށް ރޯން ޖެހޭ ފަދަ ދެރަ ކަންކަން ކުރުމަކީ އާދަވެގެން މި ގޮތަށް ރުޅި އައުމުން ކުރެވޭ ކަންކަމެވެ. ވީމާ އެއްވެސް ޝައްކެއް ނެތި މިއީ އިސްލާމްދީން ހަރާމް ކުރާ ކަމެކެވެ. މާތް ﷲގެ ކޯފާ ލިބޭނެ ކަމެކެވެ. ސުވަރުގެ ވަނުމަށް ހުރަސް އެޅޭނެ ކަމެކެވެ. މިފަދަ ރުޅިން އަޅުގަނޑުމެން ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ އެވެ.

ކެތްތެރިވާން ދަސްކުރުމުން ރުޅި ކޮންޓްރޯލް ކުރެވޭނެ

ރުޅި ކޮންޓްރޯލް ކުރަން ލިބޭ އެންމެ ބޮޑު ބާރަކީ ކެތްތެރިވާން ދަސް ކުރުމެވެ. ކެތްތެރިވާން ދަސްކުރަން ލިބޭ މުހިންމު ތަމްރީނެއް ކަމުގައި ރޯދަހިފުން ވެ އެވެ. ވީއިރު މި ދުވަސްކޮޅަކީ ކެތްތެރިކަން ދަސްކުރަން ލިބޭ މުހިންމު ފުރުސަތަކެވެ. ވީމާ މީގެ ބޭނުން ހިފައި، ކެތްތެރިކަން ދަސްކޮށް، ރުޅި ކޮންޓްރޯލް ކުރަން އަޒުމް ކަނޑައަޅަމާތޯ އެވެ؟