ފަތިސް · 04:38

ވަނަ ތިނެއް އެކަމަކު އަޒުމް އެކެއް

ޒުވާން ގާރީ އަޝްރަގް ނާޒިރަށް 2012 ގައި މެލޭޝިއާ އިން ދިމާވި އުސްތާޒަކު ދިން ނަސޭހަތް އޭނާގެ ހަނދާނުން ދުވަހަކު ވެސް ނުފޮހެވޭނެ އެވެ. މިއަދު ދިގު ރާގަށް ޤުރުއާން ކިޔެވުމުގައި 27 އަހަރުގެ އަޝްރަގަށް ލިބޭ ކާމިޔާބީތަކުގެ ފަހަތުގައި މެލޭޝިއާގެ އުސްތާޒު ރަޟީގެ ދައުރު ބޮޑު ކަމަށް އޭނާ ދެކެ އެވެ. އެކަމަކު އެ އުސްތާޒާ އެކު އޭނާއަށް ހޭދަކުރެވުނީ އެންމެ ހަތަރު ގަޑިއިރެވެ.


ދާދި ފަހުން ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ޤުރުއާން މުބާރާތް، "އައްނޫރުުލް މުބީން" ގައި ބޭރުގެ އަށް ގައުމެއްގެ ގާރީންނާ ވާދަކޮށް އަޝްރަގު ވަނީ ތިން ވަނަ ހޯދައިފަ އެވެ. މިއީ ރާއްޖެ އަށް ވެސް އޭނާގެ ފަރާތުން ލިބުނު ބޮޑު ކާމިޔާބީއެކެވެ.

"މިހާރު މި ލިބުނު ތަޖުރިބާގެ ބޮޑު ޕަސެންޓެއް ކަވަކުރާނީ [2012ގެ] އެ ދަތުރު. އެއީ އެންމެ ދުވަހެއްގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރު އުސްތާޒަކާ އެކު ހޭދަކޮށްލި ހޭދަކޮށްލުން،" އަޝްރަގު ބުންޏެވެ.

އުސްތާޒު ރަޟީ އޭނާގެ ކިބައިން އެދުނު އެންމެ ބޮޑު އެއް އެދުމަކީ ޤުރުއާން ކިޔެވުމުގައި ދިވެހިން އަޑު ގެންގުޅޭ ގޮތްގަނޑު ދޫކޮށް، އޭގެ އަސްލު ގޮތަށް ކިޔެވުން ކުރިއަށް ގެންދާށެވެ. އޭގެ އިތުރުން އަޝްރަގަށް އެތައް ނަސޭހަތެއް ދިނެވެ. އޭގެ ތެރޭގައި ކަންކަމާ މެދު އުއްމީދު ކަނޑާނުލުމަށާއި ޤުރުއާން ކިޔެވުން އެއްގޮތަކަށް ވެސް ހުއްޓާނުލަން ބުނި ބުނުން ހިމެނެ އެވެ.

"ކުޑަ ވަރެއްގެ ނަސޭހަތެއް އެއީ. އެކަމަކު އެކަމުން މުޅި ދިރިއުޅުމަށް ވެސް އަސަރު ކުރި ކަމެއް. ހަނދާން ނައްތާނުލެވޭނެ ދަތުރެއް އެއީ،" މ. ވޭވަށަށް އުފަން އަޝްރަގު ބުންޏެވެ.

ދިގު ރާގަށް ޤުރުއާން ކިޔެވުމުގައި މިވަގުތު ރާއްޖޭގެ އެއް ވަނަ އަކީ އަޝްރަގެވެ. މިހާ ހިސާބަށް އޭނާ އައީ ދެތިން އަހަރެއްގެ މަސައްކަތަކުން ނޫނެވެ. ވަރަށް ކުޑައިރު ވެސް ކެސެޓް ރޯލް ޖަހައިގެން އޭގެ ދަށުން ރީތިކޮށް ޤުރުއާން ކިޔަވަން އޭނާ ވަނީ ފަށައިފަ އެވެ. އަދި އުމުރުން 11 އަހަރުގައި މާލެ އަށް ދިރިއުޅުން ބަދަލުކުރީ ވެސް ޤުރުއާން ކިޔަވަން ހުރި ލޯތްބެއްގެ ބޮޑު ކަމުން ކަމަށް އޭނާ ބުނެ އެވެ.

އަޝްރަގު "މިހާރު"އަށް އިންޓަވިއު ދެނީ: ހިތްވަރު އެލުވައެއް ނުލާނެ.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މައުހަދާއި އަރަބިއްޔާ އިން ތައުލީމް ހާސިލްކޮށްފައިވާ އަޝްރަގަކީ، އެއްގޮތަކުން ބަލާއިރު، ހިތްވަރު އެލުވާލާ ޒުވާނެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި ކުޑައިރު ބައްޕަ މަރުވެފައި ވިޔަސް، ބައްޕަގެ ދުނިޔޭގައި ދަސްކޮށްދިން މުހިންމު ފިލާވަޅުތައް ހަނދާން އެބަ ހުއްޓެވެ. އެހެންކަމުން ކާމިޔާބީއެއް ހޯދަން، މާޔޫސްވުމެއް ނެތި، މަސައްކަތްކުރުމަކީ، ބައްޕަގެ ފަރާތުންނާއި އޭގެ ފަހުން މެލޭޝިއާގެ އުސްތާޒުގެ ނަސޭހަތްތަކުގެ ތެރެއިން ލިބުނު ފިލާވަޅުތަކެވެ.

ފުރަތަމަ އަހަރު ވަނައެއް ނެތި، އޭގެ ފަހުން ހުސް ވަނަ

ގައުމީ ފެންވަރުގެ ޤުރުއާން މުބާރާތެއްގައި އެންމެ ފުރަތަމަ އަޝްރަގު ބައިވެރިވީ، މައުހަދުގެ ދަރިވަރެއްގެ ހައިސިއްޔަތުން 2006 ހިސާބުގަ އެވެ. ވަނައަކަށް އުއްމީދުކުރި ނަމަވެސް އެއްވެސް ވަނައެއް ނުލިބުނެވެ.

"އަޅުގަނޑު ނެގީ ނާކާމިޔާބިއަކީ ވެސް މޮޅެއް ކަމަށް. އެހެންވެ އިތުރަށް މަސައްކަތް ކުރީ ކުރިއަށް ވުރެ ބުރަކޮށް،" އަޝްރަގު ބުންޏެވެ.

އޭގެ ނަތީޖާ އަކީ ޖެހިގެން އައި ފަސް އަހަރު ވެސް އޭނާގެ އުމުރު ފުރައިން އެއް ވަނަ ހޯދުމެވެ. އަރަބިއްޔާ އިން އޭ ލެވެލް ނިންމުމާ ހަމައަށް ވެސް އެ މަގާމު އޭނާގެ އުމުރު ފުރައިގެ އެހެން ކުއްޖަކަށް ނުގެންދެވުނެވެ.

ބޭރުގެ މުބާރާތެއްގައި ވާދަކުރަން ދިޔަ އަޝްރަގު، އެހެން ގާރީއަކާ އެކު

އަޝްރަގުގެ ހުނަރަކީ އަދި އޭނާގެ ލޯތްބަކީ ވެސް ދިގު ރާގަށް ޤުރުއާން ކިޔެވުމެވެ. އެކަމަކު ރާއްޖޭގައި އެ ރާގުތަކަށް ކިޔަވާ ގާރީން މަދުކަމުން އެއްޗެހި ބުނެދޭނެ ތަޖުރިބާކާރުންގެ ދަތިކަން އޭނާއަށް ބޮޑެވެ.

ނަމަވެސް ރާއްޖޭގައި ފުރިހަމަކުރި ދެ ހަފުތާގެ ތަމްރީނުތަކުން ގިނަ ކަންތައްތަކެއް ދަސްވި ކަން އޭނާ ފާހަގަކުރި އެވެ.

"އައްނޫރުުލް މުބީން" ގައި ރާއްޖެ ތަމްސީލުކުރާނެ ގާރީއަކަށް އަޝްރަގު ހޮވުނީ 30 ހަކަށް މީހުން ބައިވެރިވި އޮޑިޝަނަކުންނެވެ. މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ކިޔަވާފައިވާ ޒުވާން ގާރީ ދެކޭ ގޮތުގައި ރާއްޖޭގައި ބޭއްވި މުބާރާތުގައި އަމިއްލަ ގައުމު ތަމްސީލްކުރަން ލިބުމަކީ ވެސް އުފަލެކެވެ.

މިއަދު އޭނާ އެ ވަނީ ރާއްޖެ އަށް ކާމިޔާބީ ހޯދައިދީފަ އެވެ. އެ ހިސާބުން އޭނާގެ ދަތުރު ނިމުމަކަށް ނާދެ އެވެ. ހުރިހާ ވެސް އަޒުމަކީ އޭނާގެ ފަރާތުން ޤުރުއާން އިލްމުގެ ރޮނގުން ވީހާވެސް ގިނަ ކުދިން ތަމްރީންކުރުމެވެ. މިހާރު ވެސް އޭނާ ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ކައިރިން ދަސްކުރާ ބައެއް ކުދިން އަންނަނީ މުބާރާތްތަކުން ވަނަ ވެސް ހޯދަމުންނެވެ.

ދެން އޮތީ ޤުރުއާން ހިތުދަސްކުރުމުގެ އަޒުމެވެ.

"ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައި މި ވަނީ،" ގުރުއާން ކިޔަވައިދިނުމުގެ ދާއިރާ އިން، އިސްލާމިކް ޔުނިވަސިޓީގައި ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރު ބުންޏެވެ.

"އެކަމަކު އެކަން އަޅުގަނޑު ދުލެއް ނުކުރަން. ދިމާވާ ގޮންޖެހުންތައް ހުރަސްކުރުން ޓާގެޓަކީ. މާތްﷲ އިރާދަކުރެއްވިއްޔާ އަޒުމެއް އެއީ ހާފިޒަކަށް ވުން."