"މިހާރު ފިޓް"، ނަޝާ އާއި ޒައިންއާ އެކު

ރޯދަމަހުގެ ފުރަތަމަ ހަފުތާ ނިމިއްޖެ އެވެ. ސުފުރާ މަތި ކިހާ ތިޔާގިކަމާއި ކެވުނު ވަރު ކޮންމެ މީހަކަށް ވެސް ވަޒަންކޮށްލެވޭނެ އެވެ. އެކަމަކު ސުވާލަކީ އެއްވެސް ވަރަކަށް ހަށިގަނޑާ މެދު ވިސްނޭ ހެއްޔެވެ؟ ސިއްހަތަށް ރަނގަޅުވާނެ އާދަތަކެއް ރޯދަމަހު ވެސް ގެންގުޅޭނެ ކަމުގެ މުހިންމުކަމާ މެދު ހިޔާލުކުރަން ހެއްޔެވެ؟


އާނއެކެވެ. ކެއުމަކީ އުފަލެކެވެ. ހަމައެއާ އެކު ހަށިގަނޑުގެ ބަރުދަން ރަނގަޅު މީޒާނެއްގައި ހިފެހެއްޓުމަކީ ވެސް އުފަލަކަށް ހަދަން ޖެހެ އެވެ. އެކަމަކު ވަރަށް ގިނަ ބައެއްގެ އަތުން އެބައި ރޯދަމަހު ދޫވެ އެވެ.

"މިހާރު ފިޓް" މި އަންނަނީ އެކަމަށް އެހީތެރިވުމުގެ މަގުސަދުގަ އެވެ. ރާއްޖޭގެ ޒުވާން ފިޓްނަސް ދެ އިންސްޓްރަކްޓަރުން ކަމަށްވާ ޕްރިމަލެޓް ފިޓްނަސްގެ ނަޝާ ޝިހާމް އާއި މުހައްމަދު ޒައިން ހަސަން ކިޔައިދޭނީ ހަށިގަނޑުގެ ބައްޓަން ރަނގަޅަށް ބަހައްޓަން ކުރެވިދާނެ ކަންކަމެވެ. ކެއުން ގެންގުޅެވިދާނެ އުސޫލުތަކެވެ. ވަރަށް އާދައިގެ ގޮތަކަށް އެކަމަކު ނަގައިގަންނަން ވަރަށް ފަސޭހަ ބީދައަކުންނެވެ.

"މިހާރު ފިޓް"ގެ ފުރަތަމަ އެޕިސޯޑްގައި ނަޝާ އާއި ޒައިން ބުނި ފަދައިން ފުރަތަމަ ކުރަން ޖެހޭ ކަމަކީ "ގޮހޮރު ކުޑަކޮށްލުމެ"ވެ. މާނައަކީ ކަމުން އަންނަ ވަރު މަދުކޮށްލުމެވެ. ރޯދަމަހު ނުކާށެކޭ ދެ ޒުވާނުން ނުބުނާނެ އެވެ. އެ މީހުންގެ ވާހަކައަކީ ކާށެވެ. އެކަމަކު ކާ މިންވަރު މަދުކޮށްލާށެވެ. އޭރުން ގޮހޮރު "ކުޑަވަމުންދާނެ" އެވެ.

ކޮންމެ އެޕިސޯޑެއްގައި ވެސް އާ ކަމެއް ގެނެސްދޭނެ އެވެ.

ކަސްރަތުކޮށް، ހަށިގަނޑު ރަނގަޅު ބައްޓަމެއްގައި ބެހެއްޓުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެކަމަށް ބޭނުންވަނީ ލޯތްބާއި އާދަ އެވެ. ނަޝާ އާއި ޒައިން އެތިބީ އެ އާދަ ގެންނާނެ ގޮތުގެ ޓިޕްސްތައް ދޭން ތައްޔާރުވެގެންނެވެ.