ބޮލީވުޑްގެ ތަރި އާލިއާ ބަޓް އޭނާގެ ދަރިފުޅު ރަހާ ކަޕޫރުގެ މުސްތަގުބަލާ މެދު ކުރާ އުންމީދުތައް ހިއްސާކޮށްފި އެވެ.

"ފެމިނާ"އަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ އޭނާގެ ތިން އަހަރުގެ ދަރިފުޅު އެތުލީޓަކަށް ވުމަށް އޭނާ އުންމީދު ކުރާ ކަމަށެވެ. އެކަމުގެ ސަބަބުތައް ކިޔައިދެމުން އާލިއާ ބުނީ ރަހާއަކީ މިހާރު ވެސް ވަރަށް ހަރަކާތްތެރި އަދި ކަންކަމުގައި ވާދަވެރި ރޫހެއް ހުންނަ ކުއްޖެއް ކަމަށެވެ.

އާލިއާ ބުނި ގޮތުގައި، އޭނާއަކީ ވެސް އެތުލީޓެއް ނަމަ ބޭނުންވާނީ ޓީމު ކުޅިވަރެއްގައި ބައިވެރިވާށެވެ. ޓީމަކާ ގުޅިގެން މަސައްކަތް ކުރުމަކީ އޭނާ ވަރަށް ގަޔާވާ ކަމެއް ކަމަށާއި ދަރިފުޅު ވެސް އެފަދަ ދާއިރާއަކުން ފެނުމަކީ އޭނާގެ އުންމީދެކެވެ.

އާލިއާގެ ދިރިއުޅުމުގައި އެންމެ ބޮޑު ނުފޫޒެއް ފޯރުވި ދެމީހުންނަކީ އޭނާގެ މަންމަ ސޯނީ ރާޒްދާން އާއި ދައްތަ ޝާހީން ބަޓް ކަމަށް އޭނާ ބުންޏެވެ.

މަންމަގެ ފަރާތުން ދަރިން ބެލުމާއި މަސައްކަތް ބެލެންސް ކުރާނެ ގޮތް ދަސްވިއިރު، ދައްތަގެ ފަރާތުން ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދަސްވި ކަމަށް އާލިއާ ބުންޏެވެ. 

ދަރިފުޅު ލިބުމަށް ފަހު އޭނާގެ މަސައްކަތުގެ ދާއިރާގައި "ނޫނެކޭ" ބުނަން ދަސްވެފައިވާ ކަމަށާއި މިހާރު ބޮޑަށް އިސްކަންދެނީ ކޮލިޓީ މަސައްކަތްތަކަށް ކަމަށް އާލިއާ ބުންޏެވެ.

އާލިއާ އާއި ރަންބީރު ކަޕޫރު ކައިވެނިކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. އެމީހުންގެ ދަރިފުޅު ރަހާ އުފަންވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ ޔާޝް ރާޖް ފިލްމްސްގެ "އަލްފާ" އިންނެވެ. މީގެ އިތުރުން އަންނަ އަހަރު ޖެނުއަރީގައި ރިލީޒްކުރާ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ"ގައި ރަންބީރާ އެކު އޭނާ ފެންނާނެ އެވެ.