އާއްމު ތަނެއްގައި ހިންދޫދީނުގެ އަޅުކަމެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން، އެ ވީޑިއޯ އިން ފެންނަ ނޭޕާލް މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ބްރިޖްތައް ހުންނަ ސަރަހަައްދުގައި ޖުލައި 25 ވަނަ ދުވަހު، އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަަމަށް އައި ކަމަށާއި އޭނާ ހޯދައި ހައްޔަރުކުރީ މިދިޔަ އަންގާރަދުވަހު ކަމަށެވެ. އެއީ 44 އަހަރުގެ ނޭޕާލް އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި އެއީ 2024 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ތަހުގީގުގައި އެނގުނު ކަމަށާއި އެހެންވެ، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން މޯލްޑިވްސް އިމިގްރޭޝަނާ އޭނާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އޭނާ އިމިގްރޭޝަނާ ހަވާލުކުރީ ފުލުހުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގަ އެވެ.

އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅެނިކޮށް ހައްޔަރުކޮށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރާ މީހުންނާ މެދު އާއްމުކޮށް އަޅާ ފިޔަވަޅަކީ ރާއްޖެއިން ޑީޕޯޓްކޮށްލުމެވެ.