މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ރާއްޖެ އިން ސްރީ- ލަންކާ އަށް ރެމިޓެންސްގެ ގޮތުގައި 29.3 މިލިއަން ޑޮލަރު ބޭރުކޮށްފި އެވެ.

ލަންކާގެ އިކޮނޮމީ ނެކްސްޓްގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ރެމިޓެންސްގެ ގޮތުގައި ލަންކާ އަށް އެންމެ ގިނައިން ޑޮލަރު ލިބޭ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖެ ހިމެނެނީ އެ ލިސްޓުގެ ނުވަ ވަނައިގަ އެވެ.

ރާއްޖޭގައި ލަންކާގެ ގިނަ އަދަދެއްގެ މީހުންގެ މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ރިސޯޓްތަކުގަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު 557 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ރާއްޖެއިން ބޭރުވި އެވެ. މިއީ އޭގެ ކުރީ އަރަށް ވުރެ 12 ޕަސެންޓުގެ އިތުރުވުމެކެވެ. ރާއްޖެ އިން ބޭރުކުރާ ފައިސާ އަހަރުންއަހަރަށް ދަނީ އިތުރު ވަމުންނެވެ.

ލަންކާ އަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ގައުމަކީ މެދު އިރުމަތީގެ ގައުމުތަކެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ކުވެއިތުން 160 މިލިއަން ޑޮލަރު ލަންކާ އަށް ވަދެފައިވާ އިރު ގަތަރުން 146 މިލިއަން ޑޮލަރު އެގައުމަށް ވެއްދި އެވެ. ޔޫއޭއީ އިން 130 މިލިއަން ޑޮލަރު، ސައުދީ އަރަބިއްޔާ އިން 123 މިލިއަން ޑޮލަރު ލަންކާ ވެއްދި އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ލަންކާ އަށް ބޭރު ފައިސާ ވަންނަ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. ލަންކާގެ އިތުރުން ރާއްޖެ އިން ބޭރު ފައިސާ، އިންޑިއާ އާއި ބަންގްލަދޭޝް އާއި ނޭޕާލް ފަދަ ގައުމުތަކަށް ވެސް ރެމިޓެންސްގެ ގޮތުގައި ބޭރުވެ އެވެ.