ރިޕޯޓް

ތިނެސްކަން ގާނޫނީ ކޯޅުމެއްގައި ރައްޔިތުން ބެދިފައި

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ރައީސް މުއިއްޒަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާލައި ދެއްވާއިރު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަސްލަމް އަރިހުގައި.---ފޮޓޯ: މަޖިލިހުގެ އިދާރާ

ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމުން ވެސް މަޖިލިސް އިންތިހާބު އޮންނާނީ ރޯދައިގަ ކަމަށް ވިދާޅުވެ އެއާ ވިދިގެން ރައްޔިތުންގެ މަޖިލިހުން ސުޕްރީމް ކޯޓަށް ގޮންޖަހައި، ގާނޫނުއަސާސީއާ ހިލާފުވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިއްތިފާގަކުން ނޫނެވެ.

ނަމަވެސް، އެ މަނިކުފާނު އެ އިޝާރަތް ކުރެއްވީ ތަސްދީގުނުކޮށް މަޖިލީހަށް ފޮނުވި ބިލް އެ އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ދެ ވަނަ ފަހަރަށް ފާސްކުރުމުން ރައީސް ދެން އަމަލު ކުރައްވާނެ ގޮތެވެ. އެ ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ، ތަސްދީގުނުކޮށް ބޭއްވުމެވެ. އެކަމަކު، އެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރުމަށް ފަހު، ތަސްދީގު ކުރެއްވުމާ ދެމެދު މިހާރު ގުނަމުން މިދާ މަރުހަލާގައި ދެން އެ މަނިކުފާނު އަމަލު ކުރައްވާނެ ގޮތެއް ސީދާ، ސާފުކޮށް ވިދާޅެއް ނުވެ އެވެ.

މިއީ ރައީސަށް ލިބިދޭ ބާރެއް ހެއްޔެވެ؟ ގާނޫނުއަސާސީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ އެންގުމާ ރައީސްގެ މި ނިންނެވުމުން ހިލާފު ނުވާނެ ހެއްޔެވެ؟ މިއީ މި ވަގުތަށް އޮތް ގާނޫނީ ސުވާލެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށް މަސައްކަތް ކުރަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުން ނިންމީ މީގެ ފަހުން އެއްވެސް އިންތިހާބެއް ރޯދަމަސް ތެރޭގައި ނުބޭއްވުމަށެވެ. އެގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ފާސްކޮށް ރައީސަށް ފޮނުވުމުން، އެ މަނިކުފާނަށް ބިލް ތަސްދީގު ކުރަން ލިބޭ 15 ދުވަސް ވަންދެން ބިލް ބޭއްވުމަށް ފަހު، ނިންމެވީ ތަސްދީގު ނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުވުމަށެވެ.

އަނބުރާ މަޖިލީހަށް ބިލް ފޮނުއްވީ އޭގައިވާ ބައެއް އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ، އެކަންކަން މަޖިލީހުން އަލުން ދިރާސާކުރުމަށެވެ.

ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ބުނެފައިވީ ނަމަވެސް، އިސްލާހުގެ ބިލުގައިވާ ގޮތަށް އިންތިޚާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ އިހްތިމާލު އެބަ އޮތެވެ. އެހެންވެ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފު ވާނެ ކަމެއް ކަމަށް ތަސްދީގު ނުކުރެއްވި ސަބަބެއް ކަމަށް ރައީސް މުއިއްޒު ބަޔާންކުރެއްވި އެވެ.

ނަމަވެސް، މަޖިލީހުން މިކަން އެއްވެސް ވަރަކަށް ދިރާސާނުކޮށް، ބިލް ކޮމިޓީއަށް ނުވެސް ފޮނުވާ ނިންމީ ތަޅުމުން ފާސްކުރާށެވެ. އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ދެ ވަނަ ފަހަރަށް ފާސްކުރަން 47 މެންބަރަކު ވޯޓު ދެއްވި އެވެ. އެ ބިލްގެ ވޯޓުގެ ނެގީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް މި ފަހުން ގެނައި އިސްލާހާ އެއްގޮތަށް ޖުމްލަ މެންބަރުންގެ އަދަދަކީ، ސަރުކާރާ ގުޅުމަށް ވަކިވެވަޑައިގެން ހަތް މެންބަރުން ނުހިމަނައި 80 ކަމަށް ބަލައިގެންނެވެ.

ދެ ވަނަ ފަހަރަށް ފާސްކޮށް ބިލް ތަސްދީގު ކުރަން މަޖިލީހުން ރައީސް އޮފީހަށް ފޮނުވާފައިވާއިރު، މި ހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތް އޮތީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ)ގަ އެވެ. މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ވާނެ އެވެ.

މީގެ ކުރީގެ މާއްދާގައި ރައީސަށް ތަސްދީގު ކުރަން 15 ދުވަސް ދީފައި އޮތް ނަަމަވެސް، މި މާއްދާގައި ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ބ)ގައި ބުނަނީ ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާ ނަމަ، އެކަމެއް ކުރަން ވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގަ އެވެ.

ގާނޫނުއަސާސީގެ މި މާއްދާގައި މުއްދަތެއް ކަނޑަނާޅައި އޮތް އޮތުން ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ވަނީ މާނަކޮށްދީފަ އެވެ.

ސުޕްރީމް ކޯޓު: ބިލް ތަސްދީގު ކުރުމުގެ މުއްދަތާ ގުޅޭ ހުކުމެއް ކުރިން ވަނީ ކޮށްފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި ބިލެއް ތަސްދީގު ނުކޮށް ލަސްކުރުމުން އޭރު ފޮނަދޫ ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ އިންސާނީ ބާރު ނުފޯރާ ފަދަ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ލަސްކުރުމަކާ ނުލައި ރައޫސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރަން ވާނެ ކަމަށެވެ.

"...އެހެންވީމަ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ މިއަދުތޯ މާދަމާތޯ އަނެއް ދުވަސް ތޯ، އެ ސުވާލުގައި ތިއްބެވޭނެ ޒާތުގެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލް މިއަދުން މިއަދަށް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ ގާނޫނުއަސާސީގެ ރޫހަކީ އަދި ސުޕްރީމް ކޯޓުން މާނަކޮށްފައި އޮތް ގޮތަކީ ވެސް،" އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ގާނޫނީ ވަކީލް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވި އެވެ.

ނަމަވެސް، ބިލް ތަސްދީގު ކުރުމަށް ރައީސް މުއިއްޒު އެއްވެސް ވިސްނުމެއް މިހާތަނަށް ނެތް ކަން އެ މަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުން އެނގެ އެވެ. ބިލް ދެ ވަނަ ފަހަރަށް މަޖިލިހުން ފާސްކުރިތާ މާ ގިނައިރު ނުވަނީސް ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ހަރު އަޑުން ވިދާޅުވީ، މަޖިލިސް އިންތިހާބު އޮންނާނީ ރޯދަ މަސް ތެރޭ، އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

"17 މާޗުގައި އޮންނަ އިންތިހާބުގައި ތިޔަބޭފުޅުން ނިންމައި ދެއްވަންވީ މުސްތަގުބަލް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ އަށް ފަހު އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވީ މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ކަމަށާއި ގާނޫނުއަސާސީއާ ހިލާފު ކަމެއް އެ މަނިކުފާނު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް، ރައްުޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީން ދަނީ ތިން ބާރު ވަކިވެފައިވާ ނިޒާމަށް ހުރުމަތްތެރިކޮށް ނުހިތައި، ޝަރުއީ ދާއިރާ އަށް ގޮންޖަހަމުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ދެއްވަން ބޭނުންފުޅު މެސެޖަކީ ދޭހަވާ ގޮތުގައި އެ މަނިކުފާނު ގާނޫނުއަސާސީއާ އެއްގޮތަށް ކަންކަން ކުރަން ބޭނުންފުޅުވިޔަސް ރައްޔިތުންގެ މަޖިލިހުން އެއާ ހިލާފަށް އަދި ސުޕްރީމް ކޯޓުގެ އަމުރަށް ވެސް ތަބާނުވާ ކަމެވެ. އެ ހާލަތުގައި ސަރުކާރާއި މަޖިލިސް ބޮޑު "ތަޅާފޮޅުމަކަށް" ޖާގަ އޮތް ކަން އެނގެ އެވެ.

ކޯޓުގެ އަމުރާ ހިލާފުވެ، ބިލް ފާސްކުރީ ގާނޫނުއަސާސީއާ ހިލާފަށް؟

މަޖިލީހުގެ ގަވައިދަށް ޖުމްލަ މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ އިސްލާހަށް އަމަލު ކުރުން ފަސްކޮށް، ކުރިން ވެސް ޖުމްލަ މެންބަރުން ގުނަމުން އައި ގޮތް ކަމަށްވާ 19 ވަނަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބަލައިގެން ކަންކަން ނިންމުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

އެކަމަކު، އެ އަމުރަށް ތަބާނުވުމަށް މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ. އަދި މަޖިލީހުން މިހާރު ވެސް ޖުމްލަ މެންބަރުން ގުނަމުން ދަނީ އަމުރާ ހިލާފަށެވެ. އަދި ފުރަތަމަ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތައް ބާތިލްކޮށް، ހަމަ އިސްލާހުތައް އެހެން މާއްދާއެއްގެ ތިރިއަށް ވަނީ އިތުރުކޮށްފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ގަބޫލު ކުރާ ގޮތަކީ، މިއީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމެވެ. ސުޕްރީމް ކޯޓުގެ އަމުރަކަށް ތަވާނުވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމާއި އޭގެ ދަށުން ހިންގާ އަމަލުތައް ސައްހަ ނުވާނެ ކަމަށް އެ އޮފީހުން ގަބޫލު ކުރެވެ އެވެ. އިންތިހާބާ ބެހޭ ބިލް ފެތެނީ އެ އަމަލުތަކުގެ ދަށަށެވެ.

"...އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި، ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ކޯޓުން ކުރާ އަމުރަކަށް ތަބާވާން ވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު އެއާ ހިލާފަށް، އެ އަމުރުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ވިދާޅުވެފައި އޮއްވައި އެހާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން އަމަލުކުރައްވާފައިވާ ނިންމެވުމަކީ އޭގެ ޒާތުގައި ސައްހަ ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރެވޭ،" ބަންޑާރަ ނައިބު އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވި އެވެ.

ނަމަވެސް، އެކަން މަޖިލީހުގެ މެޖޯރިޓީ މެންބަރުން ގަބޫލެއް ނުކުރެ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ސިޔާސީ މައިދާނުގައި ހިނގާފާނެ ކަމެއް ހުއްޓުވުމަށްޓަކައި ސުޕްރީމް ކޯޓުން ސިޔާސީ މަސްރަހުގެ ތެރެއަށް ވަދެ ކަންކަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ބާރުތަކުގެ މެދުގައި ހުރި އިންތަކާއި ފާރުތައް ހުރަސްކޮށް ކަންކަން ކުރަން ގަދަބާރުން އުޅެފި ނަމަ، ހިސާން ވިދާޅުވީ މުޅި ދައުލަތް ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމަށެވެ.

އިންތަކާއި ފާރުތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ލިބިދެނީ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފުވެއްޖެތޯ ބެލުން ކަމަށާއި ނަމަވެސް، މަޖިލީހުން ކަން ކުރަންވީ ގޮތާއި ކަން ކުރާނެ ގޮތާއި ކަން އޮންނަންވީ ގޮތް ކަނޑައެޅުމުގެ ބާރެއް، މަޖިލީހަށް ކަންކަން ބުނެދިނުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ހިސާން ވެސް ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދާއި ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ގޮތުން ސަރުކާރުން މައްސަލައެއް ނައިގެން ކުރިއަށްދާ ނަމަ، ގަބޫލު ކުރަން ޖެހޭނެ ހަމައަކީ އަމުރަށް ފަހު، ޖުމްލަ މެންބަރުންގެ އަދަދު މަޖިލީހުން ފާސްކޮށްގެން ނިންމި ހުރިހާ ނިންމުމެއް އެއީ ސައްހަ ނޫން ނިންމުންތަކެއް ކަމަށެވެ. އެގޮތަށް ބަލާ ނަމަ، ކެބިނެޓްގެ މިނިސްޓަރުންނަށް ރުހުން ދިނުން ވެސް ސައްހަ ނުވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭރު ސަރުކާރުން ދައުލަތަށް މި ގެންނަނީ ވަރަށް ބޮޑު ލޮޅުމެއް. އެއީ ތޯ އަޅުގަނޑުމެން ދާން މި ބޭނުންވާ މިސްރާބަކީ،" ހިސާން ވިދާޅުވި އެވެ.

ހިސާން މީގެކުރިން ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ: ބިލް ތަސްދީގު ނުކޮށްފި ނަމަ ރައީސް ގާނޫނުއަސާސީއާ ހިލާފުވީ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު

މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހިޔާލު ތަފާތުވުމަށް ރިއާޔަތް ކޮށްގެން ކުރިއަށް ދިޔަސް، އިންތިހާބު ފަސްކުރާ ބިލް ފާސްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ނުބެލެވޭނެ ކަމަށް ވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ގަބޫލު ކުރައްވަ އެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބެލި ނަމަވެސް، ބިލް ފާސްކޮށްފައިވަނީ 44 މެންބަރުންގެ ވޯޓުން ކަމުން، އެއީ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބޭ ނިންމުމެއް ކަމަށެވެ.

ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ޖެހޭ ކޮންމެ ކަމެއް ނިންމަން ޖެހެނީ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިންތިހާބީ ބިލް މީގެ ތެރެއަށް ފެތެ އެވެ.

"87 މެންބަރުންނަށް ބެއްޔަސް ފާސްވާން ބޭނުންވާ މެންބަރުންނަށް ވުރެ ގިނަ އަދަދުން މި ބިލް ފާސްވެގެން ދިޔައީ، އެހެންވީމާ މިހާރު މި ފެންމަތިވެގެން އުޅޭ ސުވާލުތަކަށް ސިޔާސީ ގޮތުން އުފައްދާ ސުވާލުތަކަށް އެއްވެސް ހުއްޖަތެއް ދައްކާނެ ސަބަބެއް ނެތޭ. ދެން ރައީސުލްޖުމްހޫރިއްޔާއަށް ދެން ޖެހިވަޑައިގަންނަވާނީ ތަސްދީގު ކުރަން. ސާފު ހައްލެއް މިކަމުގައި މި ވަނީ ލިބިފައި،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، އިންތިހާބާ ބެހޭ ބިލް ފާސްކުރުން، އެމްޑީޕީގެ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި ގާނޫނުއަސާސީއާ އެއްވެސް ހަމައަކުން ހިލާފެއް ނުވެ އެވެ. އެއީ ގާނޫނުއަސާސީގައިވާ ގޮތަށް މަޖިލީހަށް ލިބިދޭ އިހްތިޔާރާއި ބާރުގެ ތެރެއިން ފާސްކޮށްފައިވާ ބިލެއް ކަމަށް އެ މެންބަރުންނަށް ޔަގީން ކުރެއްވެ އެވެ.

"ރައްޔިތުންގެ ރޫހާއި ރައްޔިތުންގެ އަޑު މަޖިލީހުން މި އިއްވީ. މަޖިލީހުން ދެވަނަ ފަހަރަށް ބިލެއް ފާސްކުރުމުން މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް އިތުރު އިހުތިޔާރެއް ލިބިވަޑައިނުގަނޭ، މި ބިލު ތަސްދީގު ނުުކުރައްވައިފި ނަމަ، އޭގެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންނެވީއޭ،" ހިސާން ވިދާޅުވި އެވެ.

"އެންމެ ތިލަކޮށް މާނަކުރާ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ އެ ހިލާފުވެވަޑައިގެންނެވީ."

ނަމަވެސް ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު މުހުސިން ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ތަސްދީގު ނުކޮށް، ރައިސުލްޖުމްހޫރިއްޔާ އަށް ބޭއްވިދާނެ ކަމަށާއި އެފަދަ ބިލެއް ތަސްދީގު ކުރައްވާ ނަމަ ރައީސުލްޖުމްހޫރިއްޔާ އެ ކުރައްވަނީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެފަދަ ބިލެއް ތަސްދީގު ނުކޮށް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފުވީ ކަމަށް ނުބުނެވޭނެ ކަމަށް ކުރިން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު ވެސް އަދާ ކުރެއްވި މުހުތާޒު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރަން ޖެހިވަޑައިގަންނަވަނީ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާ ހަމަތަކުގެ މަތިން ކަމަށް ގާނޫނުއަސާސީގައި އެ އޮތީ ލިޔެފައި. އެހެން އޮއްވައި އެއާ ހިލާފަށް އަމަލު ކުރެވިގެން ނުވާނެ،" މުހުތާޒު ވިދާޅުވި އެވެ.

މުހުތާޒު ވިދާޅުވިގޮތުގައި، ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ހުކުމް އިއްވި ހާލަތާއި މިއަދު މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށް ފޮނުވި ބިލްގެ ހާލަތާ ތަފާތެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބު ފަސްކުރުމުގެ ބިލް ރައީސް މުއިއްޒު އަނބުރާ ފޮނުވާލެއްވީ އޭގައި ދުސްތޫރާ ހިލާފު ކަންކަން ހިމެނޭ ކަމަށް ސަބަބުތައް ބަޔާންކުރައްވަ އެވެ. ނަމަވެސް، މާލިއްޔަތު ގާނޫނަށް އޭރު ގެނައި އިސްލާހު ނަޝީދު ތަސްދީގު ނުކުރެއްވީ، ސަރުކާރަށް ޖެއްސުން ކުރަން ކުރާ ކަމެއް ކަމަށް ވިދާޅުވެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ބިލް އަނބުރާ ފޮނުވާލުމުގެ ހާލަތު އުފަންވި ސަބަބަކީ ދުސްތޫރީ އަސާސެއް ނަމަ، އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ހިލާފު ނުވެވޭނެ އަސާސެއް. އެ ހާލަތުގައި މަޖިލީހުން އަލުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން މިއަދާ ހަމައަށް ވެސް މުއްދަތެއް ނެތް. އޮތީ ސުޕްރީމް ކޯޓުގެ ނިންމުން، އޭގައި ވެސް ބަޔާން ކުރުވަނިވި މުއްދަތެއް ނެތް އަދި އެ ހުކުމް ގެނެސްފައިވާ ގަޒިއްޔާއާ މިހާރު މި ހިނގާ ކަމާ ތަފާތު،" އޭނާ ވިދާޅުވި އެވެ.

މުހުތާޒު: އޭނާ ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފާއެއް ހޯދުން

މުހުތާޒު ގަބޫލު ކުރައްވާ ގޮތުގައި މި ހާލަތުގައި އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ގާނޫނުއަސާސީއާ ހިލާފު ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި ކަންކަމާ ގުޅޭ ގޮތުން، ބިލް ދެ ވަނަ ފަހަރަށް ފާސްކުރުމުގެ ކުރިން މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމެވެ. މިކަމުގައި މަޖިލީހުން އަވަސް އަރުވާލައިގެން ނޫޅެ، ދުސްތޫރަށް އެންމެ އޮޅުންބޮޅުން ކުޑަވާނެ ގޮތަކީ އެގޮތަށް ސުޕްރީމް ކޯޓުގެ ލަފާ ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންނަށް މިކަމުގައި އަރާފައިވާ އޮޅުންތައް ދުރުވާން އޮތް ހަމައެކަނި ގޮތަކީ، ބިލް ތަސްދީގު ކުރުން ދެން އިތުރަށް ފަސްނުކުރުމެވެ. މުޅި ގައުމު އޮޅުންބޮޅުމުގައި ބޭއްވުމުގެ މަސްލަހަތު ސަރުކާރުގައި އޮވެގެން ނުވާނެ ކަމަށާއި އެކަން ފިލުވަން ވަގުތުން ބިލް ތަސްދީގު ކުރަން އޭނާ ރައީސްއަށް ގޮވާލެއްވި އެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ހެނދުނު 9:00 ގައި ހުކުމް ކުރާނެ އެވެ. ތިން ބާރުގެ ދެމެދު ބޮޑު އަރައިރުންވުންތަކެއް އުފެއްދި މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވާ ހުކުމުން ހައްލުތަކެއް، ފަރުވާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. ދެވަނަ ފަހަރަށް ފޮނުވާ ބިލް ތަސްދީގު ނުކުރުމަށް ސަރުކާރުން ދައްކާ ހުއްޖަތްތަކުގައި އޮށްޓަރެއް ހުރިކަން ނުވަތަ ނެތް ކަން ވެސް މި ހުކުމުން ކަނޑައަޅައިގެންދާނެ އެވެ.

25 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިއައު

29 February 2024

ތިކަމެއް ވިއަސް ނުވިއަސް ރައްޔިތުން ތިބެނީ ބެދިފަ. ހަދާނެ އެއްޗެއް ހަދަނީ.

The name is already taken The name is available. Register?

އެއްކަލަހިސނ

29 February 2024

ހިސާނުމެން ތާއީދުނުކުރާ ރައީސަކު ގާނޫނު އަސާސީއާ ޚިލާފުވާއިރަށް ވަރަށް ބާރަށް އެމީހުންނަށް އެނގޭނެ ޚިލާފުވެއްޖެކަން. އެކަމު އެމީހުންގެ ލީޑަރު އެތައް ގޮތަކަށް ގާނޫނު އަސާސީއާ ޚިލާފުވީއިރު އެމީހުން އެންމެ ކައިރީގަ ނަސޭހަތްދޭން ތިބިއިރު ނުފެނުނު ގާނޫނު އަސާސީއާ ޚިލާފުވީ ތަނެއް. އެހެން އަހަރެއްގެ ރޯދަމަހެއްގަ މިކަހަލަ އިންތިހާބެއް ބާއްވަން އެމީހުން ބޭނުންވެއްޖެނަމަ އެ ދައްކާ ވާހަކަތައް ދިމާ އިދިކޮޅަށް ދައްކާނެ.

The name is already taken The name is available. Register?

ބަޓު

29 February 2024

ގަޓު މީހުން އުޅޭނީ އަބަދުވެސް ތިނެސްކަން ލޯބީގަ.

The name is already taken The name is available. Register?

ޒިމްލާާ

29 February 2024

މިއީ ތިނެސްކަނެއް ނޫން. މީގަ މިއޮތީ އިންޑިޔާ އާއި ދިވެހިރާއްޖެ. ސުޕްރީމްކޯޓަށް އެނގޭނީ މިތަނުން ރަނގަޅީ ކޮންބަޔެއްކަން. ރައްޔިތުން މި ތިބީ ބަލަން.

The name is already taken The name is available. Register?

އަދްނާންް

29 February 2024

މި ގައުމުގެ މިނިވަންކަން ނަގާލާ މިގައުމު އިނދަޖައްސާލަން އިންޑިޔާ އިން ކުރާ މަސައްކަތަށް ވާގިވެރިނުވުމަށް ސުޕްރީމްކޯޓަށް ގޮވާލަން.

The name is already taken The name is available. Register?

ޒިހާންް

29 February 2024

އެމްޑީޕީ މަޖިލީހުގެ ފަހު ދުވަސްކޮޅުވެސް ޖަރީމާއަކާ ނުލާ ދޫކޮށްލާކަށް ހަމަ ބޭނުމެއް ނުވޭދޯ.

The name is already taken The name is available. Register?

ހަލީލްް

29 February 2024

ދިވެހިންނަށް އެނގޭ މި ތިނެސްކަން ކޯޅުން އައީ ކިހިނެއްކަން. ސުޕްރީމް ކޯޓަށް އެނގެންޖެހޭ ކަމަކީ މި ކޯޅުމަކީ ރާއްޖެއާއި އިންޑީޔާއާއި ދެމެދު އިން ކޯޅުމެއްކަން.

The name is already taken The name is available. Register?

އަމްލާާ

29 February 2024

ތިނެސްކަނަސް ކޮންމެ ކަނަކަސް އެމްޑީޕީއިން ބޭނުންހާ އެއްޗެއް ނެހެދޭނެ.

The name is already taken The name is available. Register?

ހިޔާލީ އަލީ

29 February 2024

ހައުސިން މިނިސްޓަރުކަމުން ފެށިގެން މޭޔަރުކަމާއި ހަމައަށް ހުރިހ ރައްޔިތުންނަށް ފެނިފައޮތް އެންމެ ބޮޑު ހަގީގަތަކީ މީހެއްގެ ބޯހަރު ސިފަ، ކިތަންމެ ބޮޑު ހަރަދެއް އިސްރާފެއް އަދި ކަމުގައި ނުރައްކަލެއް ހިމެނޭ ކަމެއްވިޔަސް ގޮތްދޫނުކުރާނެ، ސިޓީކައުންސިލުގައި 17 އެޑްވައިޒަރުން، 22 މިނިސްޓްރީ، ކުރިން ސިޔާސީ މަގާމުތަކަށް ކޯޑިނޭޓަރުން ނަމުގައި އާދައިގެ މުސާރައަށް ނެގި މީހުން މިހާރު ޑެޕިއުޓީ މިނިސްޓަރުން ގޮތުގައި ފަލަ މުސާރައިގަ ކުރާނެ މަސައްކަތެއް ނެތިފަ

The name is already taken The name is available. Register?

ދުމަށި

29 February 2024

މަޖިލީހުން ފާސްކުރާ ގާނޫނެއް ގާނޫނު އަސާސީއާ ހިލާފުކަން ކަނޑައެޅުމުގެ ޒިންމާއެއް މަސްއޫލިއްޔަތެއް ރައީސުލްޖުމުހޫރިއްޔާއަކަށް ލިބިގެނެއް ނުވެއެވެ. އެކަން ކަނޑައަޅަންޖެހޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުންނެވެ. ތިވަރުގެ އެޑްވައިޒަރެއް ލައިގެން ކިހިނެތް ގާނޫނުގެ ވެރިކަން ދަމަހައްޓާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454