24 މާޗް 2025 - 09:47
ކުޑަކުޑަ ދޯންޏެއްގެ ހުންގާނުގައި ހިފައިގެން އުމުރުން 66 އަހަރުގެ ރަޝީދާ ހުސައިން ދ. ބަނޑިދޫގެ ފަޅަށް ވަންނަނީ އެވެ. އޭރު އޭނާގެ ފިރިމީހާ އަބްދުﷲ، 64، ދިޔައީ ދޯނީގެ ކުރީކޮޅުގައި ހުރެގެން ދޯނި ބާއްވަންވީ މިސްރާބު ދައްކަމުންނެވެ.
އެ ދެމަފިރިން އައީ ބަނޑިދޫ ކައިރީ އޮންނަ ފަޅަކުން ވެލި ނަގައިގެންނެވެ. ބަނދަރާ ދޯނި ގާތްވުމުން، ދެ މީހުން އެކުގައި އޭގައި ހުރި ވެލިބަސްތާތައް ނަގައި ބަނދަރު މައްޗަށް ބާލަން ފެށި އެވެ. މިއީ ދެތިން ހާސް ގޯނި ވެއްޔަށް ބަޔަކު ދިން އޯޑަރަކަށް ކުރި ދަތުރެކެވެ. މިއީ ދެމަފިރިން އާމްދަނީ ހޯދާ އެއް މަގެވެ. ގޯންޏަކަށް 10ރ. ގެ ރޭޓުން ވިއްކައިގެން ރަނގަޅު އެއްޗެއް ލިބެ އެވެ.
މި މަސައްކަތް ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެކަމަކު ބޮއްކުރާގައި ފަލި ޖަހާފައި މަހަށް މި ދެމަފިރިން ނުކުންނަތާ ތިން އަހަރު ވެއްޖެ އެވެ. މި މަސައްކަތްތައް ދެ މީހުން އެކުގައި ފެށީ، ކަކުލުހުޅުގައި މައްސަލަ ޖެހި، އަބްދުالله ކަންނެއްޔަށް ދިއުން އެއްކޮށް ހުއްޓާލައި ރަށުގައި މަޑުކުރަން ޖެހުމުންނެވެ.
ވެލި ނަަގައިގެން އައިސް ރަޝީދާ ދޯނި އަޅަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މޫސުން ރަނގަޅު ނަމަ ފަތިސް ނަމާދުކުރާ ގޮތަށް ކޮންމެ ދުވަހަކު ވެސް ދެމަފިރިން އެކުގައި ވެއްޔަށް ދެ އެވެ. މައިގަނޑު ގޮތެއްގައި ރަޝީދާގެ މަސައްކަތަކަށް އޮންނަނީ ނަގިލި އެއްލާފައި ވަލަށް ދެމުމާއި ވެލި ބަސްތާތައް ދޯނީގައި ރީއްޗަށް އެތުރުން ކަހަލަ ކަންކަމާއި ބަނޑުހައިވެގެން ފިރިމީހާ ބުނެފިއްޔާ ކާނެ އެއްޗެއް ދިއްކޮށްލުން ކަހަލަ ކަމެކެވެ.
"ފިރިމީހާ މޫދަށް ފައިބާނީ. އަހަރެން ދޯނީގައި ހުރެގެން އަތްގާތްކޮށްލަދޭން ދަނީ. އޭނާ ބަނޑުހައި ވެއްޖެއްޔާ އެއްޗެއް ދިކޮށްލަދީ، ވަލަށް ދަމާއި ބަސްތާ އެތުރުން ކަހަލަ ކަންކަން ކޮށްލަދެނީ. އޭރުން އޭނަ އެކަންޏެއް ނުވާނެއެއްނު،" ބަނޑިދޫ ކަައިރީ އޮންނަ ތިން ފަޅަކުން ވެލި ނަގާ ރަޝީދާ ބުންޏެވެ.
އަބްދުﷲ ވެލިބަސްތާތައް ބަނދަރުގެ އެއް ސަރަހައްދަކަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަންކަމުގެ އިތުރުން ދޯނި ދުއްވުމާއި ނެރުން ވަދެ ނިކުމެ ހެދުން ކަހަލަ ކަންކަން ވެސް އޭނާއަށް އެނގެ އެވެ.
"އޭނާ [ފިރިމީހާ] ކޮންމެ ކަމެއް ކުރިއަސް ހުންގާނު ބަލަހައްޓަން ޖެހޭނެ. ރޭގަނޑު ވެސް ދަން ހުންގާނު ހިފައިގެން. މުށިމަހަށް ދާއިރު ވެސް އޭނާ ނަނުލައި ބަރިލާ ހަދަން ދެން ހުންގާނުގައި ހުންނާނީ. ހަމަ އެގޮތަށް ދަތުރު ގޮސްގެން ދަސްކުރީ،" ނުވަ ކުދިންގެ މަންމަ، ރަޝީދާ ބުންޏެވެ.
ވެލި ނަގައިގެން އަންނަ ގޮތަށް ވެސް ހުއްޓާނުލައި މި ދެމަފިރިން އުޅެނީ އެކި މަސައްކަތްތަކުގަ އެވެ.
ރަޝީދާ އާއި އަބްދުﷲ މަހަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރަޝީދާއަކީ ކުރިން ފަންގި ވިޔެ، ބޮނބި ތަޅައި ރޯނު ވަށައިގެން ވެސް ވިއްކި އެވެ. އެކަަމަކު އަތް އައްސިވެ، ދަންވަރަށް ނިދަން އުނދަގޫވެގެން އުޅޭތީ މިހާރު އެ މަސައްކަތް ކުރަން ފިރިމީހާ ހުއްދައެއް ނުދެ އެވެ.
އެހެންވެ، ވެއްޔަށް ދިއުމުގެ އިތުރުން ކޮންމެ ދުވަހެއްގެ ރޭގަނޑާ ދިމާކޮށް އެ މީހުން މަހަށް ވެސް ދެ އެވެ. އެހެން ގޮސް ލިބޭ މަސްކޮޅު، ގޭގައި ކައްކައިގެން، ރިހާކުރަށް ވެސް ހަދަނީ ދެމަފިރިން، އެކަކު އަނެކަކަށް އަތްގާތް ކޮށްދީގެންނެވެ.
ރަޝީދާ، ރިހާކުރު ކައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ރިހާކުރު ފުޅިއެއް 300ރ. އަަށް ވިއްކަނީ މި ރަށުގައި. ދެން މާލެއަށް މީހަކު ފޮނުވަން ބުނެފިއްޔާ ވެސް ފޮނުވައިދޭން ލާރި ފޮނުވީމަ،" އޭނާ ބުންޏެވެ.
އަބްދުﷲ އާއި ރަޝީދާ، މަހުން އައިސް ރިހާކުރު ކައްކަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ކަންކަމުގެ އިތުރުން އަބްދުالله އަކީ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާ މީހެކެވެ. އެކަމުން ވެސް އެ މީހުންނަށް 5،000ރ. ލިބެ އެވެ.
"ދެން މަހަށް ގޮސްގެންނާއި ވެލި ނަގައިގެން ވެސް ލިބޭ މޫސުން ގޯސް ނޫނިއްޔާ 15،000ރ. އަނެއްކާ 65 އަހަރުވީމަ ލިބޭ އެލަވަންސް ވެސް އަޅުގަނޑަށް މިދިޔަ އަހަރު ލިބެން ފަށައިފި. އެހެންވީމަ ދިރިއުޅުން ދައްޗެއް ނޫން." އޭނާ ބުންޏެވެ.
ދެ މީހުން މަހަށް ގޮސް ބޭނި މަސްތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބުރަ މަސައްކަތްތައް ކޮށްގެން ދެ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބިއްޖެ އެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހައްޖުގެ އަޅުކަމަށް މިހާރު ފައިސާ ދައްކައިފި އެވެ. ކުޑަ ޑިންގީއެއް ގަނެފި އެވެ. އެންމެ ހަގު ދަރިފުޅުގެ އެހީއާ ވެސް އެކު ޑިންގީއެއް ގަނެފައިވާއިރު މިއީ މަސް ދަތުރުތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ބުންޏެވެ.
"ދެން ހަމަ ދުރު ތަނެއް ވިޔަސް ދާންވީތާ މަސް ބާނަން. ވަރަށް ބޮޑަށް ދަތުރު ފަސޭހަވާނެ."
ރަޝީދާ އާއި އަބްދުالله ގެ ދިރިއުޅުމުން ފެންނަނީ އުމުރުން ދުވަސްވިޔަސް ލޯތްބާއި އެކަކު އަނެކަކަށް އޮތް އަޅާލުމާއި އޯގާތެރިކަމެކެވެ. ދެ މީހުން އެކަކު އަނެކަކަށް ވީވަރަކުން އެހީވެ ދިރިއުޅުން ފަސޭހަކޮށްދެ އެވެ.
"ގޭތެރޭގެ ކަންކަން ވެސް ދެ މީހުން ކުރަނީ. އޭނާ މަސް ކަނޑާނެ. ދައްތަ، މަސް ކައްކަން ހުޅުލާ ހުރިހާ ކަމެއް ކުރާނީ. ދަރުބަލާ ވެސް ފަޅު ރަށަށް ދަނީ ދެ މީހުން އެކީގައި. ހުރިހާ ކަމެއް ވެސް ކުރަނީ ދެ މީހުން،" ރަޝީދާ ބުންޏެވެ.
ނ. މަނަދޫ، އަބްދުالله އަކީ މީގެ އެތައް އަހަރެއް ކުރިން އެ ރަށަށް މައްސަލައެއްގައި އަރުވާލި މީހަކަށް ވިޔަސް ރަޝީދާގެ ފުރަތަމަ ކައިވެންޏަށް ލިބުނު ފަސް ކުދިންނަށް ވެސް ބައްޕައަކީ އެއީ އެވެ. އެހާ ވެސް ރަނގަޅެވެ.
ރަޝީދާ އާއި އަބްދުﷲ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިހާރު އެ މީހުންގެ ކައިވެންޏަށް 35 އަހަރު ވެފައިވާއިރު އެ ކައިވެންޏަށް ހަތަރު ކުދިން އެބަ ތިއްބެވެ. ކުދިން ވެސް އެހާ ގުޅެ އެވެ.
"މިހެން ދާތީ މަލާމަތް ވެސް ކުރޭ މީހުން. އެކަމަކު އެއީ އަހަންނަށް މާބޮޑު ކަމެއް ނޫން. މީހުން ކިޔައި އުޅޭ ދަރިން ބޮޑުވެ، 66 އަހަރު ވީމަ ވެސް ކޮބާހޭ ބޭނުމެއް ތިހެން އުޅުމުގެ،" ރަޝީދާ ކިޔައިދިނެވެ.
"އަހަންނަށް މި މަސައްކަތުން ލިބެނީ ހިތްހަމަޖެހުމެއް. އެހެން ތަންތަނުގައި މީހުންގެ މުޅަމަސް ކައި މީހުންގެ ބަދުނާމުކުރަން ވާހަކަ ދައްކާ ހެދުމަށް ވުރެ ރަނގަޅެއްނު މިހެން އުޅުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާއްކޮ
25 March 2025
66 އަހަރުވެ ކުދިން ބޮޑުވީމަ ކީއްކުރަންހޯ މިހެން އުޅެނީ. މީހުންގެ ވިސްނުން ހާދަ ބޯދާއޭ އަދިވެސް. 90 އަހަރު ވިޔަސް، ހަލާލު ފިރި/އަނބިމީހާ އާ އެއްކޮށް ނޫންތަ މިހެން އެކުއެކީ ލޯބިން އުޅެންވީ؟ ކައިވެނި ކުރަނީ ހަމައެކަނި ކުދިންތަކެއް ހޯދާފަ ދެމަފިރިންގެ މަސައްކަތުގަ ގެއްލޭކަށް ނޫން. މުސްކުޅި އުމުރުގަ އެކަކު އަނެކަކުގެ މިތުރަށްވެ އެކުއެކީ ލޯބިން މިހެން އުޅެވުމަކީ ކިހާ ބޮޑު ނިއުމަތެއް. ރަހްމަތް ލައްވާށި ބޭބެއާ ދައްތައަށް..
ބަރާބަރު ދައްތަމެންގެ ވިސްނުން
24 March 2025
"އަހަންނަށް މި މަސައްކަތުން ލިބެނީ ހިތްހަމަޖެހުމެއް. އެހެން ތަންތަނުގައި މީހުންގެ މުޅަމަސް ކައި މީހުންގެ ބަދުނާމުކުރަން ވާހަކަ ދައްކާ ހެދުމަށް ވުރެ ރަނގަޅެއްނު މިހެން އުޅުން.“ … 100 ގެ ވާހަކައެއް! އުމުރުން ދުވަސް ވިޔަސް ހަރަކާތް ތެރިކޮށް އުޅުމަކީ ސުއްހީ ގޮތުން ވެސް ރަނގަޅު ކަމެއް.
ކޮރަލް
24 March 2025
މަސައްކަތް ކުރިއަރުވަން ކޮންމެ ވެސް ބަޔަކު ވާ ވަރަކުން މާލީ އެހީތެރިކަން ފޯރު ކޮށްދޭން ވީ އެވެ.
2
24 March 2025
ދަރިންތެރެއިން އެކަކުނަމަވެސް މިކަމުގާ އުޅެލާނެނަމަ އަދި އިތުރު ފޯރިއެއް އަރާނެހެން ހާދަ ހީވެއޭ.
ހަސަންފުލު
25 March 2025
އޭރަށް ކަޑަ ވާނެ ޢެމީހުންގެ މިނިވަންކަން
އެކުވެރިޔާހ
24 March 2025
ފެނުނީމާވެސް މާތް ސިފަ ޖަހާ ދެމަފިރިންގެ މޫނުން.
ތުނޑު ހަސަނު
24 March 2025
ނިންމާލަމުން ބުނެފައި އެއޮތީ އަސްލު ވަރަށް ރަނގަޅު ވާހަކައެއް. ކަމެއްނެތި ތިބޭ މީހުންނަށް ގިނައިން ކުރެވެނީ އެކަން. ކަމެއްނެތި ތިބުމަކީ އެކަމަށް ހުޅުވިފައި އޮތް މަގެއް. ދައްތައާއި ބޭބެއަށް ސެލިއުޓް.
ޝުއޭބު އަލީ
24 March 2025
މިވއާރޓިކަލް ފެނިފަ އެންމެ ކަޑަވާނީ މި ދުވަސްވަރު ފޭސްބޫކް އިން ކުއްލިއަކަށް ފާޅުވެގެން އުޅޭ ސޭކުޝޭޚު.
ނައިންޓީސް
24 March 2025
ޖެންޒީ އަށް އިބްރަތުން ފުރިގެންވާ ނަމޫނާއެއް
އޮނަރަބްލް ޓުއްތޯންބެ
24 March 2025
ފެނަކަ ކުންފުނިން މަހަކު 15000 ރ ގެ ވަޒީފާ އެއް ހޯދައިގެން އެއް ވެސް މަސައްކަތެއް ނުކޮށް ކޮންމެ ދުވަހަކު ފިންގާ ޖަހާލައިގެން ޖޯލިފަތީގައި މުޅަ މަސްކާން މި ދެމަފިރިންނަށް ވެސް ތިބެވިދާނެ . ނަމަވެސް މި ދެމަފިރިން ހިޔާރުކުރީ ހަލާލު ގޮތުގައި ހޯދާ ފައިސާ ދަރީންނަށް ކާންދޭން. . ދިވެހި ވަންތަ ނަމޫނާ ދެމަފިރިން .
ޓިނު
24 March 2025
މާތްﷲ ތިދެމަފިރިންނަށް ހެޔޮގޮތް މިންވަރުކުރައްވާށި.