ސ. ހުޅުމީދޫގެ ގަހެއްގައި އުޅުނު ދޮންދީނިތަކެއް: ދޮންދީނިއަކީ އައްޑޫގެ ރަމްޒެއް.-- ފޮޓޯ: ދި އެޑިޝަން
14 މެއި 2025 - 15:13
ކާޅާއި ވާލާ އެކު އުޅެން އިންސާނުން ދަސްކުރިޔަސް، ދޮންދީނިއަކަށް އެއީކީ ވާނެ ކަމެއް ނޫނެވެ. އެއީ ވެށީގެ ސިޔާސަތެވެ. ކާޅާއި ދޮންދީނި އަކީ ހަތުރުންނެވެ. އެ ދޭއްޗަށް އެއް މާހައުލަކު ދިރިނޫޅެވޭނެ އެވެ.
މި ބަހުސެއް ފެށުނީ ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ "އަހާ" ފޯރަމްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކައަށް ފަހު އެވެ. އެ ފޯރަމްގައި އާންމުންގެ މީހަކު ސުވާލުކުރީ ރަށްރަށުގައި ކާޅާއި ވާލުގެ އުނދަގޫ މިހާރު ވަރަށް ބޮޑު ކަމަށް ވާތީ، އެ މައްސަލައަށް ހައްލެއް ހޯދަން މިނިސްޓްރީން އެއްވެސް މަސައްކަތެއް ކުރޭ ހެއްޔެވެ.
އެ ސުވާލަށް މާރިޔާ ދެއްވި ޖަވާބުގައި "ކާޅާއި ވާލާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް" ވިދާޅުވި ވާހަކައަށް ސޯޝަލް މީޑިއާގައި ހާއްސަ ސަމާލުކަމެއް ލިބިފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު މާރިޔާ ހާޒިރު ކުރެއްވުމުން މެމްބަރަކު ވެސް ވަނީ މިނިސްޓަރުގެ އެ ވާހަކައަށް އަމާޒު ކުރައްވައި، ސުވާލު ކުރައްވައިފަ އެވެ.
މިއަދުގެ ޖަލްސާގައި އެ ސުވާލު އުފެއްދެވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ދީދީ އެވެ.
"ވަޒީރު އިހަކަށް ދުވަހަކު ވިދާޅުވެފައި އެބައިން، ކާޅާއި ވާލާ އެއްކޮށް އުޅެން ދަސްކުރާށޭ. އެހެން ނަމަވެސް އައްޑޫ ސިޓީގައި ވަރަށް ޔުނީކު ދޫންޏެއް އުޅޭ. އަޅުގަނޑުމެން ކިޔާ އުޅެނީ ދޮންދީނި. މި ދޫނި ރެޑީއެއް ނޫން ކާޅާ އެއްކޮށް ދިރިއުޅޭކަށް. ކާޅުތައް މި ދޫނި ކައި ހުސްކުރަނީ. އެހެންވީމަ، މި ދޫންޏަށް އޮތް ގޮންޖެހުން ނައްތާލަން އެންމެ މުހިންމު އެއް ކަންތައް ކާޅު ނައްތާލުމަކީ. ކަމަނާ މިކަމާ ދޭތެރޭގައި ދެކެނީ ކިހިނެއްތޯ؟،" އޭނާ ވިދާޅުވި އެވެ.
ދޮންދީނިއެއް: ދޮންދީނިއަކީ އައްޑޫގެ ރަމްޒެއް.-- ފޮޓޯ: ހަސަން ނަޖްމީ
ޖަވާބުގައި މާރިޔާ ވިދާޅުވީ "އައްޑޫގައި އުޅޭ ވަރަށް ހާއްސަ ދޫންޏެއް" ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތީ، ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އީޕީއޭއާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން އެކަމަށް ހައްލެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި، ކާޅާއި ވާލު ކަހަލަ ދޫނިސޫފާސޫފީގެ އުނދަގޫ އާންމުންނަށް ވަނީ އެ ތަކެތި ދިރިއުޅޭ މާހައުލު ހަލާކުވުމުންނެވެ. ކާޅާއި ވާލު ގޭގޭގެ ގަސްތަކުގައި ހުންނަ މޭވާ ކަނީ އޭގެ މާހައުލު ހަލާކުވެފައި ވާތީ ކަމަށް ވިދާޅުވި އެވެ. މިހާރު ޖެހިގެން އުޅޭ މައްސަލަތައް ޖެހެނީ ވެސް ދިރޭތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށް މާރިޔާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން ގަސްދު ކުރަނީ ދޫނިސޫފާސޫފި މަރައިގެން އެ މައްސަލަ ހައްލު ކުރާކަށް ނޫން. ނައްތާލައިގެން ހައްލު ކުރާކަށް ނޫން. އެއާ އެކީގައި އުޅެން، އެ އަށް ވެސް އުޅެން ދަސްކޮށްދީގެން މަސައްކަތް ކުރަން،" މާރިޔާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑު މިހެން ދެންނެވީމަ ތިޔަބޭފުޅުން ވިދާޅުވާނެ ކިހިނެއްތޯއޭ ދަސްކޮށްދޭނީ ދޫނިސޫފާސޫތްޕަށް އުޅެން. އޭގައި ވެސް ވަރަށް ގިނަ އުކުޅުތަކެއް ހުރޭ. އެންމެ ފުރަތަމަ ކަމަކަށް ގަސް އިންދުން އިތުރުކުރުން."
މިނިސްޓަރު އެގޮތަށް ވިދާޅުވިޔަސް، އާންމުންގެ ފާޑުކިޔުން މިކަމުގައި ވަރަށް ބޮޑެވެ. ކާޅު އުޅޭ ތަނެއްގައި ދޮންދީނި އަށް ނޫޅެވޭނެތީ އެވެ.
"ކާޅަކީ އެއްވެސް ޒަމާނެއްގައި އައްޑޫގައި ދިރިއުޅެ، އާލާވި ދޫންޏެއް ނޫން. ދާދި ފަހުން ކޮންމެވެސް ބަޔަކު އައްޑޫ މީހުންނަށް ޖެއްސުން ކުރުމަށްޓަކާ އައްޑުއަށް ގެންގޮސް ދޫކޮށްލި ކާޅުތަކެއް އައްޑު އަށް ގިނަވެ، އައްޑޫގައި އުޅޭ ދޮންދީނިތަކަށް ހަމަލާދީ، ދޮންދީދި ބިހާއި ކުދި ދޫނިތައް ކަމުން ގެންދާތީ، ކާޅަކީ އައްޑޫ ސިޓީގައި ޕެސްޓެއްގެ ގޮތުގައި ކަޑައަޅާފައި ވާތީ އައްޑޫ ސިޓީގައި އުޅޭ ކާޅު މަރާ ހުސްކޮށްދިނުމަށް އައްޑޫ ކައުންސިލާއި ރައްޔިތުން ސަރުކާރުގައި އެދެނީ،" އޮނަރަބްލް އަފީފު ދީދީގެ ނަމުގައި "މިހާރު" އަށް ކޮމެންޓުކުރި މީހަކު ބުންޏެވެ.
ދޮންދީނިތަކެއް: ދޮންދީނިއަކީ އައްޑޫގެ ރަމްޒެއް.-- ފޮޓޯ: ހަސަން ނަޖްމީ
ކާޅު ދޮންދީނީގެ ބިސް ބޯލާ ކަމާއި ކުދި ދޫނި މަރައި، ހާލިން ވައްޓާލާކަން މިނިސްޓަރަށް އެނގިވަޑައިނުގަންނަވަނީތޯ ކަމަށް ބުނެ ވެސް ބައެއް މީހުން ވަނީ މިނިސްޓަރުގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ސަރުކާރުން 1996 ވަނަ އަހަރު ހިމާޔަތް ކޮށްފައިވާ ދޮންދީނި އަކީ އައްޑޫގެ ފަހުރެއްގެ ގޮތުގައި ދެކޭ އެ ސިޓީ ރަމްޒު ކޮށްދޭ ދޫންޏެކެވެ.
ދޮންދީނި އަކީ ކަޅު ކުލައިގެ ތުންގަނޑަކާއި ފަޔާ އެކު، މުޅި ހަށިގަނޑު ހުދު ކުލައިގައި ހުންނަ ދޫންޏެކެވެ. ކަނޑުމަތީގެ މި ދޫންޏަކީ މަސްވެރިކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދޮންދީނި އަކީ އައްޑުއަށް ހާއްސަ އެއްޗެއް ކަމަށް ވިޔަސް، މި ދޫނި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކަށް ގެންގޮސް އާލާކުރަން ވެސް ކުރިން މަސައްކަތް ކުރި އެވެ. އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ހިސާބަކުން ދެން މި ދޫނި ފެނިފައި ވަނީ ހުވަދުއަތޮޅުގެ އޮންނަ ފަޅުރަށެއް ކަމަށްވާ ހަވޮޑިގަލާއިން އެކަންޏެވެ.
މީގެ ފަސް އަހަރު ކުރިން 2020 ވަނަ އަހަރު އައްޑޫގައި ކާޅު ވަރަށް ބޮޑަށް ގިނަވެ، ކާޅު ހަމަލަދީގެން ދޮންދީނި މަރުވާ ވަރު އިތުރުވި އެވެ. އެކަން ބޮޑުވުމުން ސަރުކާރުން އޭރު ވަނީ އައްޑޫގައި އުޅުނު ކާޅުތައް މަރަން ސިޓީ ކައުންސިލަށް ހުއްދަ ދީގެން އެކަން ކޮށްފަ އެވެ.
އެކަމަކު، އައްޑޫގައި ދޮންދީނި މަދުވާ އެހެން ބައެއް ސަބަބުތައް ވެސް އެބަހުއްޓެވެ. އެ ދޫނި ކުރިން އާންމުކޮށް ހާލި ހަދައިގެން އުޅުނު ބަނބުކެޔޮ ގަސްތަކާއި އަނބު ގަސް ކަހަލަ ބިޔަކޮށް ހެދޭ ގަސްތައް އައްޑޫން ވަރަށް ބޮޑަށް މަދުވެފައި ވާތީ ދޮންދީނީގެ އާބާދީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އާންމުންގެ ކަންބޮޑުވުން އޮތީ އައްޑޫ ރަމްޒު ކޮށްދޭން ދޮންދީނި، ކާޅުގެ ސަބަބުން ނެތިގެން ހިނގައިދާނެތީ އެވެ. ކާޅަށް މިނިވަންކަން ދީގެން ދޮންދީނި ހިމާޔަތް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވެނީ އެވެ. އެއީ ތަބީއީ ގޮތުން ވެސް އެއް މާހައުލެއްގައި އުޅެވޭނެ އެއްޗެހި ނޫންކަން އެނގެން އޮތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީނިކާޅު
15 May 2025
ކާޅާއެކު އުޅެން ދަސްކުރާށޭ ބުނޭ ދޮންދީނި ގާތުގަ.. މިނިސްޓަރު މާރިޔައްތަ ރުޅި ދުރުވާގޮތަށް ބޮޑާ ނުހާކާށޭ ކާޅު ބޭނެމެން ބުލޭމުކޮށްފަ.. އޯކޭ
ހަލޮއި
15 May 2025
ތިދޫނި އުޅޭ އެހެން އަތޮޅުތަކުގަވެސް. ކިޔަނީ އެހެން ނަމެއް. މީ ޔަގީންކޮށްފަ ބުނި ވާހަކައެއް. އެކަމަކު މިހެން ބުނެގެންވެސް އޮނަރަބުލް އަފީފު ދީދީ ކޮއިފައި އިސްކުރައްވާފުޅު ކަންނޭނގެ!
އުސްމާނުބެ
15 May 2025
މި ސޮރުމެންނައްވެސް ކާޅާ އެކު އުޅެން ދަސްކޮއްދީ ، ހަމަ އެހެން ބުޅާ ބަލަން 10 މި ލިޔަން ހަރދު ނުކޮއް އެއެއްޗެއްސާ އެކު އުޅެންވެސް ދަސްކުރަންވީ . މިނިސްޓަރައް ސަލާން
ދޮންދީނާ
15 May 2025
ޖަނަވާރާ ބެހޭ މިނިސްޓަރ އަށް ދަންނަވާލަބަލަ، ދޮންދީނިއަކަށް ނޭގެއޭ ކާޅާ، ވާލާ އެކީގަ އުޅޭކަށެއް!
އުސްމާނުބެ
15 May 2025
ވަރައް އެބައޮތޯ ދަސްކޮއްދޭ ކޯހެއް ، ހިލޭ ، ސަރުކާރުން ހަރަދު ކުރާގޮތައް ހީވަނީ 10 ވަރަކައް މިލިޔަން އަރާނެ ކަމައް
އައްޑޫމީހާމީ
15 May 2025
މިތާމިއުޅެ ރޯނުއެދުރު އޮނަރަބަލް ގަމާރު ދީދީ ގެ ފިތުނައިގައި ނުޖެހޭ. ދޮންދީނި ހިމާޔަތް ކުރަން ބޭނުން ނަމަ ގަސްތައްކަނޑާލި ނަމުން ތިމާވެށީގެ ބާނީ ނަސީދިއާ އައްޑޫއަށް ޕެޓުގެ ޣޮތުގައި ކާޅު ގެންދިޔަ މީހުނާދިމާއަށް ހަޅޭލަވާ
ޓްރަލަލާ
15 May 2025
މާރިއާއަށް ޕެސްޓް ކޮންޓްރޯލް ކުރުމާއި ނޭޗަރ ކޮންޒަވޭޝަނާގުޅޭ ގޮތުން މައުލާތު ދިނުން ވަރަށް މުހިންމު! އެ މިނިސްޓްރީގެ މުވައްޒަފުން އޭނާއަށް މަލޫމާތު ނުދެނީ ތޯއްޗެއް ނޫނީ އެ މުވައްޒަފުންނަށްވެސް ކަންކަން ނޭނގެނީ ތޯއްޗެއް. މިފަދަ އާޓިކަލްތައް ގިނަގިނައިން ޝާއިއުކުރާނެކަމަށް އުއްމީދުކުރަން.
ޢަބްޑޫޅް +
15 May 2025
1960 ގެ އަހަރު ތަކުގައި، މާލެއިން ކައުޅު ހުސްކުރީ ސިފއިން ނިކުމެ، ކައިތުވައްބަޑި ޖަހައިގެން. އައްޑުއަށް ބާނޑި ނުފޮނުވަނީ ދުންބާނޑި ދެ ބާނޑި ހިފައިގެން ނިކުމެ، އެ ގޫބައްޑާއިންގެ ސުވައިދީބު އައުކޮށްފާތީ ބިރުން ދޯ؟
ކަޑަބޮއް ސައީދު
15 May 2025
ކާޅަކީ ދީނީ ގޮތުންވެސް މަރަން ޖެހޭ އެއްޗެއް.
މުހައްމަދުބެ
15 May 2025
ހާހާ ހާހާ ހާހާ ހާހާ ހާހާ. ޖާހިލުކަމާއެވެ.
އޮނަރަބްލް އަފީފު ދީދީ
15 May 2025
އައްޑޫސިޓީ އިސްނަގައިގެން ފުވައްމުލައް، ތިނަދޫ އަދި ހުވަދޫއަތޮޅު ކައުންސިލްތަކާއި ވާހަކަދައްކާ މަޝްވަރާކޮށް މިސަރަޙައްދަކީ "ކާޅު ފްރީ ޒޯނަކަށް ހެދުމަށްޓަކާ، ވަޒީރު ވިދާޅުވިގޮތަށް ކާޅު މެނޭޖްކުރާނެ ގޮތެއްހޯދުމަށް ސިއްރު ބައްދަލު ވުމެއް ބާއްވާ ގޮތެއް ނިންމަންޖެހޭ." މިބައްދަލު ވުމުގައި އައްޑޫ ކައުންސިލުން ހުށަހަޅާ ހުށަހެޅުމަށް އެކުވެރި އަތޮޅުތަކުގެ ކައުންސިލްތަކުން އެއްބަސްވެއްޖެނަމަ "މުޅި މިސަރަޙައްދަކީ ދޮންދޫނިގެ ވަޒަނަކަށް" ބަދަލު ކޮށްލެވިދާނެ.
ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.
15 May 2025
ދީދީގެ ކޮމެންޓް ތަކުގެ ތެރެއިން މަށަށް އެންމެ ކަމުދިޔަ ކޮމެންޓް. އެބުނާހެން އައްޑޫގައި އުޅޭ ސަޅި ދޮންދޫންޏަށް ފުވައްމުލަކާއި ހުވަދޫ އަތޮޅުގައިވެސް ދިރިއުޅެވޭނެ ގޮތް ހަދަންޖެހޭ. އައްޑޫ އާބާދީ އިތުރުވަމުންދާ ވަރަށް ބަލާއިރު ގަސްމަދުވެ ދޫނި ނެތިގެން ހިގައިދާނެ. ހުވަދޫ ފުވައްމުލަކުގައި ގަސްތައް ވަރަށް ގިނަ. ކާޅު މަދުކޮށްފި ނަމަ ދޮންދީނާމެން އާލާވާނެ.
ފަރެސް މާތޮޑާ އަވަށް.
15 May 2025
މާތޮޑާ އަކީވެސް ކާޅު ނެތް ރަށަކަށް ވަރަށް އަވަހަށް ހަދާނަން. މިރަށުން ފުރާ ކޮންމެ ބޯޓަކުން ކާޅާ ވާޅާ މުޅޯއްޓަށް އަޅާފަ މާލެ ފޮނުވާނަން.
ކަޅާއި ހުދު.
15 May 2025
މިއީ ކަޅާއި ހުދުގެ ދެމެދުގައި އޮތް ހަނގުރާމަ އެއްނޫން. އެކަމަކު އަހަރުމެންނަށް ދެން ތިޔަ ކާޅަކާއި އެކީ ނޫޅެވޭނެ. މަވެސް ނިންމައިފިން ފުވައްމުލަކުގައި އުލޭ ކާޅު ތަކާއި މެދު ގޮތެއްނިންމައި އެކަން މެނޭޖު ކުރަން. ރަށު ކުދިންނާއި ވާހަކަ ދައްކާފައި ކާޅު ހިފާފައި މާލެ ފޮނުވާނީތޯ ނުވަތަ އައްޑޫ ފަދައިން ޕެސްޓެއްގެ ގޮތުގައި ކަޑައަޅާ ކާޅު ހުސްކުރާނީތޯ ބަލާނީ. އޯކޭތަ ؟
ޕުރިންސް ގަލްމަގު.
15 May 2025
ކުރިއަށްއޮތް ދޮޅު އަހަރު ތެރޭގައި ފުވައްމުލަކަށްވެސް ދޮންދީނި އައުމަށް ދައުވަތުދެން. އެކަން ކުރުމަށްޓަކާ ކާޅު މެނޭޖު ކުރާނެގޮތެއް ފުވައްމުލަކު ސިޓީގެ ފަރާތުން ވަރަށް އަހަވަށް ކަޑައަޅާ ފުވައްމުލަކު ރައްޔިތުންނަށް އެކަން އަންގާނެ. އަހަރުމެން ކާޅާއި އެކު އުޅެއުޅެ ފޫހި ވެއްޖެ. މިހާރު މިރަށު ކުދިން ބޭނުންވަނީ ދޮންދޫންޏާއި އެކު އުޅެން. ކާޅު އުޅޭ ނަމަ ދޮންދޫނި މިރަށަކަށް ނާންނާނެ. ކާޅު ހުސްކުރަމާ.
އަރީޝާ ފުވައްމުލައް.
15 May 2025
ކާޅުގެ އުދަގޫ ވަރަށް ބޮޑު ވެއްޖެ. ގޭގެ ޖޯލީގައި ނުވަތަ އަތިރިމަތީ ހޮޅުއަށި ނޫން ނަމަ ޕާކެއްގައިވެސް އިދެވޭ ވަރެއްނޫން. މިރަށު މީހުން ވެއްޖެއެއްނު މިރަށުންވެސް ކާޅު ހުސްކޮށް އައްޑޫގެ ދޮންދީނި މިރަށަށް ގެންނަން.
ބަރަކޫޑާ
14 May 2025
އުތުރު ރަށްރަށުމީހުނަށްވެސް ދަސްކޮށްދޭން އެބަޖެހޭ އިރުވާމޫސުމުގަ ކިނބުލާއެކީ އުޅެން. އެސޮރުމެންވެސް މާހައުލުގެ މައްސަލައެއް ޖެހިގެން އެއަންނަނީ ދޭތެރެދޭތެރެއިން.
ރޯނުއެދުރުބޭ
15 May 2025
އަނެއް ރޯނުއެދުރު. ކިބުލަކީ ރާއްޖެޔަށް ނޭޓިވް ޖަނަވާރެއްނޫނޭ. މޮޔަވެދާނެ ދޯ ދިވެހިންތެރޭ ގަމާރުން ގިނަކަމުން