ރިޕޯޓް / މިނިވަން ދުވަސް

1948 ގެ އެއްބަސްވުމުން ހާސިލްވީ ކޮން ކަމެއް؟

1948 ވަނަ އަހަރުގެ ދާހިލީ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ދަރުބާރަށް ރަދުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު (ކ) އާއި ދާހިލީ ވަޒީރު މުހައްމަދު އަމީން ދީދީ ވަޑައިގަންނަވަނީ.

ޑިސެމްބަރު 15، 1887 ގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައިރު، އަވަށްޓެރި ސިލޯން އޮތީ އިނގިރޭސީންގެ އަޅުވެތިކަމުގަ އެވެ. އެހެންކަމުން، އިނގިރޭސީންގެ ފަރާތުން ރާއްޖޭގެ ކަންކަން ހަމަޖައްސަވަމުން ގެންދެވީ، ސިލޯނުގައި އިނގިރޭސި ދައުލަތް ތަމްސީލް ކުރައްވަމުން ގެންދެވި ގަވަރުނަރު އަރްތޫރް ހެމިލްޓަން-ގޯޑޮން އެވެ. އޭގެ ސަބަބުން އިނގިރޭސީންނަށް ރާއްޖޭން ދައްކަމުން ދިޔަ ޖިޒީ ވެސް ފޮނުވަމުން ގެންދިޔައީ ސިލޯނުގެ ގަވަރުނަރުގެ އަރިހަށެވެ. މި ހުރިހާ ކަމެއްގެ ސަބަބުން، ސިލޯނުގެ ބައެއް މީހުންގެ ނަޒަރުގައި ރާއްޖެ އަކީ އެ ގައުމުގެ ނުސީދާ ކޮލޮނީއެކެވެ.

މިދިޔަ ގަރުނުގެ މެދުބަޔަށް އެޅުނުއިރު، އިނގިރޭސީންގެ އަތްދަށުން މިނިވަންވުމުގެ ރޫހެއް ސިލޯނުގައި އުފެދިގެން ދިޔައިރު، އެ ގައުމުގެ ބައެއްގެ ގޮތުގައި ރާއްޖެ ހިމެނުމުގެ ވާހަކަތަކެއް ދެއްކެވެން ފެށުނެވެ. އެހެނީ، ރާއްޖޭން އޭރު ވެސް ދިޔައީ، ސިލޯނުގެ ގަވަރުނަރަށް ޖިޒީ ދައްކަމުން ކަމަށް ވާތީވެ އެވެ. މި ސަބަބާ ހުރެ، އޭރު ދިވެހި ދައުލަތުގައި ކުރިއަށް ތިއްބެވި ބައެއް ބޭފުޅުން، ހާއްސަކޮށް ދާހިލީ ވަޒީރު މުހައްމަދު އަމީން ދީދީ އަށް ވިސްނިވަޑައިގަތީ، އެ ޖިޒީ ކަނޑާނުލައިފި، ނަމަ ހަގީގަތަށް ވެސް، ސިލޯނުގެ ދަށަށް ރާއްޖެ ގޮސްދާނެ ކަމަށެވެ.

އެހެންކަމުން، އަމީން ހުށަހެޅުއްވީ، ސިލޯނުގެ ގަވަރުނަރުގެ ސިޓީއެއްގެ މައްޗަށް ރާއްޖެ އަށް އިނގިރޭސީން ދީފައި އޮތް ހިމާޔަތް، ސީދާ އިނގިރޭސި ދައުލަތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ މައްޗަށް ބަދަލުކުރާށެވެ. އެކަން އެހެން ވެއްޖެ ނަމަ ސިލޯނަށް، ރާއްޖޭގެ މައްޗަށް ދައުވާ ކުރެވޭ ފުރުސަތެއް ނުލިބޭނެ ކަމަށް އަމީނަށް ގަބޫލުކުރެއްވުނެވެ. އެ މަނިކުފާނު، އެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ، އޮކްޓޫބަރު 21، 1947 ގައި ސިލޯނުގެ ގަވަރުނަރާ އެކު ކޮޅުނބުގެ ކުއީންސް ހައުސްގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.

އަމީން ވިދާޅުވީ ކަމަށް، ތާރީހީ ލިޔުންތަކުގައި ވަނީ، ރާއްޖޭން ސިޔާސީ ގުޅުން ގުޅިފައި އޮތުމަށް އެދެނީ ސީދާ އިނގިރޭސީންގެ މާތް ދައުލަތާ އެކު ކަމަށާއި ސިލޯނު ސަރުކާރު މެދުވެރިވެގެން ނޫން ކަމަށެވެ. "ސިންގަޅަ ގަވަރުނަރަކު އަތަށް ވެދުމުގެ ފަތްކޮޅު ގެނައުމަކީ އަޅުގަނޑުމެން ހިތް ރުހޭ ކަމަކަށް ނުވާނެކަން ކަށަވަރެވެ،"

މުހައްމަދު އަމީން ދީދީ (ކ) 1951 ވަނަ އަހަރުގެ ޖުމްހޫރީ ދަރުބާރުގައި.

ސުވާލަކީ، ސިލޯނުގެ އިތުރުން އިންޑިއާ އަށް ވެސް މިނިވަންކަން ލިބެން ދިޔަ އެ ދަނޑިވަޅުގައި ރާއްޖޭން ވެސް މިނިވަންކަމަށް ވަކާލާތު ނުކުރެއްވީ ކީއްވެބާވަ އެވެ؟ ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭން އެ ވަގުތު މިނިވަންކަމަށް ހިފައިފި ނަމަ އިނގިރޭސީން އެކަމާ ނުރުހި، ސިލޯނުގެ ދަށަށް ރާއްޖެ ދާން ދޫކޮށްލުމުގެ ބިރު އޮތެވެ. އެހެންކަމުން އިނގިރޭސީންނަށް އެ ދުވަސްވަރު އިސްތިރާޖީ ގޮތުން ރާއްޖޭގެ މުހިއްމުކަން ބޮޑުވުމުގެ ފައިދާ ނަގައި، އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް އެއްބަސްވުމެއްގެ ދަށުން ގޮސް، ސިލޯނުގެ ލޯތަކުން ސަލާމަތްވުން ރާއްޖެ އަށް މާ މުހިއްމުކަމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަތީ އެވެ.

މިކަމުގައި އަމީން އެންމެ ފުރަތަމަ މަޝްވަރާ ކުރެއްވީ އޭރު މިސްރުގައި ދިރިއުޅުއްވަމުން ގެންދެވި، ރާއްޖޭގެ ރަދުން އަދި އަމީނުގެ ބޮޑުބޭބޭފުޅު އަބްދުލްމަޖީދު ރަންބަނޑޭރިކިލެގެފާނާ އެވެ. އެކަމުގައި އަމީނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އަމަލު ކުރެއްވުމުގެ ހުއްދަ ރަންބަނޑޭރިކިލެގެފާނު ދެއްވުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެވެ. މަޖިލީހުން ނިންމީ "ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ސަރަހައްދަށް އަންނަމުން ދިޔަ ބަދަލުތަކާ ގުޅިގެން ރާއްޖެ އާއި އިނގިރޭސީންނާ ދެމެދު އޮތް މުއާހަދާ އާކުރަން ފެންނަ" ކަމަށެވެ. އަދި އެކަމުގައި ސިލޯނުގެ ގަވަރުނަރާ މަޝްވަރާކުރެއްވުމުގެ މަސައްކަތް އަމީންއާ ހަވާލުކުރައްވަން ވެސް މަޖިލީހުން ނިންމި އެވެ.

"އާދޭހޭވެ! އަޅުގަނޑަށް ލިބުނީ ވަރަށް ވެސް އެކަށީގެންވާ ފުރުސަތެކެވެ. އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގެ ގުޅުން އާ މިސްރާބަކަށް ބަދަލުކޮށްލުމުގެ ކުރީގައި، މައްސަލައާއިގެން ނުރަސްމީ ގޮތެއްގައި އަޅުގަނޑު ހަރަކާތްތެރިވާން ފަށައިގެންފީމެވެ،" އަމީން ލިޔުއްވާފައިުވެ އެވެ.

މި މަސައްކަތުގައި އަމީން ވަނީ އޭރު ސިލޯން ސަރުކާރު ހިންގުމުގެ ވެރިއަކަށް ހުންނެވި ޗީފް ސެކްރެޓަރީ ޗާލްސް ކޮލިންސްއާ އޮތް ގާތް ގުޅުމުގެ ބޭނުން ހިއްޕަވައިފަ އެވެ. އަދި އޭނާ އަށް ނުރަސްމީ ސިޓީއެއް ފޮނުއްވައި، ސިލޯން ގަވަރުނަރު ޗުއްޓީއެއްގައި ލަންޑަނަށް ވަޑައިގެން ހުންނެވި ހުންނެވުމެއްގައި، އެއްބަސްވުމާ މެދު އިނގިރޭސި ދައުލަތުގެ ވެރީންގެ ހިޔާލު ނުރަސްމީ ގޮތެއްގައި ހޯއްދެއްވި އެވެ. އެ ސިޓީތަކުން އަމީނަށް އެނގިވަޑައިގެންނެވީ އިނގިރޭސީން ތިބީ ދިވެހި ދައުލަތުން އެދިއްޖެ ނަމަ އެގްރިމެންޓް އާކުރުމާ މެދު ވިސްނުމަށް ތައްޔާރަށް ކަމަށެވެ.

އަމީން ސިލޯނުގައި ހުންނެވުމުން ވަޒީރުއްދާހިލިއްޔާގެ ގާއިމް މަގާމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށް ސިޓީއެއް ފޮނުއްވައި، ވަލީ ކޮމިޓީގެ ފަރާތުން ސިލޯން ގަވަރުނަރަށް ރަސްމީކޮށް އެކަން ހުށަހެޅުއްވެވި އެވެ.

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ރާއްޖޭގައި.

އެއާ އެކު ރަސްމީ ވާހަކަތައް ފެށުނެވެ. އެންމެ ފުރަތަމަ މަޝްވަރާ އޮތީ ކޮޅުނބުގެ ކުއީންސް ހައުސްގަ އެވެ. އަދި ގަވަރުނަރުގެ ގެކޮޅުގައި ވެސް ބައްދަލުވުންތައް އޮތެވެ. އެއްބަސްވުމަކަށް އާދެވުނީ، މާޗު 23، 1948 ގައި، ސިލޯނުގެ ނޫރައްލިޔާގައި ހުންނަ ގަވަރުނަރުގެ ގެކޮޅުގައި އޮތް ބައްދަލުވުމެއްގަ އެވެ. އެ ހިސާބުން އެއްބަސްވުމަށް އިނގިރޭސި ދައުލަތުގެ ރުހުން ހޯދުމަށް ލަންޑަނަށް ދެލިކޮޕީ ފޮނުވި އެވެ. އެ އެއްބަސްވުމަކަށް އިނގިރޭސީން ގެންނަން ބޭނުންވި ބައެއް ބަދަލުތަކާ އެކު، ފަހު ދެލިކޮޕީ މާޗުމަހުގެ ފަހުކޮޅު ލިބުނެވެ.

ކަންދިމާވި ގޮތުން އެއްބަސްވުން ސޮއިކުރަން ތައްޔާރުވިއިރު ސިލޯނަށް މިނިވަންކަން ލިބިއްޖެ އެވެ. އެހެންވެ އެއްބަސްވުމުގެ ކަންތަކުގައި ދެން އުޅުއްވީ ސިލޯނަށް އިނގިރޭސިން ފޮނުއްވާފައި ހުރި ހައި ކޮމިޝަނަރު ވޯލްޓާ ހެންކިންސަން އެވެ.

އެއްބަސްވުން ދެން ފޮނުވީ ރައްޔިތުންގެ މަޖިލީހަށެވެ. އެތަނުން، އެއްބަސްވުމަށް ރުހުން ދިނެވެ. އަދި ރަދުންގެ ބަދަލުގައި އެއްބަސްވުމުގައި ސޮއިކުރައްވާނެ ބޭފުޅުންގެ ގޮތުގައި ކަނޑައެޅީ ވަލީ ކޮމިޓީގެ ދެ މެމްބަރުން ކަމަށްވާ އަމީނާއި އިބްރާހީމް ފާމުލަދޭރިކިލެގެފާނެވެ.

އެއްބަސްވުމުގައި ސޮއިކުރުން އޮތީ ދެދޮރާށި ދޭތެރޭގައި އޮތް ހާއްސަ ދަރުބާރެއްގަ އެވެ. މި ރަސްމިއްޔާތަށް، މިސްރުގައި ހުންނެވި ރަންނަބަނޑޭރިކިލެގެފާނު ވެސް ވަޑައިގަތެވެ. ހުސެއިން ސަލާހުއްދީނުގެ ސަލަވާތުން ފެށި ދަރުބާރުގައި ކިލެގެފާނު ދިވެހި ބަހުން ހިތާބެއް ވެސް ދެއްވެވި އެވެ. އެ ހިތާބުގައި ކިލެގެފާނު އެދިވަޑައިގަތީ މި ލިބުނު ހުއްރިއްޔަތަކީ ހަގީގީ ހުއްރިއްޔަތެއް ކަމަށް ހެދުމަށް މަސައްކަތް ކުރުމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން ދިވެހީން ފާހަގަކުރީ މިނިވަންކަން ލިބުން ފަދަ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ ފުރިހަމަ މިނިވަންކަމެއް ނޫނެވެ. އިނގިރޭސީން ދިން އެންމެ ބޮޑު މިނިވަންކަމަކީ ރާއްޖޭގެ އެތެރޭގެ ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތު ދައުލަތަށް ދިނުމެވެ. ނަމަވެސް، ކުރީގެ އެއްބަސްވުމުގައި ވެސް ވާ ގޮތަށް، މި ފަހަރުގެ އެއްބަސްވުމުގެ ދަށުން ވެސް ރާއްޖޭގެ ހާރިޖީ ކަންކަމާއި އަސްކަރީ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު އޮތީ އިނގިރޭސީންނަށެވެ.

ނަމަވެސް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި އެއްބަސްވުމުގެ އެންމެ ބޮޑު ފައިދާއަކީ، ރާއްޖޭން، ސިލޯން ގަވަރުނަރަށް ދައްކަމުން ދިޔަ ޖިޒީ ކަނޑާލެވުމެވެ. އަދި ދާހިލީ މިނިވަންކަމާ އެކު، ރާއްޖެ އަށް އަމިއްލަވަންތަކަމެއް ލިބުމެވެ. ސިލޯނާއި، އިންޑިއާގައި އުފެދުނު މިނިވަން ދައުލަތުގެ ރާޅުގައި ރާއްޖެ ދަށުނުވެ ސަލާމަތްވުމެވެ. އަދި ޖުލައި 26، 1965 ގައި އިނގިރޭސީންގެ އަތުން އިބްރާހީމް ނާސިރު ހޯއްދަވައިދެއްވި މިނިވަންކަމަށް، އެޅި ފުރަތަމަ ފިޔަވަޅަކީ ވެސް 1948ގެ އެއްބަސްވުން ކަމަށް ގަބޫލުކުރެވުނެވެ.

9 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 13%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދާގީނާ ގުރަހަ

27 July 2025

މި ލިޔުމުގަ މި ދެކެވޭ ސިޓީތަކުގެ/ދެލި ކޮޕީތަކުގެ އަސްލު އެބަހުރިތަ؟؟ ވަރަށް ބޮޑެތި ތާރީހީ ވާހަކަ މީ. ފަހުވަގުތު ރަންނަމާރި ވާހަކަ ކަހަލަ ވާހަކަ އަކަށް ނުވެއްޖެޔާމުން ވަރަށް ރަންގަޅު.

The name is already taken The name is available. Register?

އަބްޑޫޅް +

26 July 2025

މިނިވަންކަން ދެމެހެއްޓުމަށް، ފުރަތަމަ އެޅުނު ފިޔަވަޅަކީ 1887 އަހަރުގެ އެގެރިމެންޓު. މި އެގެރިމެންޓު ނެތްނަމަ، އެތެރެވަރީގެ ކަނޑުތަކުގަ އޭރު އުޅުނު، އެކި ދައުލަތް ދައުލަތުގެ މީހުން ރާއްޖެއަށް ގަދަވެގަންނަން އުޅުނީސް. މީގެ ތެރޭ ފަރަންސޭސި، ޖަރުމަނު، ޖަޕާނު އަދި އޮމާނު ހިމެނުނު. 1947 ގެ ފަހުން ރާއްޖެ އަށް އޮތް އެންމެ ބޮޑު ނުރައްކަލަކަށްވީ އިންޑިޔާ. 70-1948 ވަނަ އަހަރު އިންޑިޔާ ފުލުހުން އަރާ ހައިދަރުއާބާދު، ގޯވާ، މަލިކު އަދި ސިއްކިމް ފަތަހަކުރި.

The name is already taken The name is available. Register?

މިނީވޭން

26 July 2025

ކުރިން ނޭގި އޮތް ކަމެއް މިއީ. މިމައުލޫމާތު ގެނެސްދިނީތީ ހަމްދޫނަށް ޝުކުރުވެރިވަން.

The name is already taken The name is available. Register?

އޮޅުވައިނުލާ

26 July 2025

1965 ގައި ބަދަލުކުރީ 1960 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއް. އެއީ 1948 ގައި ވެފައިވާ އެއްބަސްވުމަށް ގެނެވުނު ބަދަލެއް ނޫން.

The name is already taken The name is available. Register?

ގޯރުނުދޯރު

26 July 2025

ޚާރިޖީ ކަންތައްތަކާއި ދިފާއީ ކަންތައްތަކުގަ ރާއްޖޭގެ އަނގަ ބަންދުކޮށްފަ ބޭއްވުމުގެ މާނައަކީ އަޅުވެތިކަން. ހިމާޔަތް ދިންނަމަ މިނިވަން ވާކަށް ނުޖެހުނީސް. ދެން ސުވާލަކީ ކީއްކުރަންހޭ ހިމާޔަތް ހޯދީ؟ ނުވަތަ ހިމާޔަތް ދިނީ؟ 1881 އެއީ 19 ވަނަ ގަރުނުގެ ފަހުކޮޅު. އޭރަކު 1 ވަނަ ބޮޑު ހަނގުރާމަވެސް 2 ވަނަ ބޮޑު ހަނގުރާމަވެސް ނުފެށޭ. ޕޯޗުގީޒުންނާ މަލަބާރުންނާ ހޮޅިންނާ ހަނގުރާމަކޮށް ރާއްޖޭގެ މިނިވަންކަން ދިފާއުކުރީ ދިވެހިން އަމިއްލައަށް .

The name is already taken The name is available. Register?

ރިބަން

26 July 2025

އަތިރީގޭ ޢާއިލާ އިސްވެ އޮވެ އިނގިރޭސިންގެ ޙިމާޔަތް ހޯދީ، އޭރު ވެރިކަމުގައި އޮތް ކަކާގޭ ޢާއިލާ ވެރިކަމުން ބޭލުން. އެކަން ކާމިޔާބުކުރި.

The name is already taken The name is available. Register?

އަބްޑޫޅް +

27 July 2025

އަތިރީގެ އާއި ކަކާގެ އަކީ އެއް ބައެއް. މުހަންމަދު ފަރީދު ރަދުންނާއި ހަސަން ފަރީދު ދީދީ އަކީ އަތިރީގޭ ބޭފުޅުން. އެ ބޭފުޅުންގެ މަންމާފުޅަކީ ކަކާގޭ ބޭފުޅެއް. ހަމަ އެހެންމެ، މޮހޮންމަދު އަމީން ދީދީ އަކީ އަތިރީގޭ ބޭފުޅެއް. އެ ދީދީގެ މާމައަކީ ކަކާގޭ ބޭފުޅެއް. ކަކާގޭ އަޙްމަދު ޙިލްމީ ދީދީ ގެ އަބިކަނބަލުންނަކީ އަތިރީގޭ މަރިޔަމް އަމީން ދީދީ. ކަލޭމެން، ކޮސް ގޮވުން ހުއްޓުވަގަ. އަތިރީގެ އާއި ކަކާގެ ފެށުނު ހިސާބަކީ ހުރާގޭ ރަސްދަރިކޮޅު.

The name is already taken The name is available. Register?

ކުޑަކަކުނި

26 July 2025

ކިހިނެއްބާ 'މިިނިވަންކަން' މާނަ ކުރަނީ؟ ދިވެހިރާއްޖެ ކިޔާ ޤައުމެއް އދ. ގެ ރަޖިސްޓަރީގައި އޮތިމާބާ؟ ވަޒީރުން ކޯޓްލައި ކާރުގައި ގޮސް ކުރަން އޮތް ހަމައެކަނި ކަމަަކީ ނާށިގަނޑު ހިފައިގެން ބޭރުގެ ޤައުމުތަކާއި ކުންފުނިތަކުގައި ސަލާމްޖެހުން. މިކަންކަމުގައި ފަހަތުގައި މިވަނީ ޤައުމުު އަޅުވެތިވުން.

The name is already taken The name is available. Register?

ބަބްސް

26 July 2025

ގިނަމީހުންނުވީސް ހެޔޮ ތެދު ވާހަކަ. މިހާރު އަޅުވެތިކުރަނީ ކަނޑިއާއި ބަޑިއަކުން ނޫން. ޤައުމު އޮތީ ލޯނުނެގިނެގީނުންގޮސް ނޭވާހޮޅިއަށް އެޅިފަ ، 60 އަހަރު ވީދުވަހު އަނެއްކާވެސް 565 މިލިޔަން ޑޮލަރުގެ ލޯނެއް. ސާބަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454