ހުޅުލޭގައި އިނގިރޭސިން ހެދި ދަގަނޑު ރަންވޭ ހަލާކު ކޮށްލުމަށް ފަހު، ދިވެހިންގެ އަމިއްލަ އެއާޕޯޓު ހެދުމަށް ގަސްތައް ނަގައި ސާފުކުރަނީ.---ފޮޓޯ: ނެޝަނަލް އާކައިވްސް
26 ޖުލައި 2025 - 00:31
ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އިނގިރޭސިންގެ ނުފޫޒު ރާއްޖޭގައި ގަދަ ކުރުމަށް ކުރި އެއް ކަމަކީ އެ މީހުން ބޭނުންވާ އަދި އެ މީހުންގެ މަތިންދާބޯޓުތައް ޖައްސަން ހުޅުލޭގައި ދަގަނޑުފިލާ އަޅައިގެން ރަންވޭއެއް ހެދުމެވެ. ދިވެހި ސަރުކާރުން އަނގަބަހުން އިނގިރޭސިންނާ އެކު އެއްބަސްވެގެން އެ ރަންވޭ ހެދި ނަމަވެސް ދިވެހިންނަށް އެ ރަންވޭއިން ފަސޭހައެއް ނުލިބޭނެކަން ދިވެހި ސަރުކާރުގެ އޭރުގެ ވެރިންނަށް ވަކި ހިސާބަކުން ވިސްނިވަޑައިގަތެވެ.
އިނގިރޭސިން ބޭނުންހާ ކަމެއް ކުރަން ގިނަ ދުވަސްތަކެއްގެ ފުރުސަތު ނުދީ، އެ މީހުންގެ ކިބައިން އެއާޕޯޓު ސަލާމަތް ކުރުމުގެ އަމަލީ މަސައްކަތް ސިއްރާއި ފާޅުގައި ދިވެހިން ފެށި އެވެ.
ސަރުކާރުން އެދުނީ އިނގިރޭސިންގެ މަތިންދާބޯޓެއްގައި ދިވެހި ވަފުދެއް ސްރީ ލަންކާ އަށް ގެންގޮސްދޭށެވެ. އެކަމަކު، އިނގިރޭސިން އެންމެ ފަހު ވަގުތު އެންގީ އެ ދަތުރު ކޮށްދެވެން ނެތް ކަމަށެވެ. އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު އެ މަނިކުފާނުގެ ސްޓައިލްގައި ދުލެއް ނުދެއްވި އެވެ. އެއާ ސިލޯންގެ ބޯޓެއް ވަގުތުން ޗާޓަރު ކުރައްވައިގެން ދިވެހި ސަރުކާރުގެ ވަފުދު ލަންކާ އަށް ފޮނުއްވި އެވެ.
އެ މަތިންދާބޯޓު ހުޅުލޭ އެއާޕޯޓުގައި ޖެއްސިޔަ ނުދިނުމަށް އެތައް މަސައްކަތެއް އިނގިރޭސިން ކުރި ކަމަށް ދިވެހި ތާރީހީ ލިޔުންތަކުގައި ވެ އެވެ. މޫސުމާ ބެހޭ ރިޕޯޓާއި ފްލެޔާ ވެސް އިނގިރޭސިން ފޮނުވައެއް ނުދިނެވެ. ނާސިރަށް ޖެހިވަައިގަތީ އޭރު ދިވެހި ސަރުކާރުން މާލެ ގެނެސްފައި ހުރި ސްރީ ލަންކާގެ މީހަކު މެދުވެރިކޮށް އެ ހުރިހާ ކަމެއް ކުރައްވާށެވެ. އިނގިރޭސިންގެ ޖެއްސުން އެ ދުވަހު ބޮޑުވި ނަމަވެސް ނާސިރު ވިދާޅުވަމުން ގެންދެވީ، ރާއްޖޭގައި އޮންނަ ތަނަކަށް ދިވެހި ދައުލަތުގެ ބާރު ހިނގާނެ ކަމަށެވެ. މަތިންދާބޯޓު ވެސް އެ ރަންވޭއަށް ޖެއްސޭނެ ކަމަށެވެ. އެކަން ވެސް ނާސިރު އިނގިރޭސިންނަށް ދެއްކެވި އެވެ.
ދިވެހިން ދާ އޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން ހެދި ހުޅުލޭ އެއާޕޯޓަށް ފުރަތަމަ ޖެއްސި މަތިންދާބޯޓު އެއާ ސިލޯނުން ފައިބައިވަޑައިގެން އޭރުގެ ބޮޑުވަޒީރު ނާސިރު ދައުލަތުގެ ވެރިންނާ ސަލާން ކުރައްވަނީ،--- ފޮޓޯ: ނެޝަނަލް އާކައިވްސް
އޮކްޓޫބަރު 10، 1960 ގައި އިނގިރޭސިން ބޭނުންކުރަން ފެށި ދަގަނޑު ރަންވޭގެ ސަބަބުން ދިވެހިންގެ މިނިވަންކަމަށް އަސަރު ކުރާނެ ކަން ބޮޑުވަޒީރު ނާސިރަށް ޔަގީން ކުރެއްވުނެވެ. އެ ހިސާބުން ދިވެހިން ވެސް މައިތިރިއެއް ނުކުރެވުނެވެ. އެއާޕޯޓަކީ ދިވެހިންގެ އަމިއްލަ މިނިވަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަން ދިވެހިން ނިންމައި އެ މިނިވަންކަން ހޯދަން އަތުކުރި އޮޅައިލި އެވެ. ދިވެހިންނަށް ބާރު ލިބޭ ގޮތަށް އެކި ގޮތްގޮތުން މަގު ކޮށަން ފެށި އެވެ.
ވަކި ހިސާބަކުން ފެނުނީ އެއް ފިލާ އަނެއް ފިލައަށް ބުޅިގަނޑަކުން ގުޅައިލެވޭ ގޮތަށް ހުރި ދަގަނޑު ފިލާތަކަށް ދިވެހިން ނުކުމެ ގެއްލުން ދޭން ފެށި ތަނެވެ. އިނގިރޭސިންގެ އެއާޕޯޓަށް ދަންވަރުގެ ވަގުތުތަކުގައި ދިވެހިންގެ ބަޔަކު އަރައި އެ މީހުންގެ މުދާތަކަށް ގެއްލުން ދޭން ފެށި އެވެ.
އެއް ދުވަހެއްގެ އިރު އެރިއިރު ފެނުނީ ރަންވޭގެ އެއްބައިން ދަގަނޑުފިލާތައް ނައްޓާފައި ހުއްޓަ އެވެ. އަނެއް ދުވަހެއްގެ އިރުއެރިއިރު ފެނުނީ އެއާޕޯޓުގެ މެދުގައި ދިވެހި ރުކެއް އިންދާފައި ހުރި ތަނެވެ. އަދި އެއާޕޯޓުގައި ފޮތިގަނޑެއް ދަމައި "ވީ ވޯންޓް އިންޑިޕެންޑެންސް" ޖެހި ކަމަށް "އުމަރު ޒާހިރުގެ ހިދުމަތުގެ ހަނދާންތައް" ފޮތުގައި ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވާ ފޮތުގައި ވެ އެވެ.
އެއީ ސިއްރުން ދިވެހި ޒުވާނުންގެ ބަޔަކު ކުރި ކަމެއް ކަން ފަހުން އެނގުނެވެ.
ދިވެހިންގެ އެއާޕޯޓު ހެދުމަށް ތައްޔާރުކުރި ސަރަހައްދު އޭރުގެ ބޮޑުވަޒީރު ނާސިރު ބައްލަވަނީ.--- ފޮޓޯ: ނެޝަނަލް އާކައިވްސް
"... ނަމަވެސް އޭގެ މާފަހުން ދިވެހިން އަމިއްލައަށް އެ އެއާޕޯޓު ހަދައި، ނިިންމައި ހުޅުވާ ހިސާބަށް ދިޔައިރު އެއީ ވެސް ޒުވާނުންގެ ހަރަކާތެއް ކަމާއި ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ދިވެހިން ކުރަމުން ގެންދިޔަ މަސައްކަތެއް ކަމާއި ދިވެހިރާއްޖޭގައި އޮންނާނީ ދިވެހިންގެ އެއާޕޯޓެއްކަން އިނގިރޭސިންނަށް އަންގައިދޭން ކުރި ކަމެއް ކަން އެނގުނެވެ،" އުމަރު ޒާހިރުގެ ފޮތުގައި ލިޔުއްވާފައި ވެ އެވެ،
ބިދޭސީންގެ ބަޔަކު ދިވެހިންގެ އެއާޕޯޓެއް ހިންގާ ނަމަ ދިވެހިންގެ މިނިވަންކަމަށް ބުރޫއަރައި އަމިއްލަ މިނިވަންކަން ގެއްލޭ ހިސާބަށް ދާނެކަން ދިވެހިން ވިސްނަން ފެށީ މި ޒަމާނަކު ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ވެސް ދިވެހިން ވަނީ އެކަން ތަޖުރިބާ ކޮށްފަ އެވެ. އިސްވެ ނުކުތީ ދިވެހިންގެ ތެރެއިން ޒުވާނުންތަކެކެވެ.
ދިވެހިން ދާ އޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން ހެދި ހުޅުލޭ އެއާޕޯޓަށް ފުރަތަމަ ޖެއްސި މަތިންދާބޯޓު އެއާ ސިލޯން ބެލުމަށް މީހުން އެއްވެފައި،--- ފޮޓޯ: ނެޝަނަލް އާކައިވްސް
އިނގިރޭސިން ހެދި ހުޅުލޭ ރަންވޭގެ ބަދަލުގައި ދިވެހިންނަށް ވެސް އަމިއްލަ އަށް އެއާޕޯޓެއް ހެދޭނެކަން އަމަލުން ދައްކުވައި ދެއްވި ލީޑަރަކީ ބޮޑުވަޒީރު ނާސިރެވެ. މިއަދު މި ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ބާނީ އެވެ. ދިވެހިންގެ އެއާޕޯޓެއް ހެދުމަށްޓަކައި ދިވެހިން ޖޯޝާއި ފޯރީގައި ކުރި މަސައްކަތަށް ސާބަހާއި ހިތްވަރު ދެއްވަން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހުޅުލެ އަށް އަމިއްލަފުޅަށް އެ މަނިކުފާނު ވަޑައިގަންނަވަ އެވެ.
"އިނގިރޭސިން ހަދާފައި އޮތް އެއާޕޯޓުގެ ދަގަނޑު ފިލާތައް ނައްޓައި އެ އޮތް ބޮޑު އެއާޕޯޓު އުދަލިން ކޮނެ، ގާ އަޅައި، ވެލި އަޅައި، އެ ހުރިހާ މަސައްކަތެއް ކުރީ މި ޒަމާނުގައިހެން ހައި މާކަކުން ކޮނެގެން ވެލިތައް ނަގައި ލޮރީ އަށް އަޅައިގެން، ލޮރީގައި ނުވަތަ ޓްރެކްޓަރުގައި އުފުލައިގެނެއް ނޫނެވެ. ހުރިހާ ކަމެއް ވެސް ކުރީ ހަމަ ދިވެހީންގެ އަތުންނެވެ،" އުމަރު ޒާހިރުގެ ފޮތުގައި ވެ އެވެ.
ދިވެހިން ދާ އޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން ހެދި ހުޅުލޭ އެއާޕޯޓަށް ފުރަތަމަ ޖެއްސި މަތިންދާބޯޓު އެއާ ސިލޯން ބެލުމަށް މީހުން އެއްވެފައި،--- ފޮޓޯ: ނެޝަނަލް އާކައިވްސް
ރާއްޖޭގެ ފުރިހަމަ މިނިވަންކަމަށްޓަކައި ދިވެހިންގެ އަމިއްލަ ބާރު ހިނގާ ދިވެހިންގެ އެއާޕޯޓު ދިވެހިންގެ ދާ އޮހޮރުވައިގެން ދެ އަހަރުގެ ތެރޭގައި ނިންމި އެވެ. އެ މަސައްކަތުގެ މުގުލުގައި ހުންނެވީ އެ ޒަމާނުގައި ދިވެހިންގެ ލީޑަރު ނާސިރެވެ.
އޭޕްރީލް 12، 1966 ގައި ދިވެހިންގެ އެއާޕޯޓު ނާސިރު ހުޅުއްވައި ދެއްވި އެވެ. އެއާ ސިލޯނުގެ މަތިންދާބޯޓެއްގައި އެ އެއާޕޯޓަށް އެންމެ ފުރަތަމަ ފައިބައިވަޑައިގަތީ އެ މަނިކުފާނެވެ. ދިވެހިންގެ އެއާޕޯޓެއް ހޯއްދަވައި ދެއްވި އެވެ.
ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ގެއްލިދާނެ އެއްވެސް ކަމަކަށް ދިވެހިން ޖާގަ ނުދޭނެކަން މި ފަހުގެ ޒަމާނުގައި ވެސް ދިވެހިން ދެއްކި އެވެ. އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު 25 އަހަރަށް އެ އެއާޕޯޓު ކުއްޔަށް ދިނުމުން ވެސް ދިވެހިން ގަދަ އަޒުމާ އެކު ނުކުމެ އެ ކަމާ ދެކޮޅަށް އަޑު އުފުލައި އެ ތަން ދިވެހި ސަރުކާރުގެ މިލްކުވެރިކަމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހުމުން ވެސް ދިވެހި ސަރުކާރާއި ދިވެހިން އެ އަކަށް ނުބެލި އެވެ. މުހިންމުވީ ދިވެހިންގެ އެއާޕޯޓެވެ. ދިވެހިން ހިންގާ އެއާޕޯޓެކެވެ. ޖީއެމްއާރުގެ އެއްބަސްވުން ދިވެހި ސަރުކާރުން އިސްވެ އުވައިލުމުން ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 320 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން ޖެހުމުން ވެސް ލޯމަރާލާފައި އެކަން ކުރީ އެހެން ވެގެންކަން އެނގެ އެވެ.
އަޅުގަނޑުމެން އޭގެ 59 އަހަރު ފަހުން އަނެއްކާވެސް މި ފަށަނީ މުޅިން އާ ބާބެކެވެ. ދުނިޔޭގައި ނަން ހިނގާ މަޝްހޫރު އަދި ޗާލު އެއާޕޯޓުތަކާ ފައި ހަމަކުރެވޭ ވަރުގެ އެންމެ ޒަމާނީ އެއާޕޯޓެއްގެ ފަރުދާ މިރޭ ކަހާލަނީ އަދިވެސް އެއީ "ދިވެހިންގެ އެއާޕޯޓެއް" ގެ ފަހުރުވެރި ނަމާ އެކުގަ އެވެ. ހުޅުލޭ އެއާޕޯޓުގެ ނަމުން ފެށިގެން އެކި ނަންނަމަށް ނަން ބަދަލުވެ، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އެންމެ ޒަމާނީ އާ ޓާމިނަލެއް މިރޭ ހުޅުވުމަކީ މުޅި ގައުމު ފަހުރުވެރިވާނެ ކަމެކެވެ.
އެކި ގައުމުތަކާއި ތަފާތު މާލީ އިދާރާތަކުން އެކި ފަހަރު މަތިން ނެގި ޖުމުލަ 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) އިން ހެދި އާ ޓާމިނަލާ އެކު، ދިވެހިންގެ އެ ޓާމިނަލް ހިންގުމުގައި ވެސް ތިބޭނީ މުޅިން ވެސް ދިވެހިންނެވެ.
ދިވެހިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ރާއްޖޭގެ މައި އެއާޕޯޓު ބޭއްވުމަކީ ދިވެހި ތާރީހަށް ބަލާއިރު ދިވެހިން އެންމެ ބޮޑަށް ގުރުބާންވި އެއް ކަންތައްތަކެވެ. އޭގެ ނަތީޖާއަކީ އެތައް ދަތި އުނދަގުލަކާ އެކު ވެސް އެންމެ މި ޒަމާނުގެ އެއާޕޯޓަކަށް ދިވެހިން އަބަދުވެސް ފަހުރުވެރިވާ ވީއައިއޭ ވުމެވެ. ދިވެހި ޓޫރިޒަމްގެ ފަހުރަކީ ވެސް ހަމަ ދިވެހިން ހިންގާ ދިވެހިންގެ އެއާޕޯޓެވެ. ދުވަހަކު ވެސް ދިވެހިން ދިވެހިންގެ މައި އެއާޕޯޓު އެހެން ބަޔަކަށް ދޫކޮށްލަން ފުރުސަތު ނުދޭކަން ތާރީހު ހެކި ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު.....
26 July 2025
ސީދާ ރައީސްޔާމީންގެ ދުރުވިސްނުން. އެމްޑީޕީ މީހުންވެސް ޖެހޭނެ ހަގީގަތް ގަބޫލުކުރަން
ކަރީމު
27 July 2025
ތިޔައީ ސިޔާސީ ކޮމެންޓެއް މީގެ ކުރެޑިޓެއް ޔާމީނަށް އެކަނި ހައްގެއްނޫން، އޭނާޔަށް ހައްގީ 15 ޕަސެންޓް ޕުލީޒް ހަޖަމު، ނާސިރު އަމަލީގޮތުން ފަށާ އަމަލީގޮތުން އެކަން ނިއްމި ޔާމީނު ޖެހީ ކަނޑައެއް
ކައުންސެލަރު.....
26 July 2025
އަދިވެސް އެމްޑީޕީ މީހުން ތިބޭނީ އެމީހުންގެ މައް ލާޤައުމީ ނުސިޔާނު ފިކުރުގަ. ނަސީދު ޖީއެމްއާރަށް އެއާޕޯރޓް ދިނީމާވެސް އެއްޗެއް ހިތަށްނޭރީ އެހެންވެ. ނަސީދުމެންކަހަލަ މީހުން މިޤައުމުގެ ވެރިކަމަށް އިސްކުރީމާ ދިވެހިންނަށް ލިބުނީ ހުރިހާ ގޮތަކުންވެސް ގެއްލުން. މިއަދު އެއާޕޯރޓްގެ ހައްޤު ޙަޤީޤީ މޭސްތިރިތަކީ ޙަޤީޤީ ބަޠަލަކީ ރައީސްޔާމީން. ރައީސް ޔާމީންއަށް ފަށްފަށުން ޝުކުރު ދަންނަވަން. އެއާޕޯރޓްގެ ރަންވޭ، ކާގޯޓާމިނަލް، ފިއުލްފާމް، އަދި ޓާމީނަލް އަކީ ސީދާ...
ކޮރަލް
26 July 2025
60 އަހަރު ފާހަގަ ކުރާ އިރު އޭރު ދާ އޮހޮރުވާ ބުރަ މަސައްކަތް ކުރި ބަޔަކު މިހާރު ދުނިޔޭގަ ހުރިތޯ ބަލާ ތިޔަ ތަނަށް ދައުވަތީގެން ގެންދިއުން ވ މުހިއްމު ކަމެކެވެ. އެއީ އެތައް ބައެއްގެ މަސައްކަތެވެ.
ޢެޑްމުންޑޯ
26 July 2025
އެއަރޕޯޓްގެ މަސައްކަތްކުރި މަދު ބަޔަކު އަދިވެސް ދުނިތޭގައި އެބަތިބި ، ނާސިރުގެ ފަހުން އެއަރޕޯޓް ޒަމާނީ ފެނއވަރަކަށް 1980 ގައި އަލުން ހަދާފައިވަނީ މައުމޫން ، އޭރުމަސައްކަތްކުރި އޭރުގެ ޒުވާނުންވެސް މިހާރު އުމުރުން 65 ، 70 ، 80 ގުނަމުން ދުނިޔޭގައި އެބަތިބި ،
ޠާސޫ
26 July 2025
މިތަނަށް އަސްލު ކިޔަންވާނ " ޔާމީން އިންޓަނޭޝަނަލް ޓާރމިނަލް"
12122222
26 July 2025
ޖޯކެއްތަ!!!! އަަދީބް އިންޓަރނޭޝަނަލް ކިއުން ކިހިނެއް!!!!
މުޞްލިޙް87
26 July 2025
މި އައު ގިމަތައިގެ ނަން އެންމެ ފުރަތަމަ މި ވައިގެބަނދަރު ހެދުމަށް މަސައްކަތް ކުރި ދިވެހިންނަށް ޚާއްޞަކުރަން ފެނޭ.
ރޯނުއެދުރުން
26 July 2025
މިއޭ އަހަރުން މިދައްކާ ވާހަކައަކީ. އޭރުގެ ވަސީލަތްތަކާ އެކު ދާއޮހޮރުވައިގެން އެއާޕޯޓް ހެދުނޭ. އެހެން އެއްވެސް ބައެއްގެ އެހީތެރިކަމެއް ނެތިއޭ. އެކަމަކު މިހާރު މިއުޅޭ ސިޔާސީ ބަޅިނދުތަކަށް ހީވަނީ ދިވެހިންނަކަށް މިކަން ނުކުރެވޭނެ ކަމަށް. އިބްރާހިމް ނާސިރުގެ ހުރި ގަދަފަދަ ހިތްވަރާ އަޒުމެއް ހުރި ހަމައެކަކުވެސް މިހާރަކު ނެތޭ. ހުސް ބޭކާރު އަނގަތަޅާ ރޯނުއެދުރުންނޭ މިތާ މިހާރު މިތިބީ..
ކަރީން
26 July 2025
ނާސިރު މިއީ ލެޖެންޑެއް ހަމަ! އޭނަ 1980 އަދި 1990 ގައި ރާއްޖޭގެ ވެރިކަން ކުރިނަމަ ރާއްޖެ އޮންނާނީ ސިންގަޕޫރު ފެންވަރުގައި! މައުމޫނު އަކީ ވިޔަފާރި އެނގޭ މީހެއް ނޫން ކަމުން މައުމޫނު ބެލީ ތައުލީމު ހޯދައިދޭން! ނާސިރު ހުރީ މެގަ ޕްރޮޖެކްޓް ޖައްސާ ވިސްނުން! އެހެންކަމުން ސުވާލަކީ މައުމޫނުގެ 30 އަހަރަކީ ރާއްޖޭގެ ތަރައްގީއަށް ގެއްލިގެން ދިޔަ 30 އަހަރުހޭ! ސޭޑްލީ ވީ ވިލް ނެވަރ ނޯ!